18 ޖެނުއަރީ 2022
ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވަން މަޝްރޫއުތަކެއް ނުފަށާ ކަމަށާއި އިންތިހާބެއް ބާއްވަން ޖެހުނު އިރު ވެސް އެ ދާއިރާގެ ތިން ރަށުގައި 25 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދިޔަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވަން މަޝްރޫއުތަކެއް ނުފަށާ ކަމަށާއި އިންތިހާބެއް ބާއްވަން ޖެހުނު އިރު ވެސް އެ ދާއިރާގެ ތިން ރަށުގައި 25 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދިޔަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ ފަހެއްގައި އޮންނަ އެ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރަން ސަރުކާރުން ކޮމަންޑޫ ދާއިރާގެ ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ކުއްލި ގޮތަކަށް މަޝްރޫއުތައް ހިންގާ ކަމުގެ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ސަރުކާރުގެ މުދަލާއި ފައިސާ އަދި ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބުތަކުގައި ކެމްޕޭން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަން ވެސް ސަރުކާރަށް ޓްރާންސްޕޭރަންސީން ވަނީ ހަނދާން ކޮށްދީފަ އެވެ.
މި މައްސަލައިގައި "މިހާރު" އިން ސުވާލު ކުރުމުން ރައީސް އޮފީހުން ހިއްސާކުރީ އެ ދާއިރާގެ ތިން ރަށަށް ތިން އަހަރުގެ ތެރޭގައި ސަރުކާރުން ޕްލޭން ކޮށްފައިވާ 37 މަޝްރޫއެކެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާއިރު، އިންތިހާބު އިއުލާން ކުރުމާ ހަމައަށް ވެސް 25 އަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ހިނގަމުން އަންނަ ކަމަށާއި ބައެއް މަޝްރޫއުތައް މި އަހަރުގެ ބަޖެޓުން ފަށަން ނިންމާފައިވާ ކަން އެ ހިސާބުތަކުން ދައްކަ އެވެ.
ކޮމަންޑޫ ދާއިރާގައި ރައީސް ސޯލިހް: އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަމަށް ސަރުކާރުން ބުނޭ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމަންޑޫ ދާއިރާ އަށް ވެވަޑައިގަތް ވައުދުތައް ބައި-އިލެކްޝަނުގެ މާ ކުރިން ވެސް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން، ކޮމަންޑޫގެ ބަނދަރުގެ މަޝްރޫއު ދައްކަވަމުން ވިދާޅުވީ އެކަން ރައްޔިތުންނަށް ފުއްދައިދީފައި ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ރައީސްގެ ވައުދަކަށް ވާތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބެއް ބާއްވަން ޖެހުނުއިރު، ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި 37 މަޝްރޫއެއް ކުރިއަށް ގެންދަން އެކި މަރުހަލާތަކުގައި މަސައްކަތް ދިޔައީ ހިނގަމުންނެވެ. މި ހުރިހާ މަޝްރޫއުތަކަކީ ކުއްލިއަކަށް ފަށައިގެން އުޅޭ މަޝްރޫއުތަކެއްގެ ގޮތުގައި ސިފަކުރިއަސް ހަގީގަތަކީ އެއީ ނޫން ކަމަށް ހަމްދާން ވިދާޅުވި އެވެ.
