09 ފެބުރުއަރީ 2023
ބާޒާރުމަތީގައި، ކުޑަކުޑަ ތަންކޮޅެއްގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ތަނަކަށް ގޮސް، މިއީ ކާކުގެ ތަނެއްތޯ އެހުމުން އެތާނގައި ހުރި ބިދޭސީ މީހާ ބުންޏެވެ: "މިއީ ބޮސްގެ ތަނެއް. އަހަރެން ބަލަހައްޓަނީ."
ބާޒާރުމަތީގައި، ކުޑަކުޑަ ތަންކޮޅެއްގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ތަނަކަށް ގޮސް، މިއީ ކާކުގެ ތަނެއްތޯ އެހުމުން އެތާނގައި ހުރި ބިދޭސީ މީހާ ބުންޏެވެ: "މިއީ ބޮސްގެ ތަނެއް. އަހަރެން ބަލަހައްޓަނީ."
އެކަމަކު އޭނާއާ ދެއްކި ވާހަކަ ނިމުނު އިރު އެތާނގައި ހުރި ހުރިހާ މުދަލަކީ ވެސް، އަދި އެ ތަނަކީ ވެސް އޭނާގެ އަމިއްލަ ތަނަކަށް ވެ ނިމިއްޖެ އެވެ.
ހަމައެކަނި މާލޭގެ ބާޒާރުމައްޗާއި ބާޒާރުމައްޗާ ގުޅިފައި ހުރި ކުދިކުދި ގޯޅިތަކާއި މަގުތަކުގައި ހުރި ގިނަ އަދަދެއްގެ ފިހާރަތަކަށް ވަދެލުމުން، ވިޔަފާރީގެ ތެރޭގައި އޮތް، ބިދޭސީންގެ ކޮންޓްރޯލް ވަރަށް ސާފުކޮށް ފެނެ އެވެ. ކުލި ބޮޑުވެގެން ދިވެހި ބައެއް އާންމު ވިޔަފާރިވެރިންނަށް އަތް ނުލެވޭ ފިހާރަތަކަށް އެއްފަހަރާ ބޮޑު އެޑްވާންސެއް ދީގެން ބިދޭސީން ކުއްޔަށް ނަގައިގެން އެބަ ހިންގަ އެވެ. ބޭރުން މުދާ ގެނެސްގެން ފުޅާ ދާއިރާއެއްގައި އެބަ ހޯލްސޭލް ކުރެ އެވެ. އެންމެ މަތިން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނަށް މުޅިން ވެސް ބިދޭސީން ލައިގެން އެތައް ބައިވަރު އިންޑިއާ މީހުންނާއި ލަންކާ އަދި ބަންގްލަދޭޝްގެ މީހުން މާލޭގައި އެބަ އެކި ބާވަތުގެ އެހެން ވިޔަފާރިތައް ކުރެ އެވެ. ބޮޑެތި ގުދަންތައް ހިފައިގެން، އެ މީހުން ކުރާ އެ ވިޔަފާރިތައް މިހާރު އޮތީ އަތްލެވޭ ހިސާބަށް ވުރެ މާ ފުޅާ ވެފަ އެވެ.
"މިހާރު" އިން ބެލިބެލުމުން، މުޅި މާލޭގައި އެކަނި ވެސް، ހަމައެކަނި ނަމެއްގައި ދިވެއްސަކު ބަހައްޓާލައިގެން، އަދި އޭނާ އަށް ކޮންމެ މަހަކު ކުޑަކުޑަ މުސާރައެއް ދީގެން ބިދޭސީން ހިންގާ އެތައް ފިހާރައެއް، ރެސްޓޯރަންޓެއް، އަދި މޮބައިލް ފޯނު ވިއްކާ/ މަރާމާތު ކުރާ ފިހާރަތައް އެބަހުއްޓެވެ. ބާޒާރުމަތީގައި އެކަނި ވެސް އަދި ހަނި ގޯޅިތަކުގައި އެކަނި ވެސް އެތައް ބައިވަރު ފިހާރައެއް އެ މީހުންގެ އެބަހުއްޓެވެ. އޭގެ ތެރޭގައި ތަރުކާރީ އާއި މޭވާ ވިއްކާ ގިނަ ފިހާރަތަކެއް ވެސް ހިމެނެ އެވެ.
