Roadha Mihaaru
ފޮރިން އިންވެސްޓްމެންޓްގެ އާ ބިލެއް މަޖިލީހަށް

އިންވެސްޓަރުންނަށް ފުރުސަތުތައް ފަހިކޮށްދޭން، ފޮރިން އިންވެސްޓްމެންޓްގެ އާ ބިލެއް މަޖިލީހަށް

14 އޯގަސްޓް 2024

ރާއްޖޭގައި އިންވެސްޓް ކުރުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް އާ ފޮރިން އިންވެސްޓްމެންޓް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އިންވެސްޓް ކުރުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް އާ ފޮރިން އިންވެސްޓްމެންޓް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.

މި ބިލާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، 45 އަހަރުވެފައި އޮތް ފޮރިން އިންވެސްޓްމެންޓް ގާނޫނު އާ ކޮށްގެން، އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ގާނޫނީ ގޮތުން ލިބޭނެ ކަމަށެވެ.

އާ ބިލްގައިވާ ގޮތުން ރާއްޖޭގައި އެކި ދާއިރާތަކުން ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަނެ، ދިރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް ހަދާނެ އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ ގާނޫނުގައި ކަނޑައަޅާ ދާއިރާތަކުގަ އެވެ. އަދި އެކަން ކުރުމަށް ހުއްދަ ހޯދަން ޖެހޭނެ އެވެ. އެގޮތުން ހުޅުވާލާފައިވާ ދާއިރާތަކާއި ޝަރުތުތަކާ އެކު އިންވެސްޓްކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެ އެވެ.

އިންވެސްޓަރުން އިންވެސްޓް ކުރާނެ ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު އެވެ.

އެ ބިލްގައިވާ ގޮތުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ލައިސެންސް ހޯދަން ޖެހޭނެ އެވެ. އަދި އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނާ އެންމެހާ ކަންކަން ފުރިހަމަވެފައިވާ ނަމަ އެ ހުށަހެޅުން އިކޮނޮމިކް މިނިސްޓްރީއަށް ލިބޭ ހިސާބުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ވާނެ އެވެ.

ހުއްދަ ދީފައިވާ ވިޔަފާރިއެއް ނޫން އެހެން ވިޔަފާރިއެއް ކުރާ ނަމަ މުޅި ވިޔަފާރީގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. ފޮރިން އިންވެސްޓްމެންޓް ލައިސެންސް ހޯދުމުގައި ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާ ކަން ސާބިތުވެއްޖެ ނަމަ އެއް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.