މި ދާއިރާ އަށް ކަނޑައެޅި ޕްރޮޖެކްޓްތައް ހުރީ އެކި މަރުހަލާތަކުގައި. ބައި އިލެކްޝަނެއް ބާއްވަން ޖެހުމަކީ ކުރިން ޕްލޭންކޮށްފައި ހުރި މި މަޝްރޫއުތައް ހުއްޓާލައިގެން ތިބެން ޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން. -- ހަމްދާން
ރައީސް ވެވަޑައިގަތް ވައުދުތައް އެ ރަށަކަށް އިސްކަން ދޭން ޖެހިފައި އޮތް ތަރުތީބުން ބަޖެޓްކޮށް، ހުރިހާ ރަށެއްގައި ވެސް ކުރިއަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމަންޑޫ ދާއިރާގެ އިތުރުން އެހެން ބައެއް ދާއިރާތަކުގައި ވެސް މަޝްރޫއުތައް ކޮވިޑް ތެރޭގައި ވެސް ހުއްޓާނުލައި ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހަމްދާން ދެން ފާހަގަކުރެއްވީ، ކޮވިޑްގެ އުނދަގޫ ދަތި ހާލަތަށް ފަހު، މިއީ މަޝްރޫއުތަކުގެ އަހަރުގެ ގޮތުގައި އަމާޒުކޮށް، ރައްޔިތުންނަށް އެ ވައުދުތައް ފުރިހަމަކޮށްދޭން ސަރުކާރުން ކުރާ މަސައްކަތެވެ. އެހެންކަމުން ކޮމަންޑޫ ވިޔަސް އެހެން ދާއިރާއެއް ވިޔަސް ބަޖެޓްކޮށްފައި ހުރި ކަންކަން ބާރަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ކޮމަންޑޫ އިންޖީނުގެ ބަދަލުކުރުމުން ވެސް މައްސަލައެއްގެ ގޮތުގައި ނަގައި އިންތިހާބާ ގުޅުވިއިރު އެއީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، 2020 ގައި ފަށައި މިދިޔަ އަހަރުގެ ފަހުކޮޅު ގާތްގަނޑަކަށް ނިމިފައި އޮތް މަޝްރޫއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮމަންޑޫ ދާއިރާ އަށް ރައީސް ވަޑައިގަތްއިރު އެތަން ނުހުޅުވުނީ ބައެއް ކަންކަން ފުރިހަމަކުރަން ޖެހިފައި ހުރުމުން ކަަމަށް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮމަންޑޫގެ ރައްޔިތުންނަށް ތަކުލީފަކަށް ވެފައި އޮތް އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަޝްރޫއަކީ އިންތިހާބަށް ކުރި ކަމެއް ނޫނެވެ.
"އިންޖީނުގެ ބަދަލުކުރުމުގެ ތެރޭގައި މުޅި ނެޓްވޯކް އަޕްގްރޭޑް ކުރުން ވެސް ހިމެނުނު. ކިހިނެއް އިންތިހާބު އިއުލާން ކުރުމާ އެކީ މި ކަން ކުއްލިއަކަށް ނިންމައި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރާނީ," ހަމްދާން ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދިޔައީ، ހަމްދާން ފާހަގަކުރެއްވި ގޮތުގައި، ކޮމަންޑޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަވި ހުސައިން ވަހީދުގެ ވެސް ވަރަށް ބޮޑު އެއްބާރުލެއްވުމަކާ އެކުގަ އެވެ. މަޝްރޫއުތައް ހިނގާ ގޮތް ބަރާބަރަށް ބެއްލެވި ކަމަށް ވިދާޅުވި އެވެ.
"މި ދާއިރާ އަށް ކަނޑައެޅި ޕްރޮޖެކްޓްތައް ހުރީ އެކި މަރުހަލާތަކުގައި. ބައި އިލެކްޝަނެއް ބާއްވަން ޖެހުމަކީ ކުރިން ޕްލޭންކޮށްފައި ހުރި މި މަޝްރޫއުތައް ހުއްޓާލައިގެން ތިބެން ޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވޭ," ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިން ރަށަށް ކަނޑައެޅި ގިނަ މަޝްރޫއުތަކެއް ނިމި ހިނގަމުންދާ މަޝްރޫއުތަކާއި ޕްލޭން ކޮށްފައި ހުރި ކަންކަން ވެސް ބަޖެޓުންނާއި ސަރުކާރުގެ ރަސްމީ ލިއުންތަކުގައި އާއްމުކޮށް ފެންނަން ހުންނާނެ އެވެ.
- ކޮމަންޑޫ: ޖުމްލަ 18 މަޝްރޫއެއް ކުރިއަށް ގެންދަން ހަމަޖައްސާފައިވޭ.
