މިއަދު 20 އަހަރު ފުރުނު އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
26 ޖޫން 2025
މިއަދު 20 އަހަރު ފުރުނު އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި އިސްލާހާއި އަދި ތަހުޒީބީ ހިޔާލާ އެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގެ ފުރުސަތު ފަހިކޮށްދިން ޕާޓީ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރު ކުރިން ފެށި މި ދަތުރު އަދި ނުނިމޭ. ކުރަން ހުރި ކަންކަން ބައިވަރު، ޚުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށްދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވި މި ދަނޑިވަޅު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެ މަނިކުފާނު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އިއްޔެ ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ޕާޓީ އޮންނާނީ ގަދަކޮށް އެކުގައި ކަމަށް ފައްޔާޒު ވެސް ވަނީ ވިދާޅުވެފަ އެވެ. އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން ކުރިން ޕާޓީގެ ތެރޭގައި ހިނގައިދިޔަ ކަންކަން ދެން ތަކުރާރުނުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުނުއިރު، އެ ޕާޓީގެ ޓިކެޓްގައި ފުރަތަމަ ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެ އަހަރަށް ފަހު މިދިޔަ ހޯމަ ދުވަހު ޕާޓީއާ އަލުން ވަނީ ގުޅިވަޑައިގެންފަ އެވެ. އެ މަނިކުފާނު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އޭރުގެ ރައީސް އިބޫ މެދު އުފެދުނު ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ. އެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އިބޫ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެކުގައި މަސައްކަތްކުރަން އެ މަނިކުފާނު ދައުވަތު ވެސް ދެއްވާފައިވެ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ މި ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަ ނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒް
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް