Roadha Mihaaru
ދެ ކޮމަންޑޫ ގުޅާލުމަކީ ބަޖެޓުގައި ހިމެނޭ މަޝްރޫއެއް

ދެ ކޮމަންޑޫ ގުޅައިލުމަކީ ބަޖެޓުގައި ހިމެނޭ މަޝްރޫއެއް: ފިނޭންސް

09 ފެބުރުއަރީ 2022

ށ. ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމުގެ ބިޔަ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ކުއްލިއަކަށް 249 މިލިއަން ހޭދަކުރަނީ މި އަހަރުގެ ބަޖެޓުގައި ނުހިމަނައި ކަމަށް ކުރާ ތުހުމަތު ފިނޭންސް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމުގެ ބިޔަ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ކުއްލިއަކަށް 249 މިލިއަން ހޭދަކުރަނީ މި އަހަރުގެ ބަޖެޓުގައި ނުހިމަނައި ކަމަށް ކުރާ ތުހުމަތު ފިނޭންސް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއަކީ އެމްޑީޕީން ކާމިޔާބުކުރި އެ ދާއިރާގެ ބައި އިލެކްޝަންގެ އިންތިހާބަށް ދައުލަތުގެ ބަޖެޓުން ނުފޫޒު ފޯރުވުން ކަަމަށާއި މިއީ މާލިއްޔަތު ގާނޫނާ ވެސް ހިލާފަށް ހިންގަމުންދާ ކަމެއް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޮތީ މައްސަލަ ހުށަހަޅައިފަ އެވެ. އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމުގެ މައްސަލަތައް ހުށަހެޅިއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމަނައި ފާސްނުކޮށް، މި މަޝްރޫއު ކުރިއަށް ގެންދިއުމެވެ.

ދެ ކޮމަންޑޫގެ ބިޔަ މަޝްރޫއު:

- މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކުން.

- ކޮމަންޑޫ ގޮނޑޮދޮށް ހިމާޔަތްކުރުން.

- ދެ ރަށް ގުޅައިލަން ކޮންކްރީޓް ފާލަމެއް އެޅުން. - ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ލުން.

- މި މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ތައްޔާރު ކުރުން.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން މިއަދު ވިދާޅުވީ ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ބަޖެޓުން ބޭރުން ނޫން ކަމަށެވެ. އެ ފައިސާ ހިމެނީ ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަނޫން ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ވެސް ބަޖެޓު ހިމެނީ އެހެން ބައެއް މަޝްރޫއުުތަކެކޭ އެއްގޮތަށް އެއްފަހަރާ ހޭދަކުރާ ގޮތަކަށް ނޫނެވެ.

"އެ މަޝްރޫއު އޮތީ ބަޖެޓްކޮށް، ފާސްކޮށްފައި،" ޝަނޫން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުންޏަސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލް ބަޖެޓު ފޮތުގައި ހިމެނޭއިރު، މިހާ ބޮޑު މަޝްރޫއެއް އެ ރަށަށް އޮތް ކަމަކަށް ބަޖެޓު ބަހުސްގެ ތެރޭގައި ވެސް ވާހަކަ ދެއްކެވިފައެއް ނުވެ އެވެ.

ދައުލަތުން މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ހިމަނާފައި ވަނީ 2.6 މިލިއަން ރުފިޔާ އެވެ. މި ހޭދަ ހިމެނެނީ ކޮމަންޑު އަށް މި އަހަރަށް ކަނޑައެޅި 10 މިލިއަން ރުފިޔާގެ ތެރޭގަ އެވެ.

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ:  ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ: ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މި އަހަރުގެ ބަޖެޓުގައި ހިމެނެނީ ކޮމަންޑޫގެ ބަނދަރު އަޕްގްރޭޑްކުރުމާއި ސްކޫލާއި ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ހެދުމެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ ވައުދު ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގަ އެވެ.

އެކަމަކު. ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށެވެ. ކުއްލިއަކަށް އެ މަސައްކަތް ފެށުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. މިއީ ދައުލަތުގެ ފައިސާ އާއި މުދަލުން ނުފޫޒު ފޯރުވުން ކަމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޓްރާންސްޕޭރަންސީ ފަދަ ޖަމިއްޔާތަކުން ދަނީ ސިފަކުރަމުންނެވެ.

އޭސީސީ ގާނޫނީ ހުސްކަމެއްގައި އޮތުމުން މި މައްސަލަ އަދި އޮތީ ނުބެލި އެވެ.