- ހަތް މަޝްރޫއު ވަނީ ނިމިފައި.
- ހަތަރު މަޝްރޫއެއް ހިނގަމުން އެބަދޭ.
- ހަތަރު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ޕްލޭންކޮށްފައި.
ފޯކައިދޫ: 11 މަޝްރޫއެއް ކުރިއަށް ގެންދަން ހަމަޖައްސާފައިވޭ.
- ތިން މަޝްރޫއެއް ނިމިފައި.
- އެއް މަޝްރޫއެއް ޓެންޑާކޮށްފައި.
- ތިން މަޝްރޫއެއް ޕްލޭންކޮށްފައި.
މަރޮށި: އަށް މަޝްރޫއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވޭ.
- ތިން މަޝްރޫއެއް ހިނގަމުން އެބަދޭ.
- އެއް މަޝްރޫއު ނިމިފައި.
- ހަތަރު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ޕްލޭންކޮށްފައި.
މި ތިން ރަށަށް ވެސް ޕްލޭންކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމާއި މަގު ހެދުމާއި ނަރުދަމާ އާއި ފެނާއި އިންޖީނުގެ ބަދަލުކުރުމާއި ފުޓްސަލް ދަނޑު އެޅުމާއި ކްލާސްރޫމްތަކާއި އައިސްޕްލާންޓާއި ހައި ސްޕީޑް ފެރީ ނެޓްވޯކް އެކްސަސް އާއި ޕޮލިސް ސްޓޭޝަންތަކާއި ކުޑަކުދިންގެ ޕާކުތައް ހެދުން ފަދަ ކަންކަމެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަށް އޮތް ދަތިކަމަށް ހައްލެއްގެ ގޮތުގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލަދޭން ރައީސަށް އެ ރަށުގެ ރައްޔިތުން ހުށަހަޅައި އެކަމަށް ވައުދުވެޑައިގަތީ 2020 ގެ ކައުންސިލް އިންތިހާބުގެ ތެރޭގަ އެވެ. އެ އިންތިހާބަށް ފަހު، އެ މަޝްރޫއު ޕްލޭންކޮށް ޑިޒައިންކޮށް، އީއައިއޭ ވެސް އޮތީ ނިމިފައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ކަމެއް ނުކޮށް ކުއްލިއަކަށް މިދިޔަ ހަފުތާގައި މަސައްކަތް ފެށީ ނޫން ކަމަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ބަޖެޓް ހިމެނީ ކޮމަންޑޫގެ ބިން ހިއްކުމާއި އާޓިފިޝަލް ބީޗެއް އެޅުމުގެ ބައިގަ އެވެ.
ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމަށް ކޮމަންޑޫ ކައުންސިލުން ރާވާފައިވާ ގޮތް.-- މިހާރު ގްރެފިކްސް: އަލީ ނަހުޒާން
"ދެ ކޮމަންޑޫ ގުޅާލުން، ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ގެންދަން މަޝްވަރާ ކޮށްފައި އޮތީ. ރައީސް އެ ރަށަށް ވަޑައިގެން އިއުލާން ކުރުމުގެ މާ ކުރިން ވެސް އީއައިއޭ ވެސް ކުރިއަށް ދިޔަ ކަމެއް އެއީ. ޕްލޭނިން މިނިސްޓްރީން އައީ ޑިޒައިން އެކުލަވާލަމުން،" ހަމްދާން ވިދާޅުވި އެވެ.
"ހުސެއިންއާ އެކު ވެސް ވަރަށް ގިނަ ވާހަކަ ދެކެވެމުން އައި މަޝްރޫއެއް މިއީ."
ނައިބު ރައީސް ފައިސަލް ނަސީމް ކެމްޕެއިނަށް ވަޑައިގެން މަރޮށީގެ ބަނދަރު ފައްޓަވައި ދެއްވުމަކީ ވެސް ކެމްޕޭނަށް ކުރެއްވި ކަމެއް ކަމަށް އަމާޒުކުރާ ފާޑުކިއުންތަކަށް ހަމްދާން ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއަކީ ފެބުރުއަރީ 2020ގައި ޓެންޑާ އިން ހެވީ ފޯސްއާ ހަވާލުކޮށްފައި އޮތް މަސައްކަތެއް ކަމަށެވެ.
