ދިވެހިން އާއްމުކޮށް ބޭނުންކުރާ މޭވާގެ ތެރޭގައި ހިމެނޭ އާފަލާއި އޮރެންޖްގެ އަގު ރާއްޖޭގައި އިންތިހާއަށް ބޮޑުވުމަށް ފަހު ވަރަށް ބޮޑަށް އަގުހެޔޮ ވެއްޖެ އެވެ.
19 ސެޕްޓެމްބަރ 2025
ދިވެހިން އާއްމުކޮށް ބޭނުންކުރާ މޭވާގެ ތެރޭގައި ހިމެނޭ އާފަލާއި އޮރެންޖްގެ އަގު ރާއްޖޭގައި އިންތިހާއަށް ބޮޑުވުމަށް ފަހު ވަރަށް ބޮޑަށް އަގުހެޔޮ ވެއްޖެ އެވެ.
ބާޒާރުގައި އޮރެންޖު ކިލޯއެއްގެ އަގު 80ރ. ގައި ހުރުމަށް ފަހު މިހާރު ހުރީ 33ރ. އަށެވެ. ރަތް އާފަލު ކިލޯއެއްގެ އަގު ކުރިން 80ރ. އަށް އެރި ނަމަވެސް މިހާރު ވަނީ އޭގެ އަގު ވެސް 44ރ. އަށް ވެއްޓިފަ އެވެ.
ބާޒާރުގައި އޮރެންޖާއި ރަތް އާފަލު ކިލޯއެއް މި އަގަށް ލިބެން ހުރި އިރު ކުދި ފިހާރަތަކުން އޮރެންޖެއް ވަކިން ވިއްކާ އަގު ވެސް މިހާރު ހުރީ އާންމުކޮށް 3.50ރ. އަށެވެ.
އޮރެންޖާއި ރަތް އާފަލުގެ އަގު ހެޔޮ ވިޔަސް ފެހި އާފަލުގެ އަގު އަދި ހެވެއް ނުވެ އެވެ. ފެހި އާފަލު ކިލޯއެއް މިހާރު ވެސް ހުރީ 63ރ. އަށެެވެ. ބައެއް ވިޔަފާރިވެރިން ބުނިގޮތުގައި ފެހި އާފަލުގެ އަގަށް އަދި ބަދަލު ނާންނަނީ އާ ސްޓޮކް އަދި ރާއްޖެ އަށް ނާންނާތީ އެވެ.
ރާއްޖޭގެ އާންމު ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު އުފުލުމާ ގުޅިގެން އެސްޓީއޯ އިން ވަނީ އެ ބާވަތުގެ ބޮޑު ސްޓޮކެއް ރާއްޖެ ގެނެސް ވިއްކަން ފަށައިފަ އެވެ. އޭގެ ސަބަބުން ވެސް އަގުތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 23 ބާވަތެއް ދާއިމީކޮށް ގެންނަން އެސްޓީއޯ އިން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި ކާށި، މުގު، ކުކުޅު ބިހެވެ. އެސްޓީއޯ އިން ވަނީ އެއީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް ލައިފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެ ބަދަލާ އެކު، ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެ ކަމަށެވެ.
އިއްޔެ ޕޮޑްކާސްޓް ޝޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާފަލާއި އޮރެންޖު ދާއިމީކޮށް އެސްޓީއޯ އިން ގެންނަން ނިންމުމަކީ ރައްޔިތުން ކުރާ ވިޔަފާރި އަށް ވަނުން ނޫން ކަމަށާއި ބޭނުމަކީ ހެޔޮއަގުގައި އެ ބާވަތްތައް އެންމެންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުމެންގެ ރައްޔިތުންނަށް އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގެއްލުންތަކެއް ވާކަށް. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހުރިހާ ހިދުމަތެއް ލިބެން. އޭގެ ސަބަބުން ކޮމްޕެޓިޝަން އުފެދިގެން ދާނެ،" ރައީސް އިއްޔެ ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ މީހުންނަށް ބީއެމްއެލް މެދުވެރިވެގެން ޑޮލަރު ދޫކުރުމުގެ "ދީލަތި" ފުރުސަތެއް މިއިން ދުވަހަކު ވެސް ނުދޭ ވަރަށް އަންނަނީ ދެމުންނެވެ.
ބީއެމްއެލް އިން މި މަހުގެ ކުރީކޮޅު ބުނެފައި ވަނީ ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ 12 މަސް ދުވަހު ޓީޓީ ހެދުމަށް އެ ބޭންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު އެކަނި ވެސް ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކާފައިވާ އަރާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އާފަލާއި އޮރެންޖް ހިމެނޭ ގޮތުން މޭވާ އާއި ތަރުކާރީގެ އަގު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އުފުލިފައިވާ ކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިމަހުގެ ތިން ވަނަ ދުވަހު ނެރުނު އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް އިން ދެއްކި އެވެ.
އެ ރިޕޯޓް ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު އަގުތައް ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދެއްކި އެވެ.
މޭވާ އާއި ތަރުކާރީ މަދުނުވާ ވަރަށް ގެނެވޭނެ: އެސްޓީއޯ
23 ބާވަތެއްގެ އަގު ހެޔޮކުރަނީ
މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަނީ
އަގުބޮޑުވިޔަސް މޭވާ/ތަރުކާރީގެ ސަޕްލައި ހިފެހެއްޓިފައި
އަސާސީ މުދާ އަގު ބޮޑުވެއްޖެ، މޭވާގެ އަގު ވަކިން ބޮޑު
ބަލަންތިއްބާ ކޮންޓްރޯލް ނަގައި ބިދޭސީން މަހުޖަނުންނަށް!
ރާއްޖޭގައި ހެއްދި ބަރަބޮލެއްގައި 25 ކިލޯ
ކާނާގެ އަގު ދުނިޔޭގެ ބާޒާރުގައި 13 ޕަސެންޓް މައްޗަށް
ފަރަންސޭސި ވިލާތް ޕްލާސްޓިކަށް ނޫނެކޭ ބުނަނީ
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