އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރެއް ކާމިޔާބުކުރައްވާނެ ކަމަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ނުވެ، ޕާޓީއާ އެކު މަސައްކަތްޕުޅު ކުރައްވަން ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ އެދިވަޑައިގެންފި އެވެ.
22 މާޗް 2023
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރެއް ކާމިޔާބުކުރައްވާނެ ކަމަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ނުވެ، ޕާޓީއާ އެކު މަސައްކަތްޕުޅު ކުރައްވަން ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ އެދިވަޑައިގެންފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހަދަން ބޭއްވެވި މަޝްވަރާ ބައްދަލުވުމަށް ފަހު، ފައްޔާޒް ވިދާޅުވީ ނަޝީދު ތާއީދު ނުކުރެއްވިޔަސް އެމްޑީޕީން ދެ ވަނަ ދައުރެއް ކާމިޔާބުކުރާނެ ކަމަށެވެ. އެ ޕާޓީން އިސްވެ ރާއްޖޭގަައި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަކަށް ކުރި މަސައްކަތްތަކާއި ގައުމުގެ ހަމަޖެހުން ދެމިއޮންނާނެ މަގަކީ ވެސް އެއީ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ރައީސް ނަޝީދަށް ވެސް އަޅުގަނޑުމެންގެ ޕާޓީގައި ތިބި އެހެން ބޭފުޅުންނަށް ވެސް ދަންނަވާނީ އަޅުގަނޑުމެންނާ އެއްކޮށް މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ. ބާކީ ނުވާށޭ. ބާކީ ވުމަށް ވަޑައިނުގަންނަވާށޭ،" ރައީސާ އެކު މީޑިއާއާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުންނަ ހިޔާލުތަފާތުވުންތަކަށް ސުލްހަ ކޮންމެވެސް ވަރަކަށް ހޯދޭނެއޭ. އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ. ދެ މީހުންނަށް އެއްފަހަރަކާ ވެރިކަމެއް ނުކުރެވިދާނެ. އެހެންވީމާ ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަޖެހޭ."
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރިޔާސީ ޕްރައިމަރީއާ މެދު ހިތްހަމަނުޖެހިގެން ޕާޓީއާ ވަކިން މަސައްކަތްތަކެއް ކުރިއަސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަަމަށް ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދުގެ ތާއީދާ ނުލައި އިންތިހާބު ކާމިޔާބުވެދާނެތޯ ނޫސްވެރިއަކު އެހުމުން ފައްޔާޒް ވިދާޅުވީ "އަޅުގަނޑުމެން ވަރަށް ބޮޑަށް ރައީސް ނަޝީދުގެ ތާއީދު ބޭނުން" ކަމަށެވެ.
"ހަމަ ވަރަށް ބޮޑަށް ބޭނުން، އެހެން ނަމަވެސް އެ ނުލިބިއްޖެ ކަމަށް ވިޔަސް އިރާދަކުރެއްވިޔާ ކާމިޔާބު ކުރާނަން. އަޅުގަނޑުމެން ބޭނުން ވަނީ ރައީސް ނަޝީދާ ވެސް އެއްކޮށް ގޮސް އިންތިހާބު ކާމިޔާބުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ފަހު ނޫސްވެރިންނާ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
ނަޝީދު ވަކިން ޕާލަމެންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު ކަމަކަށް ވާއިރު އެކަމަށް ވެސް ފިޔަވަޅު ނާޅާނެތޯ ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ އެއީ ހިތުގައި އޮންނަ ޝުއޫރު ފާޅުކޮށްލެވޭނެ ޕާޓީއެއް ކަމަށެވެ. ޕާޓީގެ ލީޑަޝިޕުން ފެށިގެން އާއްމު މެމްބަރުންނާ ހަމައަށް ވެސް އެ މިނިވަންކަން ހިޔާލުފާޅުކުރުމުގައި އޮންނައިރު، ހިޔާލު ތަފާތުވުމަކީ އާ ކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީ ހިނގަނީ ރަނގަޅަށެވެ. އެއްވެސް ކަމަކާ ގުޅިގެން ގުޑުގުޑެއް ނާޅާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފިޔަވަޅު އަޅައިގެން ނޫން މި ޕާޓީގައި ވެސް ކަންކަން މި ކުރަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް މި ކަންކަން ކުރަނީ. އެ އަށް ވުރެ އަޅުގަނޑުމެން ސްޓްރޯންގް،" ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ބަލައިގަންނަން ރައީސް ނަޝީދަކީ މި ޕާޓީ އުފެއްދުމާއި ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްކަން. އެހެންވީމާ އަޅުގަނޑުމެންގެ އިހްތިރާމް އެގޮތަށް ދިނުމުގެ ގޮތުން ފަހަތަށް ޖެހިލައިގެން މި ތިބެނީ. ކަންބޮޑުވެގެނެއް ވެސް ނޫން، ބިރަކުން ވެސް ނޫން."
ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެއީ ވެސް، ފައްޔާޒް ވިދާޅުވި ގޮތުގައި، ޕާޓީން ފަސްޖެހޭނެ ކަމެއް ނޫނެވެ. އެފަދަ އެއްވެސް ކަމަކާ އަދި ޕާޓީގެ ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
މި ހޫނަށް ފަހު އެމްޑީޕީ އެކަތިގަނޑަކަށް ވެވިދާނެ؟
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު