Roadha Mihaaru
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް

އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

12 މެއި 2024

އެސްއީޒެޑްގައި ހިމެނޭ މުހިންމު ދެ މަޝްރޫއެއް ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްއީޒެޑްގައި ހިމެނޭ މުހިންމު ދެ މަޝްރޫއެއް ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ މިއަދު ހަވާލުކޮށްފި އެވެ.

މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިފްޒާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕެޑަސަން އެވެ.

އިފްޒާއާ ހަވާލުކުރީ ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހެދުމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޑަސްޓްރިއަލް، ފައިނޭޝަލް އަދި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކެއް ތަރައްގީ ކުރުމުގެ އިތުރުން އިހަވަންދިއްޕޮޅުގައި މީހުން ދިރިއުޅުމަށް ހާއްސަ ސަރަހައްދެއް ވެސް ކަނޑައަޅާނެ އެވެ. އެ ސަރަހައްދުން 2،500 ހެކްޓަރުގެ ބިން ހިއްކަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އިފްޒާގެ ޗެއާމަން މާޓިން އާއި އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދުގެ ހަފުލާގައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިފްޒާގެ ޗެއާމަން މާޓިން އާއި އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދުގެ ހަފުލާގައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިފްޒާއަކީ ބޭންކިން އާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ އިތުރުން ކޯޕަރޭޓް ޓްރެއިނިން ދިނުމުގައި ދުބާއީގައި މަޝްރޫއު ކުންފުންޏެކެވެ. އެއީ ދުބާއީގެ ކުންފުންޏަކަށް ވިޔަސް، ޗައިނާ އާއި ޖަރުމަނާއި ސްވިޒަލެންޑާއި ސްޕެއިން އާއި ސީޝެލްސް ފަދަ ގައުމުތަކުގައި އެ ކުންފުނީގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.

އިފްޒާގެ ޗެއާމަން މާޓިން ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން، އެ ކުންފުނީގެ ގްލޯބަލް ކަނެކްޝަނާއި ތަޖުރިބާ އާއި ފަންނީ އެހީތެރިކަން ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ. މި ބަދަލު ފެންނާނީ ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށްގެން،" އޭނާ ވިދާޅުވި އެވެ.

މާޓިން ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ކޮންފަރެންސް ސެންޓަރަކާއި ހޮޓެލާއި ރިއަލް އެސްޓޭޓް ގާއިމް ކުރާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ފުނަދޫ ތަރައްގީކޮށް ނިމޭ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއާ ގުޅާލެވޭނެ ކަމަށެވެ. މި އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ، މިއަދުގެ އެމްއޯޔޫ އެއްބަސްވުމަށް ފަހު، މުޅި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތް ތަފްސީލުކޮށް ރާވާނެ ކަމަށެވެ.

"މިސާލަކަށް ޕޯޓު ހިންގުން، ލޮޖިސްޓިކްސް، އެތާ އެބަހުރި ވަރަށް ގިނަ ބިޒްނަސްތައް. އެ ކޮންމެ ބިޒްނަސްއެއް ހިންގާ މީހުން ތަފާތު ވެދާނެ. އެ ޑީޓެއިލް އަށް ދާނީ މަޝްރޫއުގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފޮނަދޫގައި ހިންގާ މަޝްރޫއު އެއް ފިޔަވައްސަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އުތުރުގައި ހިންގާ މަޝްރޫއު ކުރިއަށް ގެންދާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

އިފްޒާއާ އެކު ސަރުކާރުން އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އިފްޒާއާ އެކު ސަރުކާރުން އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

ސައީދު ވިދާޅުވީ، ދުބާއީގެ އިފްޒާ ކުންފުނިން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރީ، ދުބާއީ އިންވެސްޓްމެންޓް ފޯރަމްގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ، އިފްޒާއާ އަކީ މިފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ހުރި ކުންފުންޏެއް ކަމަށާއި ދުބާއީގައި އެ ކުންފުނީގެ ކާމިޔާބު މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ރާއްޖޭގައި ވެސް އެފަދަ ކާމިޔާބު މަސައްކަތްތަކެއް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުތަކާ އެކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖެ އަށް މި ލިބިފައި އޮތް މެންޑޭޓުގައި ބަދަލެއް ގެންނަން. ކުރިއެރުމެއް ގެންނަން. ރައީސްގެ ވިސްނުންފުޅަކީ ވިޔަފާރިވެރިން ފަސްޖެހުމެއް ނެތި، ބައިވެރިވެވަޑައިގަތުން،" ސައީދު ވިދާޅުވި އެވެ.