24 މެއި 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ސާފު މަންޒަރަކީ 2023ގެ ރިޔާސީ ޓިކެޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވޯޓުން ރިޔާސީ ޓިކެޓަށް ތާއީދު އޮތް ބޭފުޅަކު އާއްމު މެމްބަރުންނަށް ދެއްކުމެވެ. ދެ ބޭފުޅުން ވެސް ކެންޑިޑޭޓުން ނެރުއްވި ޗެއާޕާސަންގެ އިންތިހާބު ނިމުމާ އެކު ރިޔާސީ ޓިކެޓުގެ ބަހުސް ހޫނުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ސާފު މަންޒަރަކީ 2023ގެ ރިޔާސީ ޓިކެޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވޯޓުން ރިޔާސީ ޓިކެޓަށް ތާއީދު އޮތް ބޭފުޅަކު އާއްމު މެމްބަރުންނަށް ދެއްކުމެވެ. ދެ ބޭފުޅުން ވެސް ކެންޑިޑޭޓުން ނެރުއްވި ޗެއާޕާސަންގެ އިންތިހާބު ނިމުމާ އެކު ރިޔާސީ ޓިކެޓުގެ ބަހުސް ހޫނުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީއެއް އޮންނާނެ ހެއްޔެވެ؟
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު އަރިސް ބޭފުޅުންގެ ވާހަކަތަކުން ބުރަވެވެނީ އެމަނިކުފާނު ނުކުންނަވާނެ ކަމަށެވެ. ޗެއާޕާސަންގެ އިންތިިހާބަށް އެމަނިކުފާނުގެ ތާއީދާ އެކު ނުކުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މުޅި ކެމްޕޭންގެ އަމާޒު ހިފާފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުކޮށްދެއްވުމުގެ މައްޗަށެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ނަޝީދު އިންތިޚާބު ކުރުމާ ގުޅިގެން، އެމަނިކުފާނައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދަންވަރު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު ތަކުރާރުކޮށް ހާމަކުރައްވައިފި އެވެ. އެމަނިކުފާނުގެ ކެންޑިޑޭޓް، އިމްތިޔާޒް ފަހުމީގެ ކެމްޕޭން އޮތީ ނަޝީދު އަނބުރާ ވެރިކަމަށް ވަޑައިގަންނަވާނެ ކަން އާއްމު މެމްބަރުންނަށް ސާފުކޮށްދެއްވުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ޕްރައިމަރީއެއް ކޮންމެހެން މުހިއްމެއް ނޫނެވެ. ނަތީޖާ, ނިމިގެން ދިޔަ ވޯޓުން އޮތީ ފެންނާށެވެ. ވެރިކަމުގެ ދެ ވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ދެއްވަން ޖެހެ ކަމަށް ދައްކަވާ އެއް ސަބަބަކީ އެ ނަތީޖާ އެވެ.
އެމްޑީޕީގެ ތެރެއިން އެ ފުރުސަތު ދެއްވަން ހުރަހެއް ވެސް ނެތް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ހުއްޖަތަކަށް ދައްކަވަނީ ގައުމީ މަޖިލީހުގެ ކުރީގެ ނިންމުމެކެވެ. ބައެއް މެމްބަރުން ހަވާލާ ދެއްވާ އެ ނިންމުމަކީ, ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމްޑީޕީގެ ބޭފުޅަކު ހުންނެވި ނަމަ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވަން ޖެހޭ ގޮތަށް ގައުމީ މަޖިލީހުގައި 2012ގައި ހިނގި މަޝްވަރާއެކެވެ. މި ނިންމުން އެގޮތަށް ފާސްވެ އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން, ޕްރައިމަރީއެއް ނުބޭއްވުމާ ފާޅުގައި ދެކޮޅެވެ. ޕްރައިމަރީއެއް ނެތި އެމްޑީޕީގެ ޓިކެޓް ދީގެން ނުވާނެ ކަމަށް އަޑުހަރުކޮށް ވިދާޅުވަމުން އެބަގެންދަވަ އެވެ. ރިޔާސީ ޓިކެޓް ތަބަކަކަށްލާފައި ދިނުމަކީ, އެ ބޭފުޅުންގެ ނަޒަރުގައި, ޕާޓީގެ ތަސައްވުރު ކިލަނބުކޮށްލުމެވެ.
މި ބަހުސްގައި، ޕާޓީން ކުރިން ސިއްކަ ޖެހި ނިންމުންތަކަށް ބުރަވެ އެބައެއްގެ ގަބޫލުކުރުންތަކަށް ތިލަފަތް ބަރުކުރެވޭނެ ވާހަކަތަކާއި ހެކިތަކެއް ދެއްކިދާނެ އެވެ. މުހިއްމީ ޕާޓީގެ މެމްބަރުން އެދޭ ގޮތަށް އެކުލަވާލާފައި އޮތް އަސާސީ ގަވާއިދުގައި އަމަލުކުރަން ކަނޑައަޅާފައިވާ ގޮތެވެ.
- ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކު.
- ނަޝީދު ކާމިޔާބު ކުރެއްވީ 68 ޕަސެންޓުން.
- އެއީ އެންމެ ގާތުން ވާދަކުރެއްވި މުނައްވަރާ 5,000 ވޯޓުގެ ފަރަގެއް.
- ވޯޓުލުމުގެ ހައްގު 20,958 މީހުންނަށް ލިބުނު.
- ޕްރައިމަރީގައި ވޯޓުލާން ނުކުތީ 11,200 މީހުން.
- ދައުރު ހަމަނުވަނީސް 2012ގައި ވެރިކަން ނިމުމާ އެކު ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވި.
- ފެބުރުއަރީ, 20, 2012 ގައި ބޭއްވި އެ ޖަލްސާގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ބައެއް މެމްބަރުން ގޮވާލެއްވި.
- އެކަމަކު ފާސްވެ ނިމުނީ، ޕްރައިމަރީއެއް ބާއްވަން.
- އެއީ، ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ޕްރައިމަރީއަކުން ޓިކެޓް ދިނުން ކަމަށް މެމްބަރުން ވިދާޅުވެ އެގޮތަށް ވޯޓު ނިންމުމުން.
- ޖޫން، 17، 2012 ގައި ބޭއްވި ޕްރައިމަރީއަށް ނުކުންނެވީ ނަޝީދު އެކަނި.
- ފެންނަ ނުފެންނަ ވޯޓުގައި ނަޝީދަށް 31،789 މީހުން ވޯޓު ދިން.
- ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދު އެކަނި.
- ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރެއްވީ 43,922
- ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ހެދި ވާދައެއް ނުކުރެއްވުނު.
- ސިޔާސީ އެހެން ލީޑަރުންނަށް ވެސް ގޮންޖެހުންތައް އޮތުމާ އެކު ނިންމީ އެމްޑީޕީން ކޯލިޝަން ކެންޑިޑޭޓަކު ނެރުމަށް.
- ޖޫން, 30, 2018 ގައި އއ. އުކުޅަހުގައި ނިންމީ ރައީސަށް ޓިކެޓް ދޭން.
- ކޮންގްރެސްއަށް ހުށަހެޅި ގަރާރު ފާސްކުރީ 791 މެމްބަރުންގެ އިއްތިފާގުން.
- މިގޮތަށް ނިންމީ ޕްރައިމަރީ ކާމިޔާބުވާ ބޭފުޅަކަށް ވާދަނުކުރެވިއްޖެ ނަމަ ޓިކެޓް ދޭނެ ފަރާތެއް ކޮންގްރެސް އިން ކަނޑައެޅުމުގެ ބާރުދީ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ފަހު.
އަސާސީ ގަވާއިދަށް 2018 ގައި އުކުޅަހު ކޮންގްރެސްގައި ގެނައި ބަދަލު.
ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަންވާ މަގު އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސާފުކޮށްދީފައި އެބައޮތެވެ. އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައި އޮތީ ޕްރައިމަރީއެއް ބާއްވައިގެން ހޮވޭ ކެންޑިޑޭޓަކާ ރިޔާސީ ޓިކެޓް ހަވާލުކުރުމަށެވެ.
އެ މާއްދާގައި ވަނީ "ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސަރުކާރުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް ބާއްވާ އިންތިހާބުގައި ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބެއްގައި ކުރިމަތިލާ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ފަރާތް" ކަމަށެވެ. މިގޮތަށް ބާއްވާ އިންތިހާބުގެ ކަންތައް އިންތިޒާމްކޮށް ބަލަހައްޓަންވާނީ ގައުމީ މަޖިލީހުން އިންތިހާބުކުރާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާ: ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ބާއްވަން ޖެހޭ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އިސް މަގާމްތަކެއް ފުރުއްވި މޫސާ މަނިކު (ރީކޯ) އާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކުރީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ޕްރައިމަރީއެއް ބޭއްވުމާ މެދެ ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ.
މޫސަ ވިދާޅުވަނީ ޕްރައިމަރީއެއް ނުބާއްވައި ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އިބުރޭ ވިދާޅުވި ގޮތުގައި އަސާސީ ގަވާއިދު އެ މަގަށް ތަނެއް ނުދެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ ރޫހަކީ ކޮންމެ އިންތިހާބަކަށް, ކޮންމެ މަގާމަކަށް, ދާއިރާ ރައީސް ކަމަށް ވިޔަސް ކައުންސިލް ކަމަށް ވިޔަސް އަންހެނުންގެ ރޫހު ކަމަށް ވިޔަސް ރިޔާސީ ކެންޑިޑޭޓު ކަމަށް ވިޔަސް ޕްރައިމަރީއެއް ބޭއްވުން: އިބުރޭ
އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި، މޫސަ ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވީ އެންމެ ފަހަރަކު އެވެ. އެއީ 2008 ގެ ޕްރައިމަރީ ކަމަށާއި އޭގެ ފަހުން އެ ޕާޓީގައި މިހާތަނަށް ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ ކަމަށް ވިދާޅުވި އެވެ.
"ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީ ސިފަ ކަމަށް ވިޔަސް ރިޔާސީ ޕްރައިމަރީ ބޭއްވީ އެންމެ ފަހަރަކު. ޑިމޮކްރެޓިކް ހަމަ ކަމަށް އޭރު ވެސް ގަބޫލުކުރެވިފައި އޮތީ ވެރިކަމަށް އަންނަ މީހަކަށް ދެ ދައުރު ދޭން ޖެހޭނެއޭ. ގާނޫނުއަސާސީ ވެސް އެ އޮތީ ދެ ދައުރު ވެރިކަން ކުރަން އޮންނަ ގޮތަށް," މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ: އޭނާ ވިދާޅުވަނީ ގާނޫނުއަސާސީ އާއި އެމްޑީޕީގެ އަސާސީ ގަވާއިދުގެ ރޫހަކީ ވެސް ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދެ ދައުރު ދިނުން ކަމަށް.
މިއީ، ޑިމޮކްރަސީގެ އުސޫލް ކަމަށް ބަލާފައި އެމްޑީޕީގެ ތެރޭގައި ވާހަކަ ދެކެވިފައި އޮންނާނީ ދެ ދައުރު ދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. އެކަމަކު ސާފުކޮށް އަސާސީ ގަވާއިދުގައި ލިއެފައި ނޯންނާނެ ކަން މޫސަ ވެސް ފާހަގަކުރެއްވި އެވެ.
"އެކަމަކު އަސާސީ ގަވާއިދު ބައްޓަންވެފައި އޮންނާނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަންކަން ކުރުމަށް," އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި 2013 އަށް ނަޝީދު ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވަން އުޅުއްވުމުން ޕާޓީން ގަރާރެއް ފާސްކުރި އެވެ.
"އެމްޑީޕީގެ ގައުމީ މަޖިލިސް އެ ފަހަރު އިއްތިފާގުވީ ޕްރައިމަރީއަކާ ނުލައި ދެ ދައުރު ދޭން ޖެހޭނެ ކަމަށް. މި ގަރާރުގައި އޮންނާނީ އަޅުގަނޑު ހަނދާންވާ ގޮތުން އެމްޑީޕީގެ ފަރާތުން ރިޔާސީ ދައުރަށް ނުކުންނަ ކެންޑިޑޭޓަކީ ފަސް އަހަރު ހަމަނުކުރެވި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާތީ ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު ނަޝީދަށް ދެ ވަނަ ދައުރެއްގެ ޓިކެޓް ދޭން ގައުމީ މަޖިލިސް އިގުރާރުވާން," އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވަނީ މި ގަރާރު ފާސްކުރި ކަމަށާއި މީގެ އިތުރަށް ޕްރައިމަރީއެއް އޭރު ބޭއްވި ކަމެއް ހަނދާނެއް ނެތް ކަމަށެވެ. އޭރު ފާސްކުރި ގަރާރުގެ ކޮޕީއެއް އެމްޑީޕީގައި އެބައޮތް ކަމަށާއި އެކަމަކު އެ ލިއުން އޮތީ ވަރަށް ބޮޑަށް ބަދަލުކޮށްފައި ކަމުގެ ތުހުމަތު މޫސަ ކުރެއްވި އެވެ.
"ޕްރައިމަރީއަކަށް އިތުރު މީހަކަށް ވާދަކުރުމުގެ ފުރުސަތު ދީ ޕްރައިމަރީއެއް ގެންދިޔަ ކަމެއް އަޅުގަނޑެއް ހަނދާނެއް ނެތް, އަޅުގަނޑު ހަނދާންވަނީ އިގުރާރުވީ ކަމަށް. ޕްރައިމަރީއަކީ އެކަކު އެކަނި ކުރިމަތިލައިގެން ބާއްވާ އެއްޗެއް ނޫން. ވާދަކުރާނެ މީހުން ތިބެގެން ޕްރައިމަރީއަކަށް ވާނީ," މޫސަ ވިދާޅުވި އެވެ.
ޕްރައިމަރީއަކާ ނުލައި 2023 ގެ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން މޫސަ ތާއީދުކުރައްވާ ސަބަބުތަކުގެ ކުރިއަށް ނެންގެވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިނުގަތުމެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ނުރައްކަލުގައި ދެ އަހަރެއްހާ ދުވަސް ވެރިކަމުން ގެއްލިގެން ހިނގައްޖެ ކަމަށާއި ކޮވިޑުން ގައުމު ސަލާމަތްކޮށްދެއްވުމުގައި އެމަނިކުފާނުގެ މަސައްކަތަށް ތައުރީފް ހައްގު ކަމަށް މޫސަ ވިދާޅުވި އެވެ.
އަނެއް ސަބަބަކަށް މޫސަ ދެއްކެވީ ނިމިގެން ދިޔަ ޗެއާޕާސަންގެ އިންތިހާބުގައި ރިޔާސީ ޕްރައިމަރީއެއް ބާއްވައިފި ނަމަ ވެސް ނަތީޖާ ނުކުންނާނެ ގޮތް ސާފުވެފައި އޮތުމެވެ.
"އެ އިންތިހާބުގައި ޕާޓީއަށް އެރި ލޮޅުމާއި އެ ކަންތަކަށް ބަލާއިރުގައި އިތުރަށް ޕްރައިމަރީއެއް ބާއްވައިގެން ޕާޓީ ފިތުނަފަސާދަ ކުރުމަކީ އިތުރަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ. ޕާޓީއަށް ފައިދާ ހުރި ގޮތެއް ވެސް ނޫން. ބޭއްވިޔަސް އެނގޭ ހަމަ މޮޅުވާނީ ރައީސް ސޯލިހްކަން، މިހާރުގެ ނަތީޖާ އިން," މޫސަ ވިދާޅުވި އެވެ.
ޕްރައިމަރީއެއް ނުބާއްވައި ޓިކެޓް ދިނުން ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ދެ ދައުރަށް ވުރެން އިތުރަށް ޓިކެޓް ދީފި ނަމަ އެއީ ގޯހެއް ކަމަށް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނަނީ ޕްރައިމަރީއަކުން ޓިކެޓް ދޭން ނޫންތޯ އެހުމުން ޖަވާބުގައި މޫސަ އެއްސެވީ "އެހެންވިއްޔާ އުކުޅަހުގައި 2018 ގައި އެ ކުރީ ކީއްތޯ" ކަމަށެވެ.
"ކޮންގްރެސް އިން ނިންމީ. ނުބާއްވާ ޕްރައިމަރީއެއް," އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން 2012 ގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ، "ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން ވެރިކަން ފޭރިގަނެފައިވާ ސަރުކާރެއް ކަމަށް މި ޕާޓީން ގަބޫލްކުރާ ހިނދު، އަދި ރާއްޖޭގެ ގާނޫނީ ރައީސުލްޖުމްހޫރިއްޔާ އަކީ މުހައްމަދު ނަޝީދު ކަމަށް މި ޕާޓީން ގަބޫލްކުރާ ހިނދު، އެއްވެސް ސަބަބަކާ ހުރެ އަވަސް އިންތިހާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި އެ އިންތިހާބުގައި ބައިވެރިވާނެ ރިޔާސީ ކެންޑިޑޭޓެއް މި ޕާޓީން ނިންމާފައި އޮތުން މުހިންމު ކަމަށް ދެކޭތީ ރިޔާސީ ޕްރައިމަރީ އަށް މިހާރުން މިހާރަށް ގޮވައި މި މަސް ނިމުމުގެ ކުރިން ކެންޑިޑޭޓުން އިއުލާންކޮށް، ދެ މަސް ދުވަހުގެ ކެމްޕޭނު މުއްދަތު ދީ މޭ މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓު ކަނޑައަޅައި ނިންމުމަށް މި ޕާޓީން އިގްރާރު ވަމެވެ،" މިހެންނެވެ.
