Roadha Mihaaru
ކުންފުނިތަކަށް ބަޖެޓުން ދެ ބިލިއަން ހޭދަކޮށްފި

ކުންފުނިތަކުގެ ދަތިތައް ފިލުވަން ބަޖެޓުން ދެ ބިލިއަން ރުފިޔާ ހޭދަކުރި

01 ނޮވެމްބަރ 2021

މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެ ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެ ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފި އެވެ.

ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ބަޖެޓުކޮށްފައިވާ ވަރުގެ އިތުރަށް 500 މިލިއަން ރުފިޔާ ކުންފުނިތަކަށް ދީފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ސަރުކާރުން ބައިވެރިވެގެން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް، ކެޕިޓަލް ވަކިކުރެވި، ދަރަންޏަށް ޒިންމާވާ އަދި ކުންފުނީގެ ހަރަދުތައް ކުންފުންޏަށް ލިބޭ އާމްދަނީން ހަމަޖެއްސޭ ގޮތަށް ބައްޓަންކޮށް އުފައްދާފައިވާ ކުންފުނިތަކެކެވެ. އެހެން ނަމަވެސް ކުންފުނީގެ އެކި ކަންކަމަށް ބަޖެޓުން އޮންނަނީ ހަރަދުތައް ކުރަން ޖެހިފަ އެވެ.

މީގެ ތެރެއިން ބައެއް ކުންފުނިތަކަށް އާމްދަނީއެއް ނުލިބޭތީ ހަރަދުތައް ހަމަޖެއްސުމަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ބަޖެޓުން ފައިސާ ދެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތެރެއިން، ތެޔޮ، ކަރަންޓު، ފެން، އަދި ދަތުރުފަތުރާއި ކުނި ނައްތާލުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އަގު ކުޑަކުރުމަށް ނުވަތަ ހިފެހެއްޓުމަށް ސަބްސިޑީގެ ގޮތުގައި ވެސް ފައިސާ ދެ އެވެ. އަދި ބައެއް ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކުގެ ރީޕޭމަންޓަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުންފުންޏަށް ލިބޭ އާމްދަނީން ހަމަޖެއްސުމުގައި ދަތިތައް ހުރުމުން ލޯނުތައް އަދާކުރުމަށް ދިމާވާ ކޭޝްފްލޯ ދަތިތައް ހައްލުކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން ހޭދަކުރެއެވެ.

ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮންނަ އިރު އެ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި މި އަހަރު ލިބުނީ 580 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. ކުންފުނިތަކުގެ ތެރެއިން ޑިވިޑެންޑް އެންމެ ގިނައިން ލިބެނީ ދިރާގާއި އެމްއޭސީއެލްގެ އިތުރުން އެމްޕީއެލް އިންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ އެމްއެމްޕީއާރްސީ އާއި އެސްޑީއެފްސީއަށެވެ. އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން މި އަހަރުގެ ބަޖެޓުން 200 މިލިއަން ރުފިޔާ ހޭދަވި އެވެ. އަދި އެމްއެމްޕީއާރްސީ އަށް ރާއްޖެ ޕްރޮމޯޓްކުރުމަށް 154 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ ދެ ކުންފުންޏަށް ކަނޑައަޅާފައިވަނީ މިވަރުގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި ކުންފުނިތައް ހިންގުމަށް ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމަށް މި އަހަރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކުންފުނި ދެމެހެއްޓޭނެ ފަދަ އާމްދަނީ ހޯދޭނެ ގޮތަކަށް ކުންފުނީގެ ބިޒްނަސް މޮޑެލް ބައްޓަންކުރެވިފައިނު ވާ ބައެއް ކުންފުނިތައް އުވާލާފައިވެ އެވެ. ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ތިލަފުއްޓާއި ގުޅިފަޅު މެނޭޖްކުރުމަށް އެފެއްދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އުވާލައި އެ ކުންފުނީގެ މަސައްކަތް ވެސް އެޗްޑީސީއާ ހަވާލުކުރި އެވެ.

ސަރުކާރުން ވަނީ ޔޫއެސްއެއިޑްގެ އެހީއާ އެކު ޕްރައިވަޓައިޒޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް މިއަހަރު ފަށައިފަ އެވެ. މި ޕްރޮގްރާމްގެ މައިގަނޑު އެއް މަގުސަދަކީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރީފޯމްކޮށް، ކުންފުނި ހިންގުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތައް ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ އެވެ.

ފިނޭންސް މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ކުންފުނިތަކަށް ކުރާ ހޭދަ ކުޑަ ކުރުމެވެ. މި އުސޫލުގެ ތެރެއިން 2023 ވަނަ އަހަރު ކުންފުނިތަކަށް ބަޖެޓުން ކުރާ ހޭދަ އެއް ބިލިއަން ރުފިޔާއިން 700 މިލިއަން ރުފިޔާ އަށް ކުޑަ ކުރަން ނިންމާފައިވެ އެވެ.