ތަރުކާރީ ހޯލްސޭލްކޮށް ވިއްކާ ފިހާރައެއް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ތަރުކާރީ އާއި މޭވާގެ 70 ޕަސެންޓް ވިޔަފާރި މިހާރު އޮތީ ބޭރު މީހުންގެ އަތް ދަށުގައި. ބޭރުން ގެންނަނީ ވެސް އެ މީހުން. މިކަން ކުރަން ބޭނުންވާ މީހުންނާއި ތަކެތި ގަންނަން ޖެހެނީ ހަމަ އެ މީހުންގެ އަތުން،" ބާޒާރުމަތީގައި ވިޔަފާރިކުރާ ދިވެއްސަކު ބުންޏެވެ.
"މާލޭގެ އެންމެ އަގުބޮޑީ ބާޒާރުމަތީގެ ފިހާރަތައް. ދިވެހިންނަށް އިންވެސްޓް ވެސް ކުރަން ޖެހިލުންވާ ވަރުގެ ތަންތަން ދިވެއްސެއްގެ ނަމުގައި ނަގައިގެން އެތައް ފިހާރައެއް އެބަ ހިންގާ. މާލެ ތެރޭގައި މާޓްތައް އެއޮއް ހިންގަނީ. ކަނޑައެޅިގެން އެންމެންނަށް ވެސް އެބަ އެނގޭ އެއީ ބިދޭސީންގެ ނޫނީ އިންޑިއާ މީހުންގެ ތަންތަން ކަން."
އެއްވެސް ކަމެއް ނުކޮށް ކޮންމެ މަހަކު ވެސް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ބޭނުން ނަމަ، އެންމެ ކުރު މަގަކީ ވިޔަފާރިއެއް ފެށުމަށް ބިދޭސީއަކަށް އެހީވުމެވެ. ހަމައެކަނި ވިޔަފާރި ރަޖިސްޓްރީކޮށްލައިގެން ބައެއް މަސްމަހު ދިވެހި މީހާ އަށް 10،000ރ. ވެސް ލިބެ އެވެ. އޭނާ ކުރަން ޖެހޭ އެއްވެސް ކަމެއް ނޯވެ އެވެ. ވިޔަފާރި އޮންނާނީ އޭނާގެ ނަމުގަ އެވެ. އެކަމަކު، އެކަން ހިންގާނީ ބިދޭސީންނެވެ. އެ ވިޔަފާރި ގާނޫނުގެ ތެރެއަށް ހަގީގަތުގައި ވެސް އެބަ ފެތެ އެވެ.
"އެތަންތަން މެނޭޖުކޮށް ބަލަހައްޓާ ހުރިހާ ކަމެއް ކުރަނީ ބިދޭސީން. އެ މީހުންނަށް އޭގެ ފައިދާ ވާނީ. ދިވެހި މީހާ އަށް ލިބޭނީ ހަމައެކަނި ކުލި ނުވަތަ މަހު ފީއެއް،" އޭނާ ބުންޏެވެ.
