Roadha Mihaaru
މިތިބީ މާ ގަދަކޮށް، ކާމިޔާބުވާނެ: ފައްޔާޒް

މިތީބީ މާގަދަކޮށް، ކާމިޔާބުވާނެކަމާ މެދު ޝައްކެއް ނެތް: ފައްޔާޒު

10 ޖުލައި 2023

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ފޯކައިދޫން ނާޒިމް ހަސަން

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ފެއްޓުމަށް ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިއަދަކީ އާ ދަތުރަކަށް އާ މަންޒިލަކަށް ދާން އެމްޑީޕީން ދަތުރު ފަށާ ދުވަސް ކަމަށާއި މި ދަތުރުގެ މަންޒިލަކީ އުފާވެރި, އަމާން ރާއްޖެއެއް ކަމަށެވެ.

"މި ދަތުރު އަނެއްކާވެސް މި ފަށަނީ މި ދަތުރު ކާމިޔާބުވާނެ ކަމުގެ އެއްވެސް އެއްވެސް ޝައްކެއް ނެތް އަޅުގަނޑުމެން ނުކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބަ އޮތެވެ. މިފަހަރު އެމްޑީޕީ އޮތީ ތަފާތުކޮށް، ގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު މި ދަތުރުގެ ތަފާތަކީ އަޅުގަނޑުމެން މި ތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް، އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެނާ އަރުވާ ބަރުކޮށްލާފައި، ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރު އިންޖީނު އަޅާލާފައިމިވަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ކުރިން ރާއްޖެ ދުށް އަނިޔާވެރިކަން އަލުން ރުޖޫއަކުރުމަށް ދިވެހި ރައްޔިތުން އެއްވެސް ޖާގައެއް ނުދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ޗެއާޕާސަން ދެއްވިއިރު، އެމްޑީޕީ އޮތީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާ އެކު ކޯލިޝަންގަ އެވެ. ރައީސް ވަނީ 77،000 މެމްބަރުންނާ އެކު އެއީ އެންމެ މެންބަރުން ގިނަ ކޯލިޝަންކަން ފާހަގަކުރައްވައިފަ އެވެ.

ރައީސްއާ ވާދަވެރި ޕާޓީތަކުން ވެސް މިހާރު ވަނީ ކެމްޕެއިން ފަށައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ކުރިއަށް ގެންދަނީ "ދިވެހިންގެ ރާއްޖެ" ނަމުގަ އެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަމުން ދަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްއިންގައި މިހާރު އުޅުއްވަނީ ހދ. އަތޮޅުގަ އެވެ. ޖުމްހޫރީ ޕާޓީން ވެސް ކެމްޕޭން ކުރަމުން އަންނައިރު، އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ "ދަ ޑިމޮކްރެޓްސް" އިން މިހާތަނަށް ކެންޑިޑޭޓަކު އިއުލާނެއް ނުކުރެ އެވެ.