26 ޖެނުއަރީ 2022
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދޭން ޖެހެނީ މިއީ އެމްޑީޕީގެ ވެރިކަމަކަށް ވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދޭން ޖެހެނީ މިއީ އެމްޑީޕީގެ ވެރިކަމަކަށް ވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރާ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އެ ދާއިރާއަށް ވަޑައިގަތީ އިއްޔެ އެވެ. އޭގެ ކުރިން ޖޭޕީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލް ނަސީމް ވެސް ވަނީ ރާޝިދަށް ތާއީދު އިތުރުކުރުމުގެ ކަންކަމަށް ދާދި ފަހުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފަ އެވެ.
ޖޭޕީގެ ވަފުދަކާ އެކު ކެމްޕެއިނަށް އެ ދާއިރާގައި ހިމެނޭ މަރޮއްޓަށް ވަޑައިގެން ގާސިމް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެ ދާއިރާގައި މަޝްހޫރުތައް ކުރިއަށް ގެންދެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ރުހުމާ" އެކު އެވެ.
"އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވަންވީ ކުރިއަށް އޮތް ދެ އަހަރުގައި މި ދާއިރާގެ ރައްޔިތުންނަށް އަޅާލުމެއް އިހުސާންތެރިކަމެއް ނުވަތަ ޕްރޮޖެކްޓެއް ހިންގޭނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސުލްޖުމްހޫރިއްޔާގެ ލޯތްބާއި އިހުލާސްތެރިކަމާ އޮވެގެން. އެއީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ކަންވާނެ ގޮތް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު އަގުލަބިއްޔަތަކުން ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު އެ އިންތިހާބަކީ ވަރަށް އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ވޯޓު އޮޅުވާލިކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުންދާތީ އެކަމަަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ "ބަޔަކު ގޯސް ހަދަން އުޅުނު ނަމަވެސް ގޯސް ނުހެދުނު" ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއް އޮވެ، އެމްޑީޕީއަށް މިގޮނޑު ދިނުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އޭރެއްގެ ހުންނަ ރައީސުލްޖުމްހޫރިއްޔާއެއްގެ ލޯތްބެއް އެބައެއްގެ މައްޗަށް ލިބިގެން ނޫނީ އެއްވެސް ތަނެއްގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާނެކަން،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި 15 ވަރަކަށް އަހަރު ވެސް ކޮމަންޑޫ ދާއިރާ ކާމިޔާބު ކުރީ އެމްޑީޕީން ކަމަށާއި އެ ދާއިރާއަށް ކުރިއެރުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދާ ހަމައަށް އައިއިރު ވެސް އެމްޑީޕީން މި ގޮނޑިއަށް މި ކުރިމަތިލީ ގޮނޑި މަދުވެގެނެއް ނޫން. އެހެންނަމަވެސް މި ދާއިރާގައި 15 އަހަރު މެމްބަރުކަން ކުރީ އެމްޑީޕީން. އެކަމަކު ވެރިކަން ކުރީ އެމްޑީޕީއަކުން ނޫން. 2008 ގައި ތިން އަހަރަށް އެމްޑީޕީ ވެރިކަންކޮށްފައި 2018 ގައި އަނެއްކާ ވެސް އެމްޑީޕީ އަށް މި ލިބުނީ. އެެހެންވީމަ ޝަކުވާ ކުރާނެ ޖާގައެއް މިދާއިރާއަކަށް ނެތް. ކުރިއެރުން ހޯދައިފި،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ކެމްޕެއިން ކޮށްދެއްވުމަށް ށ. މަރޮއްޓަށް ވަޑައިގެން ގާސިމާއި ޖޭޕީގެ ޓީމުގެ ބޭފުޅުން އެމްޑީޕީގެ ބައެއް މީހުންނާއެކު ގްރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ޖޭޕީ
ގާސިމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކު ނުހޮވިއްޖެ ނަމަ، ކޯލިޝަން އެހެން ލީޑަރުން ވެސް ލަދު ގަންނަން ޖެހޭ ކަމަށެވެ. ކޮވިޑާ ގުޅިގެން އެކަހެރިކޮށް ދިރިއުޅުއްވި ނަމަވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ވަޑައިގަތީ އެހެންވެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ މި ދާއިރާއަށް ކާމިޔާބު. އެ ތަނަވަސްކަން ދާއިރާއަށް ހޯދުމަށް ބޭނުންވާ ނަމަ ކޮންމެ އިރަކު ވެސް އެއިރެއްގެ ވެރިއަކު ބުނާ ގޮތަށް ކަންތައް ކުރާށޭ. އަބަދުވެސް އެބަ އިނގޭ މީހެއްގެ ހިތުން ރުހުމުން ކޮށްދޭ ކަންކަން ވަރަށް ތަފާތު."
ގާސިމް އެގޮތަށް ވިދާޅުވީ، ސަރުކާރުގެ ހުއްދަ ލިބިއްޖެ ނަމަ، އޭނާގެ ހަރަދުގައި ކޮމަންޑޫ އާއި މަތިކޮމަންޑޫ ހިއްކައިދޭނެ ކަމަށް 2008 ވަނަ އަހަރު ކޮމަންޑޫއަށް ވަޑައިގެން، ވިދާޅުވި ކަމަށާއި އެކަމަކު އޭރު އޭނާއަށް އެ ޕްރޮޖެކްޓްގެ ހުއްދަ ނުލިބުނީ އޭނާ ސަރުކާރަށް ނިސްބަތް ނުވާތީ ކަމަށް ފާހަގަކުރައްވަމުންނެވެ.
އެކަމަކު އޭނާ ވަނީ ރަށުގައި މަޝްރޫއުތައް ހިނގަމުންދަނިކޮށް އެހެން ބަޔަކަށް ވޯޓު ދީގެން އެ މަޝްރޫއުތައް ހުއްޓާލަން ބޭނުންވަނީތޯ ވެސް ސުވާލު އުފައްދައިފަ އެވެ.
"މަންމަ ކުރިމަތިލިޔަސް ބައްޕަ ކުރިމަތިލިޔަސް ދާއިރާގެ ތަރައްގީއަށް އޮތް ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދޭށޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ކެމްޕެއިން ކޮށްދެއްވުމަށް ށ. މަރޮއްޓަށް ޖޭޕީގެ ލީޑަރު ގާސިމް މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ޖޭޕީ
މި އިންތިހާބުގައި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ތާއިދު ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ނުސީދާ ގޮތެއްގައި އެ ކެންޑިޑޭޓަށް ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ހިންގުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވޭ ކަންކަން ހިނގަމުންދާތީ ފާޑުކިޔައިފަ އެވެ. އެގޮތަށް ކަންކަން ނުކުރުމަށް ގޮވާލައި އެމްއާރުއެމުން ވަނީ އެކަން ހުއްޓުވަން ވެސް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
ރައީސަށް ވެރިކަން ކުރެއްވުނީ އެންމެ އަހަރަކު: ގާސިމް
ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާ އަށް
އެމްޑީޕީއަށް ތާއީދު ނެތްކަން ސާފުވެއްޖެ: ފަތުހީ
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟
ހައްގު މޮޅެއް، ދެން ވެސް ކުރިއަރުވާނީ ދާއިރާ: ރާޝިދު
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ދެވަނަ ބުރުގެ ކޯލިޝަން: ޖޭޕީން މިއަދު ގޮތެއް ނިންމަނީ
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް