Roadha Mihaaru

ކުޅުދުއްފުށީ ފްރީޒޯނާ އެކ، ރީއެސްޕޯޓް ވިޔަފާރީގެ ފުރުސަތު އުތުރަށް

އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި އެ ސަރަހައްދުގެ މައި ބަނދަރު، ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނާ އެކު، ރާއްޖޭގައި ރީއެސްޕޯޓު ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ފްރީޒޯނާއެކު ރީއެސްޕޯޓް ފުރުސަތު އުތުރަށް

އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި އެ ސަރަހައްދުގެ މައި ބަނދަރު، ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނާ އެކު، ރާއްޖޭގައި ރީއެސްޕޯޓު ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެ ބަނދަރުގައި ޑިއުޓީ ފްރީ ޒޯނާ އެކު އިތުރު ހިދުމަތްތަކެއް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައީދު އިއްޔެ ވިދާޅުވީ، ރީއެސްޕޯޓު ކުރުމަށް ރާއްޖެ އަށް އެތެރެކުރާ އެކި ބާވަތްތަކުގެ މުދާ، ޑިއުޓީ ނުދައްކާ އެ ޒޯނުގައި ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ގާއިމުކުރި އެންމެ ފުރަތަމަ ފްރީޒޯނުގައި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލާއި ޑްރައި ގުޑްސް އަދި ބަލްކް ކާގޯ ބެހެއްޓޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ބަނދަރަށް ގެންނަ ހިސާބުން ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށެވެ.

ރާއްޖެ އަށް މުދާ އެތެރެކޮށް، އަގު އެއްކޮށް ނުވަތަ ވެލިއު އެޑްކޮށްގެން، ރީއެސްޕޯޓު ކުރުމުގެ ފުރުސަތު ވެސް މި ޒޯނުގެ ތެރެއިން ފަހިވާނެ މިނިސްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް މި ތަނަށް ވަކި ކަހަލަ މުދަލެއް ގެންނަނީ. ގެނެސް ޑިއުޓީ ފްރީ ޒޯނުގައި ބަހައްޓަންވީ. ބަހައްޓާފައި ވިޔަފާރިވެރިން ބޭނުންވަނީ ވެލިއު އެޑްކޮށްފައި ރީއެކްސްޕޯޓް ކުރަން. އެހެންވީމާ ރީއެކްސްޕޯޓް ކުރެވޭނެ އިންތިޒާމު މި ދިޔައީ ފަހިވެގެން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރީއެކްސްޕޯޓު ވިޔަފާރިފުޅާކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ދެކުނާއި މެދުރާއްޖެތެރޭގައި ވެސް މިފަދަ ފްރީޒޯނުތައް ގާއިމުކުރުމުގެ ވިސްނުން ހުރި ކަމަށް ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމެވެ.