Roadha Mihaaru

މާރުކޭޓަށް ދާ މީހުން މަދުވެ އަގުތަކާއި ވިޔަފާރި ދަށަށް

ކޮންމެ ރޯދަމަހަކު ވެސް މާލޭގެ ލޯކަލް މާރުކޭޓު ވަރަށް ބޮޑަށް ތިޔާގިވެ، ވިޔަފާރިތައް އާދަޔާ ހިލާފަށް ރަނގަޅުވެ އެވެ. ރޯދަމަހަށް ވިޔަފާރިވެރިން ތައްޔާރުވެ، ރަށްރަށުން އެއްޗެހި ގެނެސް ހުރިހާ ގޮޅިއެއް ފުރާލަނީ އެހެންވެ އެވެ. އެކަމަކު މި ރޯދަމަހު ގޮޅިތައް ފުރާލައިގެން ވީ ފައިދާއެއް ނެތެވެ.

މާރުކޭޓަށް ދާ މީހުން މަދުވެ އަގުތަކާއި ވިޔަފާރި ދަށަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

23 މާޗް 2025

ކޮންމެ ރޯދަމަހަކު ވެސް މާލޭގެ ލޯކަލް މާރުކޭޓު ވަރަށް ބޮޑަށް ތިޔާގިވެ، ވިޔަފާރިތައް އާދަޔާ ހިލާފަށް ރަނގަޅުވެ އެވެ. ރޯދަމަހަށް ވިޔަފާރިވެރިން ތައްޔާރުވެ، ރަށްރަށުން އެއްޗެހި ގެނެސް ހުރިހާ ގޮޅިއެއް ފުރާލަނީ އެހެންވެ އެވެ. އެކަމަކު މި ރޯދަމަހު ގޮޅިތައް ފުރާލައިގެން ވީ ފައިދާއެއް ނެތެވެ.

ކުރިން ފިތިބާރުވެގެން މާރުކޭޓުގެ ތެރޭގައި ހިނގަން ޖެހުނު ނަމަވެސް މިހާރު އޭގެ އެއްވެސް ކަމެއް ނެތެވެ. މީހުންގެ އަދަދު މަދުކަމުން ބާޒާރު ކުރަން ވެސް މިހާ ފަސޭހަ ރޯދަމަހެއް ނެތެވެ.

މާރުކޭޓު ގޮޅިއެއް ހިންގާ މީހަކު ބުނީ، އެހެން ރޯދަމަސް ތަކަށް ވުރެ، މި ރޯދަމަހު އާމްދަނީ ގާތްގަނޑަކަށް 40 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. އޭގެ އެއް ސަބަބަކީ، އެ މީހާ ބުނިގޮތުގައި، ތަރުކާރީ އާއި މޭވާ ގަންނަން ލޯކަލް މާރުކޭޓަށް މި ރޯދަމަހު ދާ މީހުންގެ އަދަދު މަދުވުމެވެ.

"ގަންނަން އަންނަ މީހުން މިހާރު ވަރަށް ބޮޑަށް މަދު، ގާތްގަނޑަކަށް 60 ޕަސެންޓު މީހުން މިހާރު ބާޒާރަށް އަންނަ ވަރު މަދުވެއްޖެ. އެހެންވެ، ނުވިކިގެން ވިއްކަން ޖެހެނީ ވަރަށް އަގު ހެޔޮކޮށް،" އޭނާ ބުންޏެވެ.

ކެރެޓު ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 25ރ. އަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ކެރެޓު ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 25ރ. އަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރޯދަމަސް ފެށުނު އިރު ފިޔާ ކިލޯއެއް އުޅުނީ 35-25ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެކަމަކު މިހާރު ބާޒާރުން ފިޔާ ކިލޯއެއް 10ރ. އަށް ލިބެން އެބަހުއްޓެވެ. އެއީ އެސްޓީއޯއިން ފިޔާ ވިއްކާ އަގަށް ވުރެ ވެސް ހެޔޮ އަގެކެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް އުޅެނީ 16ރ. އަށެވެ.

ބާޒާރުގައި ތަރުކާރީތަކުގެ ތެރެއިން އެންމެ ހެޔޮ އަގުގައި ލިބެން ހުރި އަނެއް ބާވަތަކީ ކެބެޖެެވެ. ކެބެޖު ކިލޯއެއް އުޅެނީ 14ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކެބެޖު ލިބޭ އަގު އެހާ ބޮޑަށް ހެޔޮވީ، ބޭރުން ލިބޭ އަގު ވެސް ހެޔޮވުމުން ކަމަށް ވިޔަފާރިވެރިން ބުންޏެވެ. ކުރިން ކެބެޖު ކިލޯއެއްގެ އަގު 30-25ރ. އަށް ވެސް އުޅުނެވެ. ކެރެޓު ކިލޯއެއް ވެސް ބާޒާރުގައި މިހާރު އުޅެނީ 25ރ. އަށެވެ. މާރުކޭޓުން ކުރިން ލެޓިއުސް ކިލޯއެއް 100ރ. އަށް ވިއްކި ނަމަވެސް މިހާރު ބާޒާރުގައި އޭގެ އަގު ވަނީ ކިލޯއެއް 45ރ. އަށް ވެއްޓިފަ އެވެ.

ފިޔާ ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 10ރ. އަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފިޔާ ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 10ރ. އަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

"ކުރިން މިއީ 40ރ. އަށް ވިއްކަމުން އަންނަ ތަކެތި. މިހާރު ގަންނަ ވަރު ވަރަށް މަދު. އަހަރެމެން މި ގަންނަނީ 35ރ. އަށް. ނުވިކި، ގިނަ ދުވަސްވުމުން މި ވިއްކަން ޖެހެނީ ގަންނަ އަގަށް ވުރެ ހެޔޮކޮށް،" މާރުކޭޓުގައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.

އޭނާ ބުނީ، ކުރީގެ ރޯދަމަސްތަކުގައި ދުވާލެއްގެ މައްޗަށް 60،000ރ. ވަރު ލިބުނަސް މިހާރު 20،000ރ. ވެސް ދުވާލަކަށް ނުޖެހޭ ކަމަށެވެ.

"ވަރަށް ބޮޑަށް ދަށްވީ މި. ހީވަނީ، ބަންދުތައް ވެސް ރޯދަމަހަށް އިތުރުވެ، ރަށްރަށަށް ވެސް މީހުން ފުރައިގެން ދިޔައީމަ އައި ބަދަލެއް ހެން. އަނެއްހެން މީހުން މާރުކޭޓަށް އަންނަ ވަރު ވެސް މަދު ހަމަ،" މާރުކޭޓުގައި އެންމެ ފުޅާކޮށް، އެންމެ ގިނަ ބާވަތްތައް ވިއްކަމުން އަންނަ އެއް ވިޔަފާރިވެރިއަކު ބުންޏެވެ.

ބާޒާރުގައި މިވަގުތު އެންމެ ބޮޑަށް އަގުހެޔޮވެފައި ހުރި ބާވަތްތައް:

- ފިޔާ: ކިލޯއެއް 10ރ.

- ލުނބޯ: ކިލޯއެއް 25ރ.

- މިރުސް: 10ރ. އަށް ސަތޭކަ ގްރާމް، ކިލޯއެއް 100ރ.

- ކެބެޖު: ކިލޯއެއް 14ރ.

- ކެރެޓު: ކިލޯއެއް 25ރ.

ގިނަ ބާވަތްތައް އަގުހެޔޮ ނަމަވެސް، ބައެއް ތަކެތި ލިބެން ހުރި ވަރު ވަނީ މަދުންނެވެ. މާރުކޭޓުގައި ލޮނުމެދު ކިލޯއެއް އުޅެނީ 75ރ. އާއި 100ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކުނރުބާ އުޅެނީ 45ރ. އަށް ވުރެ މަތީގަ އެވެ. އަދި 2.5 ލިޓަރުގެ ފުޅިއެއްގައި ކުރުނބާ އުޅެނީ 150ރ. އާއި 180ރ. އަށެވެ.