މަރޮށީ ފުޓްސަލް ދަނޑަކީ ކުރީގެ ސަރުކާރުގެ މަޝްރޫއެއް ކަމަށް އަމާޒުކުރާ ފާޑުކިއުންތަކާ ގުޅިގެން ވިދާޅުވީ، ބަޖެޓެއް ކަނޑައަޅައި ބަޔަކާ ހަވާލުކޮށްގެން ނިންމާފައި އެ އޮތީ މި ސަރުކާރުން ކަމަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފޯކައިދޫ ރައްޔިތުންގެ ގާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތްއިރު އަސާސީ ގިނަ ކަންކަން ހުރީ ނުވެ އެވެ. އޭރު ފެނުނީ އެ ރަށަށް އިހުމާލުވެފައި އޮތްވަރު ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ލިސްޓުގައި އަސާސީ ކަންކަން ހިމަނުއްވައި ފުރަތަމަ އަހަރުން ފެށިގެން ވެސް ފޯކައިދު އާއި ކޮމަންޑު އާއި މަރޮއްޓަށް ވެސް ވައުދުތައް ފުއްދައިދެއްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރައީސްގެ ވައުދުތައް ތަރުތީބު ކުރައްވައި އެންމެ ބޮޑަށް އިސްކަންދޭން ޖެހިފައި އޮތް ކަންކަމުން ފެށިގެން ހުރިހާ ރަށެއްގައި ވެސް ޕްރޮޖެކްޓްސްތައް އެބަ ހިނގާ. މި ޕްރޮޖެކްޓްސް ހިނގާ ގޮތް ބައްލަވަން ވަޑައިގަންނަވާ ދަތުރުތަކުގައި ރައްޔިތުން ހުށަހަޅާ ކަންކަން ވެސް ލިސްޓު ކުރައްވައި ޕްލޭންކޮށް ބަޖެޓްކޮށްގެން ކުރިއަށް އެބަ ހިނގާ،" ހަމްދާން ވިދާޅުވި އެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ކޮމަންޑޫ ދާއިރާގައި ވެސް މަޝްރޫއުތައް ހިނގަނީ އިންތިހާބާ ދިމާކޮށެއް ނޫނެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ފަހުން ލޯކަލް ކައުންސިލްގައި ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ޕްލޭންކޮށް ހިންގާ މަޝްރޫއުތަކެއް ކަމަށާއި އެހެން ދާއިރާއަކަށް ބެލިއަސް ފެންނާނީ ހަމަ އެހާ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިނގަމުން އަންނަ މަންޒަރު ކަމަށް ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒުފޯރުވާތީ އެމްއާރުއެމުން ކަންބޮޑުވެއްޖެ
އެމްޑީޕީއަށް ތާއީދު ނެތްކަން ސާފުވެއްޖެ: ފަތުހީ
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟
ހައްގު މޮޅެއް، ދެން ވެސް ކުރިއަރުވާނީ ދާއިރާ: ރާޝިދު
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
ދެ މަޝްރޫއުގެ ހަރަދު މުޅި އަހަރުގެ ބަޖެޓާ ނުބައްދަލު!
ވައުދުތައް ފުއްދުމުން، ފޯކައިދޫ ބަދަލުކޮށްލައިފި
ސިޔާސީއެއް ނޫން، މި ރަށްރަށުން ބޭނުމީ ހިދުމަތް!
ދެ ކޮމަންޑޫ ގުޅާލުމަކީ ބަޖެޓުގައި ހިމެނޭ މަޝްރޫއެއް
ކޮމަންޑޫގެ ހުވަފެނީ މަޝްރޫއު: ރައްޔިތުން ބަދަލުކޮށްލާނެ