Roadha Mihaaru
"އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ރާއްޖެ ހަދާނަން"

ރާއްޖެއަކީ އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ހަދާނަން: ސައީދު

03 ސެޕްޓެމްބަރ 2024

ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަކޮށް، ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކެއް އިންވެސްޓަރުންނަށް ހޯދައިދޭން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަކޮށް، ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކެއް އިންވެސްޓަރުންނަށް ހޯދައިދޭން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އވެ.

ފޮރިން އިންވެސްޓްމެންޓްގެ އާ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށީ ވިޔަފާރިވެރިންނަށް އިތުބާރާއި ޔަގީންކަން ލިބޭނެ ފަދަ މާހައުލެއް ހޯދުމަށް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އާ ގާނޫނުތައް މެދުވެރިކޮށް ވިޔަފާރިތަކަށް އިތުރު ލުއިތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ގާނޫނުގައި ޒަމާނަށް ފެތޭ އުސޫލުތަކެއް ހިމަނާފައިވާއިރު އިންވެސްޓަރުންނަށް އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިންވެސްޓްމެންޓް ޕްރޮޓެކްޝަން ޕްރޮމޯޝަނެއް މިހާ ހިސާބަށް އައިއިރު ހެދިފަ، އެކަން ފާހަގަ ކުރެވޭނެ ޖާގަ މި ގާނޫނުން ދޭނެ. މިސާލަކަށް އަބޫދާބީ އާއި ދިވެހިރާއްޖެއާ އެފަދަ އެގްރީމެންޓެއްގައި ސޮއި ކުރެވިއްޖެއްޔާ އެމިރޭޓްސްއަށް ވެސް އަދި އަބޫދާބީގައި ރަޖިސްޓާވެފައިވާ ވިޔަފާރިއަކަށް ވެސް ދެވަނަ ޔަގީންކަން އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކުރީގެ ގާނޫނުގައި އެންމެ ބޮޑަށް އިސްކަން ދިނީ ރާއްޖޭގެ ގައުމީ ސަލާމަތަށް ކަމަށާއި ނަމަވެސް އާ ގާނޫނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޓްރާންޕޭރެންސީ އާއި އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ގާނޫނުގެ ތެރެއިން ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރިޔަސް، ރާއްޖޭގެ ވިޔަފާރިވެރިންގެ މަސްލަހަތު ވެސް ރައްކާތެރި ކުރާނެ ކަަމަށެވެ. އަދި ބޭރު މީހުންނަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭ ދާއިރާތައް ކަނޑައަޅާނީ ވެސް އެކަންކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ގާނޫނު ތަސްދީގު ކުރުމުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިންވެސްޓް ކުރާނެ ދާއިރާތައް ކެބިނެޓުން ފާސްކުރަން ޖެހޭނެ އެވެ. އަދި ބޭރު މީހުންނަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމުން، އެކަމަށް ނަގަންޖެހޭ ހުއްދަތައް މިހާރު އިންވެސްޓްކޮށްފައިވާ ފަރާތްތަކުން ވެސް އަލުން ނަގަން ޖެހޭނެ އެވެ.

އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ލައިސެންސް ހޯދަން ޖެހޭނެ އެވެ. އަދި އިންވެސްޓް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމެނޭ ކަންކަން ފުރިހަމަވެފައިވާ ނަމަ އެ ހުށަހެޅުން އިކޮނޮމިކް މިނިސްޓްރީއަށް ލިބޭ ހިސާބުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކަށް ހުއްދަ ދިނުމާ މެދު ގޮތެއް ސަރުކާރުން ކަނޑައަޅަން ޖެހޭނެ އެވެ.