Roadha Mihaaru
ކޮމަންޑޫގެ ހުވަފެނީ މަޝްރޫއު: ރައްޔިތުން ބަދަލުކޮށްލާނެ

ކޮމަންޑޫގެ ހުވަފެނީ މަޝްރޫއު: ރައްޔިތުން ބަދަލުކޮށްލާނެ!

07 ފެބުރުއަރީ 2022

މި ރަށުގެ ހަނި ގޯޅިތަކުގެ ދެ ފަރާތުގައި އަދިވެސް ހުރީ ކުރީގެ ގެތަކެވެ. ޒަމާނީ ފެންވަރަށް ބަދަލު ގެނެސްގެން ވިޔަސް ނިސްބަތުން ކުދި ޖާގަތަކެކެވެ. ބައެއް ގެތަކަކީ ރަސްމީކޮށް ގެވަޅު ދޫނުކުރަނީސް އެ މީހަކަށް ފެނުނު ތަނެއްގައި ގެ އެޅި ޒަމާނުގައި ހިބަވެފައިވާ ގޯތިތަކެވެ. އެކަމަކު، ކޮމަންޑޫގެ ރައްޔިތުން މިހާރު ބޭނުންވަނީ ތޮއްޖެހިފައިވާ މި ދިރިއުޅުން ބަދަލުކޮށްލާށެވެ.

ފަޒީނާ އަހުމަދު ށ. ކޮމަންޑޫން ފަޒީނާ އަހުމަދު

މި ރަށުގެ ހަނި ގޯޅިތަކުގެ ދެ ފަރާތުގައި އަދިވެސް ހުރީ ކުރީގެ ގެތަކެވެ. ޒަމާނީ ފެންވަރަށް ބަދަލު ގެނެސްގެން ވިޔަސް ނިސްބަތުން ކުދި ޖާގަތަކެކެވެ. ބައެއް ގެތަކަކީ ރަސްމީކޮށް ގެވަޅު ދޫނުކުރަނީސް އެ މީހަކަށް ފެނުނު ތަނެއްގައި ގެ އެޅި ޒަމާނުގައި ހިބަވެފައިވާ ގޯތިތަކެވެ. އެކަމަކު، ކޮމަންޑޫގެ ރައްޔިތުން މިހާރު ބޭނުންވަނީ ތޮއްޖެހިފައިވާ މި ދިރިއުޅުން ބަދަލުކޮށްލާށެވެ.

ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުމަކީ އެ ހުވަފެނީ މަޝްރޫއެވެ.

ކައުންސިލްގެ ނައިބު ރައީސް އާދަމް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެއީ އިއްޔެއަކު މިއަދަކު މި ރަށުގެ ރައްޔިތުން އުއްމީދުކުރަން ފެށި ކަމެއް ނޫން ކަމަށެވެ. އެތައް ވެރިކަމެއްގައި، ވެރިންނަށް އެ އާދޭސް ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވެ އެވެ.

ކައުންސިލްގެ ނައިބު ރައީސް އާދަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކައުންސިލްގެ ނައިބު ރައީސް އާދަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދެ ކޮމަންޑޫ ގުޅާލައި މަތިކޮމަންޑޫގައި ދިރިއުޅެން ފެށުމަކީ ވަރަށް ކުރީއްސުރެން ހުވަފެނެއް. އުއްމީދުގައި ތިބި ކަމެއް. -- ނައިބު ރައީސް
ކޮމަންޑޫގެ ގެތަކެއް: މި ރަށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން 600 ގޯތި ބޭނުންވޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮމަންޑޫގެ ގެތަކެއް: މި ރަށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން 600 ގޯތި ބޭނުންވޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެކަމަކު އެ ހުވަފެންތަކުގައި ކުއްލިއަކަށް ކުލަޖެހެން ފެށީ މި ރަށް ހިމެނޭ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވުމުންނެވެ. މިއީ ނުފޫޒު ފޯރުވުން ނުވަތަ މައްސަލައެއް ކަމަކަށް ކައުންސިލް އަދި ރަށުގެ ގިނަ ބަޔަކު ވެސް ނުދެކެ އެވެ.

އެއީ އިއްތިފާގެއް ކަމަށް ގަބޫލުކޮށް، އެ މީހުން ބޭނުންވަނީ މަޝްރޫއު ހިންގުމެވެ.

"މިއީ އިންތިހާބާ ދިމާކޮށް ކޮށްދިން ކަމެއް ނޫން. އިންތިހާބުގެ ތެރެއަށް ވަނީ. އެއީ އިއްތިފާގެއް."

"ކޮމަންޑޫ މީހުންނަށް ދިރިއުޅުމުގެ ހައްލު އޮތީ ބިން ހިއްކައިގެން ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލައިގެން. އެހެންކަމުން މި ހަރަދު ހިނގާނެ. ބަޖެޓް ވެސް ބޮޑެއް ނޫން،" އާދަމް ވިދާޅުވި އެެވެ.

މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ އުޅަންދުތައް އެ ސަރަހައްދުގައި ބިން ހިއްކުމުގެ މަސަކަތްކުރަމުން ދަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ އުޅަންދުތައް އެ ސަރަހައްދުގައި ބިން ހިއްކުމުގެ މަސަކަތްކުރަމުން ދަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ދެ ކޮމަންޑޫގެ ބިޔަ މަޝްރޫއު

- މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކާނެ

- ދެ ރަށް ގުޅައިލަން ކޮންކްރީޓް ފާލަމެއް އަޅާނެ.

- ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ލާނެ.

- 254 މިލިއަން ރުފިޔާ ހޭދަވޭ.

- އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރުން (2023 އަށް) މަސައްކަތް ނިންމަން.

ދެ ކޮމަންޑޫ ގުޅައިލުމުގެ ވާހަކަ ފެށުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން 2008 ގައި އުފެދުނު އެމްޑީޕީ ވެރިކަމުގައި ވެސް މިކަން ކޮށްދިނުމުގެ އުއްމީދު ރައްޔިތުންނަށް އާ ކޮށްދިނެވެ. ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރައްޔިތުންނަށް ގޮތެއް ހޯއްދަވައިދެއްވަން ވައުދުވެވަޑައިގަތެވެ.

ކޮމަންޑޫގައި މީހަކު ޖޯއްޔެއްގައި އޮށޯވެގެން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮމަންޑޫގައި މީހަކު ޖޯއްޔެއްގައި އޮށޯވެގެން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމަންޑޫގެ މީހުންނަށް އެ ވައުދު ފުއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގަ އެވެ.

"ރައީސް ސޯލިހްގެ ވައުދު ފުއްދަވައި ދެއްވި ތަން ތި ފެންނަނީ. އެކަމުގައި އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން. އުފާވޭ މިކަން ފެށުނީމަ." އާދަމް ވިދާޅުވި އެވެ.

ޓޫރިޒަމް ފުޅާކުރުމާ އެކު ދިރިއުޅުމަށް ހައްލު

މި މަޝްރޫއު ފެށި ގޮތުން ސިޔާސީ އެތައް ވާހަކައެއް އޭގައި ހިމަނައި ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ކައުންސިލުން ގަބޫލެއް ނުކުރެ އެވެ. ކައުންސިލާއި ރަށުގައި އެކި ޕާޓީތަކަށް ނިސްބަތްވާ މީހުން ވެސް މި މަޝްރޫއު ފެށީތީ ތިބީ އުފަލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިގޮތުގައި، ދެ ކޮމަންޑޫ ގުޅައިލުމުގެ ފައިދާ "މުސްތަގުބަލުގައި ވަރަށް ބޮޑުކޮށް ފެންނާނެ" އެވެ. މި މަޝްރޫއަށް ހޭދަކުރާ 241 މިލިއަން ރުފިޔާ އަކީ ދުރު މުސްތަގްބަލަކަށް ކުރާ ދެމެހެއްޓެނިވި އިންވެސްޓްމަންޓެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އާމްދަނީ ރަނގަޅަށް ލިބިގެންދާނެ މަގެއް އެތަނުން ހޯދާނެ.

ކައުންސިލްގެ ތަސައްވުރަކީ އެތަން ވަރަށް ތަފާތު ގޮތަކަށް ޕްލޭންކޮށް, އިގްތިސާދީ ގޮތުން ވެސް ފައިދާ ހޯދުމެވެ. އެތަނުގައި ގެތައް ހުންނާނީ ކޮމަންޑޫގައި މިހާރު ހުރި ގޮތަށް ތޮއްޖެހިފައެއް ނޫނެވެ. ޒަމާނީ ގެތައް ހަދާނީ ޓޫރިޒަމްގެ އާ ޕްރޮޑަކްޓް, ހޯމް ސްޓޭ ހިންގޭހާ ފެންވަރު ރަނގަޅުކޮށް ކަމަށް ކައުންސިލުން ބުންޏެވެ.

"ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އާމްދަނީ ރަނގަޅަށް ލިބިގެންދާނެ ގޮތެއް އެތަނުން ހޯދާނެ," އާދަމް ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ހިއްކައިގެން ގުޅާލުމުގެ މަސައްކަތުގައި އުޅެމުންދާ އެމްޓީސީސީގެ މުއައްޒަފުން މަތި ކޮމަންޑުއަށް ފައިބަނީ. މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފެށިފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ދެ ކޮމަންޑޫ ހިއްކައިގެން ގުޅާލުމުގެ މަސައްކަތުގައި އުޅެމުންދާ އެމްޓީސީސީގެ މުއައްޒަފުން މަތި ކޮމަންޑުއަށް ފައިބަނީ. މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފެށިފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ލޯކަލް ޓޫރިޒަމަށް މަތިކޮމަންޑޫ ހުޅުވައިލުމަކީ ދިގު މުއްދަތަކަށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ކައުންސިލްގެ ޕްލޭނެވެ. ޓޫރިސްޓުންގެ ޝައުގުވެރިކަން އެތަނަށް ލިބޭނެ އެއް ކަމެއްގެ ގޮތުގައި ކައުންސިލްގެ ވިސްނުމުގައި އޮތީ ކަޅުއޮއްފުންމި ރޮނގެވެ.

"ކަޅުއޮއްފުންމި ރޮނގު އެތާ އޮތުމުން މިތަން ދެކިލަން ބަލާލަން ޓޫރިސްޓުން އަދި ދިވެހިން ވެސް އަންނާނެ,"

"600 ގޯތި ބޭނުންވޭ"

މި ރަށުގެ މީހުން މިހާރު ތިބި ހާލަތުން އަރައިގަނެވޭނީ މި ވަގުތަށް ވެސް 600 ގޯތި ލިބިގެންނެވެ. މަތިކޮމަންޑޫ 17 ހެކްޓަރަށް ހިއްކައި ބޮޑުކުރިއަސް އެ އަދަދަށް މަތިކޮމަންޑޫއަކުން ގޯއްޗެއް ނުނެގޭނެ އެވެ.

އެކަމަކު ކޮމަންޑު އާއި މަތިކޮމަންޑު އަށް ބަހާލައިގެން 500 ގޯތި ނެގިދާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. މިކަމުގައި ގޮތް ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ދެން ދޫކުރާނީ ކުރިން ދޫކުރިހާ ކުދި ގޯއްޗެއް ނޫނެވެ. ޖާގައިގެ ގޮތުން ތަނަވަސްވާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދެ އެވެ.

ކޮމަންޑޫގައި ދެ ކުއްޖަކު މަގެއްގެ މަތީގައި. ރައްޔިތުންގެ އުއްމީދަކީ ދެ ކޮމަންޑޫ ގުޅާލުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫގައި ދެ ކުއްޖަކު މަގެއްގެ މަތީގައި. ރައްޔިތުންގެ އުއްމީދަކީ ދެ ކޮމަންޑޫ ގުޅާލުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މި ރަށުގައި ގޯތި ދޫކޮށްފައި އެބަހުރި 30 ފޫޓު 40 ފޫޓަށް. އެކަމަކު މަތިކޮމަންޑޫން އެންމެ ކުޑަ ގޯއްޗެއް ވެސް 40 ފޫޓު, 50 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެތާ އެޅޭނެ ގެތަކަކީ ވަރަށް ރީތިކޮށް އޭޅޭނެ ގެތަކެއް. އަޅުގަނޑުމެންގެ ތަސައްވުރާ އެކު ކުރިއަށް މިދަނީ. އެ ގެތަކީ ބައިވަރު ޓޫރިސްޓުން ވެސް އުޅޭނެ ގެތަކަކަށް ވާނެ."

"ހުއްޓާލައި މަހާޖައްރާފެއް ނުދާނެ"

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަނާ ދިމާކޮށް ފެށި މަޝްރޫއަކަށް ވުމުން އެތަން ނުހިކެނީސް ކުއްލިއަކަށް މަސައްކަތް ހުއްޓާލައި މަހާޖައްރާފް ވެސް އެތަނުން ގެންގޮސްފާނެ ކަމުގެ ބިރު ބައެއް މީހުންނަށް އެބައޮތެވެ. އެކަމަކު ކައުންސިލަށް އެ ހާސްކަމެއް ނެތެވެ.

ނައިބު ރައީސް ވިދާޅުވީ ބާރު ސްޕީޑުގައި އެ މަޝްރޫއު ނިންމާލާނެ ކަމަށެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރަނީ ދެ އަހަރުގެ ތެރޭގަ އެވެ.

އިއްތިފާގެއް ކަންނޭނގެ މިހެން ދިމާވުން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް. ފެނިދާނެ ކަންނޭނގެ ކުޑަކޮށް އަވަސްވާނެ ތަން.

"ހިއްކައި ނިމުނީމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްލޭން ކުރެވޭނެ ބިން ދޫކުރަން. ދެން އޮންނާނީ ބްރިޖާއި ރިވެޓްމެންޓް ޖެހުން ފަދަ ކަންކަން," އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވިގޮތުގައި، ކޮމަންޑޫ ގުޅައިލުމަކީ އިންތިހާބަށް ފެށި މަޝްރޫއެއް ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތްކުރަމުންދަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތްކުރަމުންދަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ކޮންމެ ކަމަކަށް ވެސް ސަބަބެއް މެދުވެރިވާނެ. އިއްތިފާގެއް ކަން ނޭނގޭ މިހެން ދިމާވުން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް. ފެނިދާނެ ކަންނޭނގެ ކުޑަކޮށް އަވަސްވާނެ ތަން. އަޅުގަނޑު ދަންނަވާނީ ލަސްނުވެ މިކަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި ހުރީމައޭ މިކަން ފެށުނީ," އޭނާ ވިދާޅުވި އެވެ.