Roadha Mihaaru

އަސާސީ މުދަލުގެ އަގު މައްޗަށް، މޭވާގެ އަގު 10 ޕަސެންޓް ބޮޑު

ކޮންމެހެން ބޭނުންވާ، އަސާސީ މުދަލުގެ އަގުތައް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އަސާސީ މުދާ އަގު ބޮޑުވެއްޖެ، މޭވާގެ އަގު ވަކިން ބޮޑު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

03 ސެޕްޓެމްބަރ 2025

ކޮންމެހެން ބޭނުންވާ، އަސާސީ މުދަލުގެ އަގުތައް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެ އިދާރާއިން މިއަދު އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.

އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދައްކަ އެވެ.

ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ބުއިންތަކުގެ އަގު މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓް މަހު ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު އެ ބާވަތްތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. އެއީ 1.58 ޕަސެންޓަށެވެ.

ރީތިވާ ސާމާނާއި އެ ނޫން ވެސް "ޕާސަނަލް ކެއާ" ކެޓަގަރީގައި ހިމެނޭ ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ 4.33 ޕަސެންޓް ބޮޑުވެފައިވާ ކަމަށް ވެސް އީސީޕީއައި އިން ދައްކަ އެވެ.

ޒަރޫރީ ތަކެތީގެ ތެރެއިން އަގަށް ބަދަލެއް އައިސްފައިނުވަނީ ގޭހާއި ތެލަށެވެ.