މާލޭގައި ބިދޭސީން އާންމުކޮށް ވިޔަފާރިތައް ހިންގަނީ މިގޮތަށެވެ. މުއްސަނދި ބިދޭސީއަކު އެކަނިމާ އެކަނި ފިހާރަ ހިންގިޔަސް، މާލެ އައިސްތިބި ބައެއް ބިދޭސީން ހަތަރު ފަސް މީހުން ގުޅިގެން ވެސް ބައެއް ތަންތަން އެބަ ހިންގަ އެވެ. އަދި ދިވެހިންނާ އެކު، ޕާޓްނަޝިޕް ހަދައިގެން ވިޔަފާރިކުރާ ބިދޭސީން ވެސް މަދެއް ނޫނެވެ. އެގޮތަށް ހިންގާ ބައެއް ހޮޓާތައް އެބަހުއްޓެވެ. އަދި ކަންމަތީ ފިހާރަތައް ވެސް އެބަހުއްޓެވެ. ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތައް، އެ ގޮޅިތައް ލިބުނު ދިވެހިންގެ އަތުން ނަގައިގެން ހަތަރު ފަސް ބިދޭސީން ވެގެން ގުޅިގެން ވެސް އެބަ ހިންގަ އެވެ.
މަޖީދީ މަގު ގޮޅިއެއްގައި ހުއްޓިލައިގެން ހުރި ބިދޭސީއަކު--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތަކުގެ ކުއްޔަށް މަހަކު 2،500ރ. ދައްކަން ޖެހޭ އިރު، ބިދޭސީ މީހާއަށް ކުއްޔަށް ދެނީ 5،000ރ. އަށެވެ. ދެތިން ހާސް ރުފިޔާ އަށް ލިބޭ ގޮޅި، 15،000ރ. އަށް ވެސް ދޫކޮށްފައި އެބަހުއްޓެވެ.
"ބައެއް މީހުން އެބަ ވިޔަފާރި ރަޖިސްޓްރީ ހަދައިދޭ 2،000ރ. އަށް. އެ ވަރު ކޮންމެ މަހަކު ލިބެނިކޮށް ދިވެހި މީހާއަށް އޯކޭވޭ. ދެން އިތުރަށް އެ ބިދޭސީ މީހާ ކުރާ ވިޔަފާރީގެ ތަފްސީލު ވެސް ނުހޯދާނެ،" ލޯކަލް މާރުކޭޓުގައި އެކަން ހިނގާ ގޮތް، މީހަކު ކިޔައިދިނެވެ.
ގޮޅިތަކުން މާބޮޑު މަސައްކަތެއް ނުކޮށް ކުލި ލިބުމުން ދިވެއްސަކަށް ފުދެ އެވެ. އިކޮނޮމިކް މިނިސްޓްރީ ދޭތެރެއަކުން ގޮސް، ފިޔަވަޅެއް އެޅުމުން ގޮޅިތަކަށް ދިވެހިން ވެސް ލަ އެވެ. ކޭޝިއަރުންގެ ގޮތުގައި ދިވެހިން ތިބެން އޮތް ނަމަވެސް، އެކަމެއް އެގޮތަކަށް ދާއިމީއެއް ނުވެ އެވެ.
ރާއްޖެ އަށް މާ ކުރިން ފެށިގެން ވެސް މޭވާ އާއި ތަރުކާރީ އެތެރެކުރަމުން އަންނަ މައިގަނޑު އެއް ގައުމަކީ އިންޑިއާ އެވެ. މިރުހާއި ބިހާއި އަލުއްވާއި ފިޔާ ވެސް އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާ އިންނެވެ.
"މިހާރު ބާޒާރުމަތިން އާދަޔާހިލާފަށް ގިނައިން އިންޑިއާ މީހުން ފެންނާނެ،" ލޯކަލް މާރުކޭޓު ސަރަހައްދުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.
"އެތިއެތިކޮޅު ހިފައިގެން އައިސް އެ މީހުން އެ ވިއްކަނީ. ރާއްޖެ އެތެރެކޮށްފައި ގުދަންތަކުގައި ބަހައްޓައިގެން އެ މީހުން ބަންގްލަދޭޝް މީހުން ލައްވާ މަގުމަތީގައި ވެސް އެ ވިއްކަނީ. މިއީ ބޮޑުވެއްޖެ މައްސަލައެއް. ހަމައެއް ލަމައެއް އުސޫލެއް އޮންނަނީއެއް ނޫން. މިކަން ބަލާނެ ބަޔަކު ވެސް ތިބީއެއް ނޫން."
