Roadha Mihaaru
މާރުކޭޓުތައް ގިނަވެ ދަތުރުވެރިންގެ މާރުކޭޓަށް ފަޅުކަން

ރަށުތެރޭގައި މާރުކޭޓުތައް ގިނަވެ ދަތުރުވެރިންގެ މާރުކޭޓަށް ހީނަރުކަން

28 މާޗް 2023

މާލެ ތެރޭގައި މާރުކޭޓުތައް އިތުރުވުމުން ދަތުރުވެރިންގެ މާރުކޭޓަށް ދާ މީހުން ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ތެރޭގައި މާރުކޭޓުތައް އިތުރުވުމުން ދަތުރުވެރިންގެ މާރުކޭޓަށް ދާ މީހުން ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

މީގެ ކުރިން ރޯދަ މަހު ދަތުރުވެރިންގެ މާރުކޭޓަށް ހެނދުނު 10 އިން މެންދުރު ފަހު 3 އާ ދެމެދު ބާރު ބޮޑުވިޔަސް ވިޔަފާރިވެރިން ބުނީ އެ ވަގުތު ވެސް މިފަހަރު މީހުން މަދު ކަމަށެވެ.

މާރުކޭޓު ގޮޅިއެއް ހިންގާ މީހަކު ބުނީ، ބާޒާރުމައްޗަށް މީހުން އައުން އެހާ ބޮޑަށް މަދުވީ، މާލެ ތެރޭގައި ކުދިކުދި ތަންތަންކޮޅުގައި ގޮޅި ހަދައިގެން ތަރުކާރީއާ މޭވާ ވިއްކުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ކަމަށް ބެލެވޭ ކަމަށެވެ.

އެހެން މީހަކު ބުނި ގޮތުގައި މާރުކޭޓަށް ދާ މީހުންގެ އަދަދު މިފަހަރު ގާތްގަނޑަކަށް 70 ޕަސެންޓު މަދު ކަމަށެވެ.

މާރުކޭޓު ގޮޅިއެއްގައި އިން މީހަކު ފޯނާ ކުޅެނީ: ކުރީގެ ރޯދަ މަސްތަކުގައި އެންމެ ބާރު ބޮޑު ގަޑިތަކުގައި މިފަހަރު މާރުކޭޓު ފެންނަނީ ފަޅުކޮށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާރުކޭޓު ގޮޅިއެއްގައި އިން މީހަކު ފޯނާ ކުޅެނީ: ކުރީގެ ރޯދަ މަސްތަކުގައި އެންމެ ބާރު ބޮޑު ގަޑިތަކުގައި މިފަހަރު މާރުކޭޓު ފެންނަނީ ފަޅުކޮށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުރިން ކެފޭ ޝޮޕް ހެދިގޮތަށް މިހާރު ކުދިކުދި ކޯނަރުތަކުގައި ހަދަނީ ތަރުކާރީ އާއި މޭވާ ވިއްކާ ތަންތަން. އެހެންވެ، ބާޒާރު މައްޗަށް ނައިސް މީހުންނަށް ތަކެތި ލިބޭ. ކުރިއާ އަޅާ ބަލާއިރު އަންނަ މީހުން ހާހެއްހާ މަދު،" އޭނާ ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނީ، މިއީ މަހުގެ ފަހުކޮޅަށް ވާތީ މީހުންގެ އަތްމަތި ދަތިކަމުން ބާޒާރުކުރަން ނުދަނީ ކަމަށް ވެސް ވެދާނެ ކަމަށެވެ. އެކަމަކު އޭނާ ވެސް ބުނީ މިދިޔަ ރޯދަ މަހާ އަޅާބަލާއިރު މި އަހަރު ވިޔަފާރި ދަށް ކަމަށާއި އެއީ މީހުން އައުން މަދުވުމުން ކަމަށެވެ.

މަޖީދީމަގުގައި ހުންނަ މާރުކޭޓުގައި މިއަދު ހެނދުނު މީހުން ވިޔަފާރިކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މަޖީދީމަގުގައި ހުންނަ މާރުކޭޓުގައި މިއަދު ހެނދުނު މީހުން ވިޔަފާރިކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"މީހުން އަތުގައި ލާރި ނެތީހެން ހީވަނީ. އެހެންވެ އެ މަދުވަނީ. އަންނަ މީހުން ވެސް ބުނަނީ ތަކެތި އަގުބޮޑުވީމާ ނުގަނެވޭނެއޭ،" އޭނާ ބުންޏެވެ.

ލޯކަލް މާރުކާޓުގައި އެންމެ ބޮޑު ޑިމާންޑެއް މިވަގުތު އޮތީ ކަރަ އާއި ފަތުގެ ބާވަތްތަކަށެވެ. ކަރާ ކިލޯއެއް އުޅެނީ 22ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކޮޕީ ފަތް ބޮނޑިއެއް 10ރ. އަށް ލިބޭ އިރު ލެޓިއުސް އުޅެނީ ކިލޯއެއް 90ރ. އަށެވެ.

ލޯކަލް މާރުކޭޓަށް ވަންނަ މީހުން މަދުވެފައި ވާއިރު، އަމީނީމަގުގައި ހުންނަ މާރުކޭޓަށާއި މަޖީދީމަގުގައި ހުންނަ މާރުކޭޓަށް ގިނަ ބަޔަކު ދެ އެވެ. ވިޔަފާރިކުރާ ބައެއް މީހުން ބުނި ގޮތުގައި ކުރިން ދަތުރުވެރިންގެ މާރުކޭޓަށް ދާން ޖެހެނީ ރަށުތެރޭ ހުންނަ ތަންތަނުން އަގު ބޮޑުވުމުން ކަމަށެވެ. އެކަމަކު މިހާރު ރަށުތެރޭގެ މާރުކޭޓުތަކާއި ދަތުރުވެރިންގެ މާރުކޭޓުގައި ވެސް އަގުތަކުގައި ބޮޑު ތަފާތެއް ނެތް ކަމަށް އެ މީހުން ބުނެ އެވެ.