Roadha Mihaaru
ބާޒާރުން ކެރެޓު ހުސްވެ، ކިލޯއެއް 150ރ. އަށް

ބާޒާރުން ކެރެޓު ހުސްވެ، ކިލޯއެއް 150ރ. އަށް

29 ޖެނުއަރީ 2021

ރާއްޖެއަށް ކެރެޓް އެތެރެކުރާ ފަރާތްތަކުގެ އަތުގައި ހުރި ސްޓޮކް ހުސްވެ، އޭގެ ކިލޯއެއްގެ އަގު 150ރ އަށް އަރައިފި އެވެ. މިއީ ފަހުގެ ތާރީހެއްގައި ކެރެޓްގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެއަށް ކެރެޓް އެތެރެކުރާ ފަރާތްތަކުގެ އަތުގައި ހުރި ސްޓޮކް ހުސްވެ، އޭގެ ކިލޯއެއްގެ އަގު 150ރ އަށް އަރައިފި އެވެ. މިއީ ފަހުގެ ތާރީހެއްގައި ކެރެޓްގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ބާޒާރުމަތީ ފިހަރާތަކުގެ ބައެއް ވެރިން ބުނާ ގޮތުގައި ކެރެޓު ނުލިބޭތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. އެ ސަރަހައްދުގެ ފިހާރަތަކުން ކެރެޓު ކިލޯއެއް 100ރ. އަށް ވުރެ މަތިން ވިއްކާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.

ރާއްޖެއަށް ކެރެޓު އެތެރެކުރާ ވިޔަފާރިވެރިޔަކު "މިހާރު"އަށް ބުނީ ބޭރުން ކެރެޓު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް އަންނަ މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ކެރެޓުގެ އާ ޝިޕްމަންޓެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ބާޒާރުމަތީ ފިހާރަތަކާ އެކު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ވެސް ކެރެޓު ވަނީ ހުސްވެފަ އެވެ. ކެރެޓު ދެން ލިބޭނީ އަންނަ ހަފުތާގައި ކަމަށް މާރުކޭޓުގެ ގޮޅިތައް ހިންގާ ބައެއް މީހުން ބުންޏެވެ. ނަމަވެސް އަގު ކުޑަވެދާނެ ކަމަކަށް އެ މީހުން ލަފައެއްނުކުރެ އެވެ.

މާރުކޭޓާއި ބާޒާރުގައި ކެރެޓު ހުސްވި ނަމަވެސް މާލެ ތެރޭގެ ބައެއް ފިހާރަތަކުން ކެރެޓު ލިބެން އެބަ ހުއްޓެވެ. ގިނަ ފިހާރަތަކުން ކެރެޓު ކިލޯއެއް 150ރ. އަށް ވިއްކާ އިރު ބައެއް ފިހާރަތަކުން 85ރ. އާއި 100ރ. އާ ދެމެދުގެ އަގުތަކުގައި ވިއްކަމުން ވެސް އެބަ ގެންދެ އެެ

ކެރެޓުގެ އަގު އާންމުކޮށް އުޅެނީ ކިލޯއެއް 20ރ. އާއި 35ރ. އާ ދެމެދުގަ އެވެ. ކެރެޓް ލިބުން ދަތިވާން ފެށުމާ އެކު މި މަހުގެ މެދަކާ ހަމައިން ފެށިގެން އަގު ވެސް ދިޔައީ އުފުލެމުންނެވެ.

ކެރެޓުގެ އިތުރުން ބާޒާރުން ލޮނުމެދު ވެސް ވަނީ ހުސްވާން ކައިރިވެފަ އެވެ. ލޮނުމެދު ކިލޯއެއް ވެސް މި ވަގުތު ލިބެން ހުރީ 150ރ. އަށެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ކެރެޓާއި ލޮނުމެދުގެ އަގު ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ހުންނާނީ އެވަރުގަ އެވެ.