"ކުދިކުދި ތަންތަންކޮޅުގައި އެ މީސްމީހުން ފޮށިފޮށިގަނޑަށް އެއްޗެހި އަޅައިގެން އެ ތިބީ ވިއްކަން. އަޅުގަނޑުމެން ޖީއެސްޓީ އާއި ކުލި ދައްކައިގެން މިކަން ކޮށްކޮށް ތިއްބާ އެއްވެސް ޓެކްސްއެއް ނުދައްކާ މަގުމަތީގައި ތިބެގެން އެ ވިއްކަނީ."
އަމީނީމަގު މާރުކޭޓުގައި ހުރި ބިދޭސީ ވިޔަފާރިއަކު-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ލޯކަލް މާރުކޭޓު ވެސް އޮތީ ހަމަ އެ ހާލަތުގަ އެވެ. އެ ތަނަށް ބޭނުންވާ ހުރިހާ ބާވަތެއް ގަންނަން ޖެހެނީ އިންޑިއާ މީހުންގެ އަތުންނެވެ. ރާއްޖޭގައި އޭގެ ވަރަށް ގިނަ އެޖެންޓުން ތިބި ކަމަށް ވެ އެވެ. ލޯކަލް މާރުކޭޓުގައި ގިނަ އަދަދަކަށް ބަންގްލަދޭޝްގެ މީހުން ތިބޭއިރު، އެ މީހުންގެ ގޮޅިތަކަށް ބޭނުންވާ ބާވަތްތައް ވިއްކަން ވެސް، ނުވަތަ އެ ހައްދަން ރަށްރަށުގައި ވެސް ތިބެނީ ބަންގްލަދޭޝް މީހުންނެވެ. މިސާލަކަށް؛ ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އއ. ތޮއްޑޫގައި 600 އެއްހާ ބިދޭސީން އުޅޭއިރު އޭގެ 80 ޕަސެންޓް މީހުންނަކީ ދަނޑުވެރިންނެވެ.
"ދަނޑުވެރިން އެ މީހުންގެ ރަށު މީހުންނަށް އެންމެ އަވަހަށް ވިއްކާނީ. ދިވެހިންނަށް ލިބޭނީ ނުވިކި ހުރި އެއްޗެއް،" ލޯކަލް މާރުކޭޓުގައި އުޅޭ ދިވެހި ވިޔަފާރިވެރިޔަކު ބުންޏެވެ.
މާލޭގައި، އަދި ބައެއް ރަށްރަށުގައި ވެސް ބިދޭސީން އިންވެސްޓް ކޮށްގެން ވިޔަފާރި ކުރާކަން އެއީ ސިއްރެއް ނޫނެވެ. އެކަމަކު، އެ ސިއްރު ހަގީގަތަކަށް ނުހެދެނީ ގާނޫނީ މަރުހަލާގެ ތެރޭގަ އެވެ. ނުވަތަ ފިޔަވަޅު އަޅަންވީމަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބިދޭސީން ކުރާ ވިޔަފާރިތައް ސާބިތު ކުރެވޭނެ ގޮތެއް ނެތެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެކަން ކުރަނީ، އޮންނަ ހަމަތަކުގެ ތެރެއިންނެވެ.
