Roadha Mihaaru
ކެރެޓް ކިލޯއެއްގެ އަގު އަނެއްކާވެސް 150ރ. އަށް

ކެރެޓް ކިލޯއެއްގެ އަގު އަނެއްކާވެސް 150ރ. އަށް

03 އޯގަސްޓް 2021

ރާއްޖޭގެ ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު އަނެއްކާވެސް 150ރ. އަށް އަރައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު އަނެއްކާވެސް 150ރ. އަށް އަރައިފި އެވެ.

މި އަހަރު ފެށުނު އިރު ވެސް މާރުކޭޓުގައި ކެރެޓުގެ އަގު ހުރީ ކިލޯއެއް 150ރ. އަށެވެ. ކެރެޓުގެ އަގު އުފުލުނީ ބޭރުން ކެރެޓު ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް މޭވާ އާއި ތަރުކާރީ އެތެރެކުރާ ވިޔަފާރިވެރިން ބުނެ އެވެ. އަދި މި ވަގުތު ރާއްޖޭގައި ހުރި ސްޓޮކް ވެސް މަދު ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ބާޒާރުގައި ކެރެޓުގެ އަގު 150ރ. އަށް އަރަފާއިވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަގު ވެއްޓެން އަދި ހަފުތާއެއްވަރު ނަގާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ބާޒާރުމަތީގެ ބައެއް ފިހާރަތަކުގައި ކެރެޓު ލިބެން ހުރި ނަމަވެސް މާރުކޭޓުން ކެރެޓު ވަނީ ހުސްވެފަ އެވެ. ބާޒާރު މަތީގެ ވެސް ގިނަ ފިހާރަތަކުގައި ކެރެޓު ހުރީ ވަރަށް މަދުންނެވެ.

ރީޓެއިލް ފިހާރައެއް ހިންގާ މީހަކު ބުނިގޮތުގައި ރާއްޖެއަށް މުދާ އެތެރެ ކުރާ ތަންތަނުން ކެރެޓު ކޭހެއް ވިއްކަނީ 1300ރ. އަށްވުރެ ބޮޑު ކޮށެވެ.

"ބާޒާރުގެ ގިނަ ތަންތަނުން ކެރެޓެއް ނުލިބޭ. ލިބޭ ތަންތަނުން މި ވިއްކަނީ ކޭހެއް 1300ރ. އިން މަތިން. ދެން އަހަރުމެން ކުޑަ ފައިދާއެއް ލާފައި ވިއްކަންޏާ އަގު ބޮޑުވާނެއެއް ނޫންތޯ. ހިޔެއް ނުވޭ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ވެސް މި އަގަށް ބަދަލު އަންނާނެ ހެން،" ބާޒާރުމަތީގައި ރީޓެއިލް ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

ކެރެޓު އާއްމުކޮށް ވިއްކަނީ ކިލޯއެއް 25ރ. -30ރ. އާ ދެމެދުގެ އަގެއްގަ އެވެ.