26 ޖޫން 2023
އެއްވެސް ފަރުދަކަށްވުރެ އެމްޑީޕީ އާއި ގައުމު މާ ބޮޑު ކަމަށާއި އެ ފަލްސަފާ އެމްޑީޕީގައި އަށަގަނެގެން ދިޔުމަކީ ލިބުނު ބޮޑު ކާމިޔީއެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެއްވެސް ފަރުދަކަށްވުރެ އެމްޑީޕީ އާއި ގައުމު މާ ބޮޑު ކަމަށާއި އެ ފަލްސަފާ އެމްޑީޕީގައި އަށަގަނެގެން ދިޔުމަކީ ލިބުނު ބޮޑު ކާމިޔީއެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ މެންދަމު ފޭސްބުކް މެދުވެރިކޮށް ފައްޔާޒް ދެއްވި ވީޑިއޯ ހިތޯބެއްގައި ވިދާޅުވި ގޮތުގައި އެމްޑީޕީގެ މި ސަރުކާރުން ވަނީ ރައްޔިތުން އެދޭ ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު، އެ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި ޕާޓީގެ އެތެރޭގެ މައްސަލަތަކާ ހުރެ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވިކަމަށް ވިދާޅުވި އެވެ.
ޕާޓީގެ އެންމެ މަގުބޫލު ލީޑަރުގެ ގޮތުގައި ހުންނެވި، ޕާޓީގެ ފުރަތަމަ ވެރިކަމުގެ ރައީސް، މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަރުކާރާ މެދު ހިތްހަމަނުޖެހި ސަރުކާރާ ދެކޮޅަށް ފެށި މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ފައްޔާޒް ވިދާޅުވީ މި ހިސާބަށް އާދެވިފައި މި ތިބީ ފަސޭހަ ދަތުރަކުން ނޫން ކަމަށެވެ.
"މިއަދުގެ ކާމިޔާބީއަށް އެމްޑީޕީން ވާސިލުވެފައި މިވަނީ ފަސޭހަ ދަތުރަކުން ނޫން، އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އުނދަގޫ މަރުހަލާ. ކެތްތެރިކަމާ އެކު ޕާޓީގެ އަސާސް ހިފެހެއްޓި އެމްޑީޕީގެ އަސާސް ކަމުގައިވާ ޑިމޮކްރަސީގެ ހަމަތައް އެންމެ ކުރިއަށް ނެރެގެން، ހިތި ހަގީގަތްތަކާ އެކު ހިތުގެ އެއްފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީން ބަރުދާސްތުކުރި ކުރުން، އެއީ ވެސް ލިބުނު ފުން ތަޖުރިބާއެއް،" ނަޝީދާ ނުލައި އެމްޑީޕީން ފާހަގަކުރާ ފުރަތަމަ އަހަރީ ދުވަހުގެ ހިތާބުގައި ފައްޔާޒު ވިދާޅުވި އެވެ.
"މި ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް، އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު މި ޕާޓީގެ މެންބަރުންނަށް މާބޮޑު، އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ މި ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް."
އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ފައްޔާޒު ވިދާޅުވި ގޮތުގައި ފާއިތުދިޔަ ފަސް އަހަރަކީ ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އެމްޑީޕީގެ މެންބަރުން ހޯދި ސަރުކާރުން ގެނެސްދިން އަހަރުތަކެކެވެ. މި އަހަރުތަކުގެ ތެރޭ ދިވެހި ރައްޔިތުންނަށް ހަމަނޭވާ ލެވުނު ކަމަށާއި ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުމަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫން ކަމަށް ވިދާޅުވި އެވެ. އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ އިހްސާސް މުޅި ރާއްޖޭގައި މިއަދު އެބަ ހިނގާ ކަމަށް، އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
"އެތައް އަހަރަކުން ހައްލު ނުވި އެތައް ތަކުލީފަކަށް މިއަދު ހައްލުތައް ލިބެން ފަށައިފި، އަސާސީ ހިދުމަތްތަކާއި އިގުތިސާދީ ފުރުސަތުތައް ހުޅުވިގެންދާ ކިތަންމެ މަޝްރޫއެއް މި ފަސް އަހަރު ގެނެވިއްޖެ، ސަބަބަކީ އެމްޑީޕީގެ ލޮބުވެތި މެންބަރުން ކުރި މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވާ ގޮތުގައި ފަސް އަހަރުގެ ތެރޭގައި ހޯދުނު ކާމިޔާބީ ޒަމާންތަކަށް ދެމެހެއްޓޭނެ ގޮތަކީ މި ސަރުކާރު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމެވެ. އަމިއްލަ ރަށުގައި އާއިލާއަށް ރަނގަޅު އާމްދަނީ ލިބޭނެ މަގެއް ހުޅުވޭ ބޮޑު ދޮރާށިން ދެވޭނެ ދުވަހަކީ އަންނަ ސެޕްޓެމްބަރު މަހު ތިލަފަތަށް ލާ ވޯޓު ކަމަށް އޭނާ ވިދާޅުވި އެވެ.
"އުތުރާއި ދެކުނާއި މެދުރާއްޖެއާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް ފަހިވާން އޮތް އުފާވެރި ދިރިއުޅުމުގައި ހެޔޮ ފާހަގަ ޖަހާ ދުވަސް، ރާއްޖޭގެ އިގުތިސާދު ގުނަކޮށް ތަނަވަސްކަން ތިމާއާ ގާތް ކުރުމަށް ލިބޭ ފުރުސަތު، ހަމަޖެހޭ އާ ހަޔާތެއް ފަށައިގަތުމުގެ ފެށުން،" ފައްޔާޒު ވިދާޅުވި އެވެ.
އަށާރަ އަހަރު ފުރުނު ދުވަހު ފައްޔާޒު ވަނީ އެ ޕާޓީއަށް ވީހާ ވެސް ގިނަ ޒުވާނުން ގުޅުމަށް ވެސް ދައުވަތު ދެއްވައިފަ އެވެ. އޭނާ އެމްޑީޕީއަކީ މީހާގެ ނަސަބާއި ހަސަބަށް ބަލާނެ ޕާޓީއެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް ޕާޓީގައި ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، އެމްޑީޕީގެ މާދަމާއާ ހަވާލުވާން ޒުވާނުން އައުމަށް ޗެއާޕާސަން ގޮވާލެއްވި އެވެ.
އެމްޑީޕީން މިއަދު އަހަރީ ދުވަސް ފާހަގަކުރާއިރު އެ ޕާޓީގެ އެންމެ އިސް ސަފުގައި އެންމެ ކުރިން ފެށިގެން މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިވަ އެވެ. ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އިސްވެ ޕާޓީ އުފެއްދުމަށް ހުށަހަޅުއްވައި މިހާރު ވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ވެސް އިލެކްޝަންސް އިން ނިންމައިފަ އެވެ. އެކަމަކު ނަޝީދު އަދި އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ކަމެއް ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ރޮޒައިނާއަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ބަހުސް: އަސްލު ފައިޓް!
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"