އަދި ވިދާޅުވީ، އެފަދަ ޝަކުވާތަކާ ގުޅިގެން ގޮސް ބަލާއިރު ވިޔަފާރީގެ ރަޖިސްޓްރީ އޮންނަނީ ދިވެއްސެއްގެ ނަމުގައި ކަމަށާއި ގެނެސްފައި ހުންނަ ބިދޭސީ މީހާ ހުންނަނީ ގާނޫނާއި ގަވައިދުގެ ތެރޭގައި ކަމަށެވެ. އެހެންވެ، އެއީ ބިދޭސީއަކު ހިންގާ ވިޔަފާރިއެއްކަން ސާބިތުކުރުން މިނިސްޓްރީ އަށް ވެސް އޮންނަނީ އުނދަގުލަކަށް ވެފަ އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ބިދޭސީން އަޑީގައި ތިބެގެން ފިހާރަތައް ހިންގާތޯ ބެލޭނެ ނިޒާމެއް އޮތަސް، އެކަން ކުރާނެ މުވައްޒަފުން ވެސް އެހާ މަދެވެ. މާލޭގެ ހުރިހާ ފިހާރައެއް މޮނީޓާ ކުރަން މިނިސްޓްރީގައި ތިބީ އެންމެ ދެތިން މުވައްޒަފުން ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
ގާނޫނީ ވަކީލަކު ވިދާޅުވީ، މިފަދަ އޮޅުވާލުންތަކަކީ ސާބިތުކުރަން ވަރަށް އުނދަގޫ ކަންކަން ކަމަށެވެ. ދިވެހި ކުންފުންޏެއް ނިވާފަތްގަނޑަށް ލައިގެން އެއްވެސް ޑޮކިއުމެންޓެއް ނެތް، ނުވަތަ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަމަލީ ގޮތުން ވިޔަފާރި ކުރިއަސް، އެކަން ސާބިތު ނުކުރެވޭނީ ކުންފުންޏެއްގެ ރަޖިސްޓްރީ ކުރުމުގެ ޑިއު ޕްރޮސެސް ފުރިހަމަކޮށްގެން އެކަންކަން ކުރާތީ ކަމަށް އޭނާ ބުންޏެވެ.
ހޯލްކޮށް މޭވާ އާއި ތަރުކާރީ ވިއްކާ ތަނެއްގައި ބިދޭސީއަކު ހުއްޓިގެން--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"މިއީ ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތަކެކޭ ވެސް އެހެންވެ ނުބުނެވޭނެ. އެކަމަކު މިއީ ގާނޫނުގައި އޮތް ލޫޕްހޯލްއެއް ކަމަށް ބުނެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނެ އުސޫލުތަކެއް ވެސް އޮވެ އެވެ. ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނެއް އެބައޮވެ އެވެ. އެކަމަކު، އެ ގާނޫނު އެއްފަރާތްކޮށްފައި، ދިވެހިން ވިޔަފާރިކުރާ ގޮތަށް ވިޔަފާރި ކުރާ ގޮތަށް ވިޔަފާރި ކުރާ ނަމަ، އެކަން ބެލޭނެ އުސޫލުތަކެއް އެބަ އޮންނަން ޖެހެ އެވެ.
"މިގޮތަށް މިހާ ފަސޭހައިން ބިދޭސީންނަށް ވިޔަފާރި ކުރެވޭ އެހެން ގައުމެއް ނޯވޭ. ހަމަ ކޮންމެ މީހަކު ވެސް ކުރަންވީ. އެކަން ބަލާނެ ބަޔަކު، އަޅާލާނެ ބަޔަކު ނެތް. ހުރިހާ ގެއްލުމެއް އަމިއްލަ ގައުމުގައި ދިވެހި މީހާ އަށް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީ ކުރަން އަންގައިފި
ތަރުކާރީ/މޭވާގެ ވިޔަފާރިތައް ރަޖިސްޓަރީ ކުރުން ލާޒިމް
ހުރިހާ ކަމެއް ސަރުކާރުގެ ބޮލަށް ޖަހާފައި ފުއްދާ ނުލާ!
މިސްރުގެ ސްޓްރޯބެރީން ދިވެހި ބާޒާރު ރަތްވެއްޖެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
ދެ މާރުކޭޓުން 6މީހަކު ބަންދުކޮށް، އޮޕަރޭޝަން ކުރިއަށް
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
"ފުރިހަމަ ހައްލު އަންނަންދެން މަސައްކަތް ކުރާނަން"
މާރުކޭޓުތަކުން އަތުލައިގަތް ބިދޭސީން ތިބީ ބަންދުގައި
ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި