Roadha Mihaaru
ސިޔާސީއެއް ނޫން، މި ރަށްރަށުން ބޭނުމީ ހިދުމަތް!

ސިޔާސީއެއް ނޫން، މި ރަށްރަށުން ބޭނުމީ އަސާސީ ހިދުމަތްތައް!

11 ޖުލައި 2023

ށ. ކޮމަންޑޫ ބަނދަރުމަތީގައި ހުރި ބުރެއްގައި އިށީނދެލައިގެން އިން އަބްދުﷲ އިދުރީސް އަށް ސިޔާސީ ޒުވާބުތަކާއި ހަމަނުޖެހުންތައް އެހާ މުހިންމެއް ނޫނެވެ. އޭނާ ބޭނުން ވަނީ ދެ ކޮމަންޑޫ ގުޅާލެވި، އެ ތަނުން އޭނާގެ ދަރިންނަށް ވެސް ގޯތި ލިބުމެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ށ. ކޮމަންޑޫ ބަނދަރުމަތީގައި ހުރި ބުރެއްގައި އިށީނދެލައިގެން އިން އަބްދުﷲ އިދުރީސް އަށް ސިޔާސީ ޒުވާބުތަކާއި ހަމަނުޖެހުންތައް އެހާ މުހިންމެއް ނޫނެވެ. އޭނާ ބޭނުން ވަނީ ދެ ކޮމަންޑޫ ގުޅާލެވި، އެ ތަނުން އޭނާގެ ދަރިންނަށް ވެސް ގޯތި ލިބުމެވެ.

ހަަމަ އެގޮތަށް، ށ. ނޫމަރާ ބަނދަރުމަތީގައި ހުރި އައިޝަތު އަލީ އަށް ވެސް ސިޔާސީ ޕާޓީތަކުގެ "ޗަރުކޭސް" މިހާރު މުހިންމެއް ނޫނެވެ. އޭނާ ވެސް އެދެނީ އިނގިލި ކުރީގައި ހިފައިގެން ހުރި ކުޑަ ފިރިހެން ދަރިފުޅަށް އަމިއްލަ ރަށުން ރަނގަޅު މުސްތަގުބަލެއް ލިބުމެވެ.

މިއީ މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުގައި ވާހަކަ ދައްކާލެވުނު ބައެއް މީހުންގެ ވިސްނުން ހުރި ގޮތެވެ. މި ދަތުރަކީ ށ. އަތޮޅުގައި އާބާދީގެ ގޮތުން ކުޑަ ހަތަރު ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދު އަށް ކުރި ދަތުރެކެވެ.

މި ހަތަރު ރަށަކީ ވެސް، ކުރީގެ އިންތިހާބުތަކަށް ބަލާއިރު އެމްޑީޕީން މެޖޯރިޓީ ހޯދަމުން އަންނަ ހަތަރު ރަށެވެ.

އިންތިހާބަށް ދެ މަހަށްވެ، ސިޔާސީ ހަލަބޮލިކަމުން ވެރިރަށް މާލެ ގުޑާފައި އޮތް ނަމަވެސް، މި ހަތަރު ރަށުން ފެނުނީ މުޅީން އެހެން މަންޒަރެކެވެ. ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ އަސަރުތައް މި ރަށްތަކަކުން ނުފެނުނެވެ. ރަށްރަށުން ފެނުނީ ހަމަޖެހުމާއި މަޑުމައިތިރިކަމެވެ. ސިޔާސީ ކަންކަމަށް މާ ބޮޑު ޝައުގެއް ނެތް ތަނެވެ.

ގައުމުގެ ރައީސް ރަށަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ކޮމަންޑޫ ބަނދަރުމަތި ވެސް ފުރާލާފައި އޮތެވެ. އޭގެ ތެރެއިން ގިނަ މީހުން ކުޑަކުދިން ގޮވައިގެން އެތަނަށް ގޮސް ތިބީ ރައީސާ ސަލާމްކޮށްލައި، ތާރީހީ އެ މަންޒަރު ދަރިންނަށް ދައްކާލުމުގެ ގޮތުންނެވެ. އެކަން ނިމުމާ އެކު އެ މީހުން އަނބުރާ ދިޔައީ ގެއަށެވެ. ސިޔާސީ ހަރަކާތުގައި ނުވަތަ ޖަލްސާގައި އެ އެންމެން ބައިވެރިއެއް ނުވެ އެވެ.

"ދަރިފުޅު ސަލާންކުރަން ބޭނުންވެގެން އުޅޭތީވިއްޔާ މި އައީ،" އެނބުރި ގެއަށް ދަނީތޯ ސުވާލުކުރުމުން އަންހެނަކު ޖަވާބުދިނެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން

ކުރިން ރަށުގައި އޮންނަ ސިޔާސީ ފޯރި އާއި ވާދަވެރިކަން މިހާރު ނޯންނަ ކަމަށް އޭނާ ވެސް ބުންޏެވެ. ބަނދަރުމަތީގައި އޮތް ޖަލްސާގައި ރައީސްގެ ބައެއް ވާހަކަތަކަށް ތަރުހީބު ދިނުމުގެ ގޮތުން ވަފުދުގައި ވަޑައިގެން އަދި ކުރީ ސަފުތަކުގައި ތިއްބެވި ބޭފުޅުން ކޮޅަށް ތެދުވެ އަތްޖެއްސެވި ނަމަވެސް، ފަހަތު ސަފުތަކުގައި ތިބި ރައްޔިތުން ގޮނޑިތަކުގައި އިށީނދެ މަޑުމަޑުން ތިބީ އެވެ. އެ ސިޔާސީ ފޯރިއެއް ނެތެވެ.

ކޮމަންޑު އަށް ފަހު ދިޔަ މަރޮށިން ވެސް ފެނުނީ ހަމަ އެ މަންޒަރެކެވެ. ރަށުގައި 400 އެއްހާ މީހުންގެ އާބާދީއެއް އޮތްއިރު، ރިޔާސީ ކެންޑިޑޭޓެއްގެ ޖަލްސާ އަށް މާބޮޑު ޝައުގުވެރިކަމެއް ނުފެނެ އެވެ. ޖަލްސާ ކުރިއަށް ދިޔައިރު ބައެއް މީހުން މަޑުކޮށްލައިގެން ތިބީ ޖޯލިފަތިތަކާއި އުނދޯލިތަކުގައި ދުރުގަ އެވެ.

މަރޮށީގެ މަޑުމައިތިރިކަމުގެ ވާހަކަ ރައީސަށް ވެސް ފާހަގަކުރެވޭ މިންވަރަށް ދިޔަ އެވެ. އެމަނިކުފާނު އެކަން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވި އެވެ. ވިދާޅުވީ މަރޮއްޓަކީ ސިޔާސީ ހަލަބޮލިކަމެއް ނެތް، ވޯޓުން ގޮތް ނިންމާ ރަށެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް އެންމެ ޔަގީން ރަށެއްގެ ގޮތުގައި މި ދަތުރުގައި ފެނިގެން ދިޔަ ރަށަކީ ނޫމަރާ އެވެ. ކުޑަކުޑަ އާބާދީއެއް އޮތް މި ރަށުގެ އެންމެން ކަހަލަ ގޮތަކަށް ބަނދަރުމައްޗަށް ނުކުތްއިރު ރައީސްގެ ޖަލްސާގައި ވެސް ގިނަ ރައްޔިތުން ބައިވެރިވި އެވެ. އެއީ، މި ރަށަށް މި ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވީމަ ކަމަށް ވެސް ވެދާނެ އެވެ. އެ މީހުންނަށް އައީ ކުޑަވަރެއްގެ އީދެކެވެ. އެކަމަކު، އެ މީހުންގެ ފަރާތުން ވެސް ނުފެނުނު ކަމަކީ ސިޔާސީ ފޯރި އެވެ. މިނެއްނެތް، ހައްދެއް ނެތް މިންވަރަށް ސިޔާސީ ހުޝާމަދު ކުރުމެއް ނެތެވެ.

މި ތިން ރަށުން ވެސް ރައީސާ ހަވާލުކުރީ ޑިމާންޑް ލިސްޓެކެވެ. އޭގައި އޮތީ މާ ބޮޑެތި ކަންކަމެއް ވެސް ނޫނެވެ. މައިގަނޑު ގޮތެއްގައި އަސާސީ ހިދުމަތްތަކާއި ޒުވާނުންނަށް މަޖާކޮށް ކުޅެލައި ހަދާނެ ގޮތްތަކެއް ހޯދުމެވެ. މާބޮޑު ހަރަދެއް ނުގޮސް ހިންގެން ހުރި އެ މަޝްރޫއުތަކަކީ ރައްޔިތުން އާދޭސްކުރަން ޖެހޭ މިންވަރަށްވުރެ ވެސް އަސާސީ ކަންކަމެވެ. ސަރުކާރެއް ވިއްޔާ ފުއްދަދޭން ޖެހޭ ކަހަލަ ކަންކަމެވެ.

ރައީސްގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނެވި ފޯކައިދޫން ތަފާތު މަންޒަރުތަކެއް ފެނުނެވެ. ކުރީގެ ތިން ރަށާ އަޅާބަލާއިރު ސިޔާސީ ކުލަވަރު މި ރަށުން ފެނުނެވެ. ރައީސް ވަޑައިގަންނަވަންވާއިރަށް ފޯކައިދޫގެ ބަނދަރުމަތީ އެކީއެކަށްހެން ފުރާލާފައި އޮތެވެ. އެކަމަކު އެއީ ހަމައެކަނި ފޯކައިދޫ މީހުނެއް ނޫނެވެ. ހދ. ކުޅުދުއްފުށިންނާއި ކައިރި ރަށްރަށުން ވެސް މީހުން އައިސް ތިއްބެވެ. ނ. އަތޮޅުން ވެސް އެމްޑީއޭ އަށް ތާއިދުކުރާ މީހުން ސަންސިޔާމްގެ ލޯންޗު ފަހަރުގައި އައިސް އުޅުނެވެ.

އެ އެންމެންނާ ސަލާމްކޮށް ނިންމުމަށް ރައީސް ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ޖެހުނުއިރު، ބައެއް މީހުން ދުރުގައި ބަލަން ވެސް ތިއްބެވެ. އެގޮތުން، ސައި ތައްުޔާރުކޮށްފައިވާ ސަރަހައްދާ އެއް ހިސާބެއްގައި ހުރި އަންހެނަކު ބުނި ގޮތުގައި އޭނާ ދުރުގައި މަޑުކޮށްލައިގެން ހުރީ ސަލާމްކުރަން ދާހިތް ނެތުމުންނެވެ.

ފޯކައިދޫގައި ރައީސަށް މަރުހަބާ ދެންނެވުމަށް ގިޑިގެތައް ވެސް ހަދާފައި ހުރިއިރު ނެށުމެއް ވެސް އޮތެވެ. އެކަމަކު، އެ ނެށުމަކީ ކުޅުދުއްފުށީ ބަޔަކު ހުށަހަޅައިދިން ނެށުމެކެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން

ރައީސަށް މަރުހަބާ ދެންނެވުމުގެ ކަންކަން ބަނދަރުމަތީ ހިނގަމުންދިޔައިރު އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލުމަށް ޕީޕީއެމްގެ ދިދަތަކާއި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ބެނާތައް ހިފައިގެން ބައެއް ރައްޔިތުން ނުކުމެ ތިއްބެވެ. ފުލުހުން ނުކުމެ ރައީސަށް ނުވެސް ފެންނަހާ ދުރަށް އެ މީހުން ޖެއްސި އެވެ.

ރަށްރަށުން އައިސް ތިބި މީހުންނާ އެކު ފޯކައިދޫގައި ބޮޑު ޖަލްސާއެއް އޮތެވެ. ސިޔާސީ ވަރަށް އިސް ބޭފުޅުންތަކެއް ރައީސްއާ އެކު އެ ޖަލްސާގައި ވާހަކަ ދެއްކެވި ނަމަވެސް، އެއީ ސިޔާސީ ޖޯޝް އޮތް ޖަލްސާއެއް ނޫނެވެ. ސިޔާސީ ބަހުގެ ހަމަލާތަކާއި ރައްދުތަކަށް މާބޮޑު ފޯރިއެއް ޖަލްސާގެ ބައިވެރިން ނުގެނެ އެވެ. އެކަމަކު، "ސާބަހޭ ރައީސް"އޭ ކިޔާ ގޮވާލާ އަޑުގަދަކޮށްލީ އެ ރައްޔިތުންނާ ގުޅޭ ވާހަކަ ގެނައި ހިސާބުންނެވެ.

"ފޯކައިދު އަށް މި ސަރުކާރުންވީ ވައުދުތައް ސަތޭކަ އިން ސަތޭކައަށް މިއަދު ފުއްދައިދެވިއްޖެ،" ރައީސް މިހެން ވިދާޅުވި ވަގުތަކީ ތަރުހީބު އަޑު އެންމެ ގަދަވި ވަގުތެވެ.

އެ ރަށުގެ ފެނާއި ނަރުދަމާ އެޅި، ބަނދަރާއި ސިއްހީ މަރުކަޒު އަދި ބޮޑު ދަނޑު ވެސް ހުޅުވިއްޖެ އެވެ. އަސާސީ ހިދުމަތްތަކުން އެ ރަށް ފުރިހަމަވަމުންދާއިރު ދެން އިތުރަށް ޑިމާންޑަކަށް ވެސް އޮތީ ހަމަ އެންމެ ތިން ކަމެވެ.

ދެވަނަ ދައުރަކަށް އެދިވަޑައިގެން ރަށަށް ވަޑައިގަތް ރައީސްގެ ފަރާތުން ފޯކައިދޫން އެދުނީ މަގުތައް ހެދުމާއި ގިރާސަރަހައްދު ހިމާޔަތްކުރުމާއި ބޯހިޔާވަހި ކަމަށެވެ. އެހާ މަދު އާދައިގެ ތިން ކަމަށް އެދުމުން ރައީސް ވެސް ހައިރާންވެވަޑައިގަތެވެ. އެކަމަކު، މިކަމުން އެނގޭ ކަމަކީ މި ރަށްރަށުގެ ރައްޔިތުންނަށް މިހާރު މުހިންމީ އެ ރަށެއްގައި ކަންކަން ފުރިހަމަވުން ކަމެވެ. ސިޔާސީ ހަމަނުޖެހުމާއި ޒުވާބުތަކަށްވުރެ އެކަންކަން އެ މީހުން އިސްކުރާ ކަމެވެ.

ކޮން ޕާޓީތަކުން ކުރިމަތިލަނީ ކާކުތޯ، ކުރިމަތިނުލެވެނީ ކާކުތޯ، ކޯލިޝަން ހަދަނީ ކޮން ބައެއްތޯ ހަމަ ގައިމު ވެސް މި ހަތަރު ރަށަށް މުހިންމެއް ނޫނެވެ.