Roadha Mihaaru
ދެ މަޝްރޫއުގެ ހަރަދު މުޅި އަހަރުގެ ބަޖެޓާ ނުބައްދަލު!

ބަޖެޓްކުރީ 28 މިލިއަން، އިންތިހާބާ ދިމާކޮށް ފެށި ދެ މަޝްރޫއުގެ އަގު 254 މިލިއަންގައި!

02 ފެބުރުއަރީ 2022

ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް މި އަހަރު ހަރަދުކުރަން 28 މިލިއަން ރުފިޔާ ކަނޑައެޅިއަސް ބައި އިލެކްޝަނާ ދިމާކޮށް ފެށި ބޮޑު ދެ މަޝްރޫއަށް އެކަނި ވެސް 254 މިލިއަން ރުފިޔާ ހޭދަވާކަން ހިސާބުތަކުން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް މި އަހަރު ހަރަދުކުރަން 28 މިލިއަން ރުފިޔާ ކަނޑައެޅިއަސް ބައި އިލެކްޝަނާ ދިމާކޮށް ފެށި ބޮޑު ދެ މަޝްރޫއަށް އެކަނި ވެސް 254 މިލިއަން ރުފިޔާ ހޭދަވާކަން ހިސާބުތަކުން ދައްކައިފި އެވެ.

އަންނަ ހޮނިހިރުދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރަން ސަރުކާރުން އެ ދާއިރާގައި ކުއްލި ގޮތަކަށް މަޝްރޫއުތައް ފަށާފައިވާ ކަމުގެ ފާޑުކިއުން ބޮޑެވެ. އެ ދާއިރާގެ ގޮނޑި ހުސްވެ ބައި އިލެކްޝަން އިއުލާންކުރި ފަހުން އާ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ.

އޭގެ ތެރޭގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމާއި ކޮމަންޑޫގައި އައިސް ޕްލާންޓެއް އެޅުމާއި ކޮމަންޑޫގެ އެއްގަމު ތޮށި އަދިި ބަނދަރުގެ ކަނޑުތޮށި މަރާމާތު ކުރުމާއި ށ. އަތޮޅުގައި ތިން ރިސޯޓެއް ތަރައްގީކުރަން ހުޅުވާލުމާއި ފޯކައިދޫ ޗަސްބިމަށް ވެލި އަޅައި ގޯތި ދޫކުރުން ހިމެނެ އެވެ.

މީގެ ތެރޭގައި އެންމެ އަގު ބޮޑު މަޝްރޫއަކީ ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވައިލުމެވެ. ބޯހިޔާވަހިކަމުގެ ހައްލަކަށް ދެ ރަށް ގުޅައިލަން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 249 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު ނިންމަން ޖެހެނީ ދެ އަހަރުންނެވެ. ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމަށް ކުއްލި ގޮތަކަށް ފެނަކައާ ހަވާލުކުރީ ފަސް މިލިއަން ރުފިޔާ އަށެވެ.

ދެ މަޝްރޫއުގެ އަގު 254 މިލިއަންގައި

- ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުން 249 މިލިއަން ރުފިޔާ

- އައިސްޕްލާންޓް އެޅުން ފަސް މިލިއަން ރުފިޔާ

މި ދެ މަޝްރޫއަށް އެކަނި މި ހޭދަކުރަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދު އަށް މި އަހަރު ކަނޑައެޅި ބަޖެޓަށް ވުރެން އެތައް ގުނައެއް އިތުރަށެވެ. ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން ނަމަ މި އަހަރުގެ ތެރޭގައި ތިން ރަށުގައި ހިންގަން ހުރި މަޝްރޫއުތަކުގެ އަގަކީ 28 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް 28 މިލިއަން ބަޖެޓްކުރި މަޝްރޫއުތައް

- ކޮމަންޑު އަށް 10 މިލިއަން ރުފިޔާ (މީގެ ތެރޭގައި ހިމެނެނީ ބަނދަރާއި ސްކޫލާއި ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ހެދުމަށް.

- މަރޮއްޓަށް 7.4 މިލިއަން ރުފިޔާ ( ބަނދަރާއި ސިއްހީ މަރުކަޒާއި ސްކޫލްގެ ސައިންސް ލެބް ހެދުމަށް.)

- ފޯކައިދު އަށް 10.7 މިލިއަން ރުފިޔާ (12 ކްލާސްރޫމްގެ ތިން ބުރި އިމާރާތާއި މަލްޓިޕާޕަސް ހޯލާއި ސިއްހީ މަރުކަޒާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން.)

އިންތިހާބާ ދިމާކޮށް ކޮމަންޑޫގައި މަޝްރޫއުތައް ފަށާފައިވާ ކަމުގެ ތުހުމަތު ސަރުކާރުން ދޮގުކުރެ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އިންތިހާބެއް ބާއްވަން ޖެހުނު އިރު ވެސް އެ ދާއިރާގެ ތިން ރަށުގައި 25 އަށް ވުރެ ގިނަ މަޝްރޫއު ދިޔައީ ހިންގަމުންނެވެ. ދާއިރާގެ ތިން ރަށަށް ތިން އަހަރުގެ ތެރޭގައި ސަރުކާރުން ޕްލޭން ކޮށްފައި ވަނީ 37 މަޝްރޫއެކެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާއިރު، މި އަހަރުގެ ބަޖެޓުން ފަށަން ނިންމާފައިވާ ކަން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ވަކި ބަޖެޓެއް ނެތަސް އެކަން ހިމެނީ ރައީސް އޮފީހުން ބުނެފައިވާ ގޮތުގަ ކޮމަންޑޫގެ ބިން ހިއްކުމާއި އާޓިފިޝަލް ބީޗެއް އެޅުމުގެ ބައިގަ އެވެ. މިއީ އިންތިހާބާ ދިމާކޮށް ފެށި މަސައްކަތެއް ނޫން ކަމަށާއި މި އަހަރު ފަށަން މާ ކުރިން ވެސް އޮތީ ޕްލޭންކޮށްފައި ކަމަށް ސަރުކާރުން ބުންޏެވެ.

ކޮމަންޑޫ ދާއިރާގެ ބައެއް މަޝްރޫއުތައް އަވަސްވީ ބައި އިލެކްޝަނަށް ވާދަވެރި ކެމްޕޭނެއް ފެށުމާ އެކުގަ އެވެ. އެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ އިތުރުން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީން ވެސް ކެންޑިޑޭޓަކު ނެރެ އެވެ.