Roadha Mihaaru
ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ދެނީ

ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ހާއްސަކުރަނީ

05 ޖެނުއަރީ 2024

ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރީއެކްސްޕޯޓު ވިޔަފާރި އަށް ހާއްސަ ކޮށްގެން އުފައްދަން ނިންމާފައިވާ ކުންފުނީގެ މަސައްކަތްތަކަށް 100 ހެކްޓަރުގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރީއެކްސްޕޯޓު ވިޔަފާރި އަށް ހާއްސަ ކޮށްގެން އުފައްދަން ނިންމާފައިވާ ކުންފުނީގެ މަސައްކަތްތަކަށް 100 ހެކްޓަރުގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރި އަށް ހާއްސަކޮށް 100 ޕަސެންޓު ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފެއްދުމަށް ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ އަށް ފުޅާކޮށް، އެ މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ތިލަފުށްޓާއި އެ ސަރަހައްދުން ހިއްކާ އެހެން ބައެއް ބިންތަކުގައި ރީއެކްސްޕޯޓު ކުރުމަށް ހާއްސަ ޒޯނެއް ކަނޑަޅަން ނިންމާފައިވާ ކަމަށެވެ.

ރޭގެ ހަފުލާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރޭގެ ހަފުލާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީއެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެން ދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަލަށް އުފައްދާ ފްރީޒޯން ކުންފުންޏަށް ތިލަފުށި ސަރަހައްދުން ހިއްކާ ބިމުން 100 ހެކްޓަރު، ރީއެކްސްޕޯޓު ކުރުމުގެ މަސައްކަތަށް އެސްއީޒެޑެއްގެ ގޮތުގައި ހާއްސަ ކުރާނެ އެވެ.

އެ ތަނުގައި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ރޯ މެޓީރިއަލްސް އާއި ރާއްޖޭގައި ހެދޭ ކާބޯތަކެތި ވެސް އެ ކުންފުނިން އުފައްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަލަށް އުފައްދާ ފްރީޒޯން ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުދާ އިތުރުކޮށް، އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓު ކޮށްގެން އާމްދަނީ އިތުރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ކުންފުނި އުފައްދަނީ ފަސް ކުންފުންޏެއްގެ ބައިވެރިވުން އޮވެގެންނެވެ. އޭގެ ތެރޭގައި އެސްޓީއޯ އާއި އާބަންކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނެ އެވެ.

އެ ކުންފުނި އުފެއްދުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވީ މިއީ ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދުގައި ތިން ވަނަ ހަރަކާތެއް އުފެއްދުމުގެ ފެށުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ކުންފުނި އުފެއްދުމަށްޓަކައި ބިމާއި މުވައްޒަފުންނާއި ކެޕިޓަލް އަދި ވަސީލަތްތައް ހަމަޖައްސާނެ ކަމަށެވެ.