Roadha Mihaaru
ދެވަނަ ބުރުގެ ކޯލިޝަން: ޖޭޕީން މިއަދު ގޮތެއް ނިންމަނީ

މަޝްވަރާތަކަށް ފަހު ޖޭޕީން މިއަދު ގޮތެއް ނިންމަން ކައުންސިލް ބާއްވަނީ

16 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ތާއީދަށް އެދި އެމްޑީޕީ އާއި ޕީޕީއެމާ އެކު ސަން އައިލެންޑްގައި ހިނގި މަޝްވަރާތަކަށް ފަހު ގޮތެއް ނިންމަން މިއަދު ކައުންސިލް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ތާއީދަށް އެދި އެމްޑީޕީ އާއި ޕީޕީއެމާ އެކު ސަން އައިލެންޑްގައި ހިނގި މަޝްވަރާތަކަށް ފަހު ގޮތެއް ނިންމަން މިއަދު ކައުންސިލް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކައުންސިލް ބައްދަލުވުން ބާއްވަން ޝެޑިއުލްކޮށްފައި އޮތީ މެންދުރު އެކެއް ޖަހާއިރެވެ. އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުން މެމްބަރުންނަށް ފޮނުވި އެޖެންޑާގައި އެބައޮތެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އދ. މާމިގިލިން ގާސިމް މާލެ ވަޑައިގަންނަވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ސަން އައިލެންޑްގައި މަޑުކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރާ އެކުގަ އެވެ.

ގާސިމް ވަނީ އެމްޑީޕީގެ ދައުވަތަށް ރައީސްއާ އެކު މަޝްވަރާކުރެއްވުމުގެ އިތުރަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް ހިމެނިވަޑައިގެންނެވި ލީޑަޝިޕްގެ ޓީމާއެކު ވެސް ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް، ޕީއެންސީ އާއި ޕީޕީއެމްގެ ޓީމާ އެކު ސަން އައިލެންޑްގައި.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް، ޕީއެންސީ އާއި ޕީޕީއެމްގެ ޓީމާ އެކު ސަން އައިލެންޑްގައި.

ގާސިމްއާ އެކު ކުރި މަޝްވަރާގެ ތަފްސީލެއް ޕީޕީއެމުން މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ދެ ދުވަސް ވަންދެން ބޭއްވި ބައްދަލުވުންތަކާ ގުޅޭ ގޮތުން ވެސް އެމްޑީޕީ އަދި ޖޭޕީން ރަސްމީ ޖަވާބެއް މިހާތަނަށް ނުދެ އެވެ.

އެކަމަކު، ދެވަނަ ބުރަކަށް އެކުގައި މަސައްކަތް ކުރެއްވުމަށް ގާސިމް އެދިވަޑައިގަތް ތަފްސީލްތަކާއި އޮޅުންފިލުވަން ބޭނުންވި ހުރިހާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހިއްސާކުރައްވާފައި ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ނަން ހާމަނުކުރައްވަން އެދިވަޑައިގެން ވިދާޅުވެ އެވެ. އޭގެތެރޭގައި އިދިކޮޅުގެ އެންމެ ބޮޑު ތުހުމަތު، އިންޑިއާ ސިފައިންގެ މައްސަލަ އާއި އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ތުހުމަތުކުރާ ފަދަ ގައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެރުވި ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ދެވަނަ ބުރެއްގެ ކޯލިޝަނާ މެދު ގާސިމްގެ ރިޔާސަތުގައި މިއަދު ގޮތެއް ނިންމަވާއިރު، ޖޭޕީ އަކީ އަދިވެސް މި ވެރިކަން އުފައްދަން އެކުލަވާލި ކޯލިޝަންގައި ދެމިއޮތް ޕާޓީއެކެވެ. އެއްބަސްވި ގޮތަށް ކޯލިޝަނަށް މި ސަރުކާރުން އިހްތިރާމްނުކުރި ކަމުގެ ކަންބޮޑުވުންތަކާ އެކު ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރެއްވި އިރު ވެސް ރަސްމީކޮށް ކޯލިޝަނުން ވަކިވެއްޖެ ކަމަށް އިއުލާނެއް ނުކުރައްވަ އެވެ.

އެކަމަކު ކެމްޕޭންގައި ސަރުކާރަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން ޖޭޕީގެ ކެންޑިޑޭޓް ގާސިމަށް މި އިންތިހާބުގައި ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަމާ އެކު ވާދަކުރެއްވި ނަމަވެސް ގާސިމަށް އިންތިހާބުގައި ލިބިވަޑައިގަތީ 5،000 ވޯޓެވެ. މިއީ، ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވައި ގާސިމަށް އެންމެ މަދުން ވޯޓު ލިބިވަޑައިގަތް ފަހަރެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ލައްކައަކަށް ވުރެން ގިނަ ވޯޓު އޭނާ ހޯއްދެވިއިރު، ރައީސަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ.

ޖޭޕީން ނިންމާ ގޮތެއް ޕީޕީއެމާއި އެމްޑީޕީއަށް ވެސް މުހިއްމު ވަނީ، އިންތިހާބުތައް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އެ ޕާޓީން އަދާކުރާތީ އެވެ. އެ ޕާޓީން ބުނަމުން އަންނަނީ ކޮންމެ ބަޔަކަށް ވެރިކަން ލިބުނަސް އޭގެ ހިއްސާ އެ ޕާޓީގެ އޮންނަ ކަމަށެވެ. މި އިންތިހާބުގެ ކެމްޕޭންގައި ވެސް ގާސިމް ރައްޔިތުންނަށް އެކަން ވިސްނައިދެއްވަމުން ގެންދެވި ނަމަވެސް އެ ޕާޓީގެ މަގާމް މި އިންތިހާބުގައި ހޯދީ އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، އިލްޔާސް ލަބީބެވެ.

އެމްޑީޕީއާ އެކު މިވަގުތު ކޯލިޝަންގައި ތިބީ އަދާލަތާއި އެމްޑީއޭ އެވެ. އެމްއާރުއެމުން ވެސް މި ސަރުކާރު ހިންގާ ކޯލިޝަނުން މިހާތަނަށް ރަސްމީކޮށް ވަތްކެއް ނުވެ އެވެ.

މި އިންތިހާބުގެ ދެވަނަ ބުރަށް، ޕީޕީއެމާއި ޕީއެންސީގެ ފަހަތަށް އިންތިހާބުގައި 1،900 ވޯޓު ހޯދި އެމްއެންޕީ ވަނީ އަރައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމުން ނިންމާ ގޮތެއް އަދި އިއުލާނެއް ނުކުރެ އެވެ. އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް ފަހު ދެވަނަ ބުރުގެ ކޯލިޝަނަށް އެމްޑީޕީ އާއި ޕީޕީއެމާ އެކު ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.