މޫސަގެ ވާހަކަތަކަށް އިންކާރުކުރައްވަމުން އިބްރޭ ދައްކަވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ލިޔެ ފަހުން ބަދަލު ގެނެސްފައި ނުވާ އިންތިހާބާބެހޭ ޕްރައިމަރީތަކުގެ ވާހަކަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕްރައިމަރީއެއް ނެތި އެއްވެސް ޓިކެޓެއް ދެވޭނެ ހަމައެއް އަސާސީ ގަވާއިދުގައި މިހާތަނަށް ބަޔާންކޮށްދީފައެއް ނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށްވެސް ހަމައެކަނި އޮތް ގޮތަކީ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމެވެ. ރައީސް ކަމުގައި އެމްޑީޕީ ބޭފުޅަކު ހުންނެވިނަމަ ދެވަނަ ދައުރަކަށް ފުރުސަތު ދެއްވަން ޕާޓީން ނިންމާފައިވާކަމަށް މޫސަ ވިދާޅުވާފަދަ ނިންމެވުމެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އަދި އެމްޑީޕީގެ އިންތިހާބުގައި އިސް ދައުރެއް އަދާކުރެއްވި އިބުރޭ: އޭނާ ވިދާޅުވަނީ އަސާސީ ގަވާއިދުގައި އޮތީ ޕްރައިމަރީއަކުން ރިޔާސީ ޓިކެޓް ދޭން ޖެހޭ ގޮތަށް ކަމަށް.
"އޭރު ގައުމީ މަޖިލީހުން ފާސްކުރީ ވެރިކަމުގައި ހުއްޓަސް ބަޣާވާތަކުން ވެރިކަމުން ވައްޓާލައި ދައުރު ފުރިހަމަކުރަން ފުރުސަތު ނުލިބުނީމާ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހޭ ކަމަށް. އެކަމަކު ފާސްކުރީ މިގޮތަކަށެއް ނޫން, ޕްރައިމަރީއެއް ބާއްވަން ނިންމީ،" އިންތިހާބުތަކުގައި އޭރު އިސްކޮށް އުޅުއްވި އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސާސީ ގަވާއިދުގައި ނެތް ކަމެއް ދިމާވެގެން ގައުމީ މަޖިލީހުން ބަދަލެއް ގެނެޔަސް އެކަމެއް ކޮންގްރެސްގައި އެންޑޯސްކުރަން ޖެހެ އެވެ. ނުކޮށްފި ނަމަ އެއީ އަމަލުކުރުން ލާޒިމް ކަމެއް ނޫން ކަމަށް އަސާސީ ގަވާއިދާ ހަވާލާ ދެއްވައި އިބުރޭ ވިދާޅުވި އެވެ.
ދެ ވަނަ ދައުރަކަށް ޓިކެޓް ލިބޭ ގޮތަށް އޮންނަ ނަމަ އެކަން ހަމައަކަށް ފައްތަން ޖެހޭ ކަމަށާއި މަޖިލިސް މެމްބަރުންނަށް ވެސް އެ އުސޫލު ހިނގަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މޫސަގެ ވާހަކަތައް ގޯސް. އެމްޑީޕީގެ އަސާސީ ގަވާއިދުގެ ރޫހަކީ ކޮންމެ އިންތިހާބަކަށް, ކޮންމެ މަގާމަކަށް, ދާއިރާ ރައީސް ކަމަށް ވިޔަސް ކައުންސިލް ކަމަށް ވިޔަސް އަންހެނުންގެ ރޫހު ކަމަށް ވިޔަސް ރިޔާސީ ކެންޑިޑޭޓު ކަމަށް ވިޔަސް ޕްރައިމަރީއެއް ބޭއްވުން," އިބުރޭ ވިދާޅުވި އެވެ.
އިބުރޭ ވިދާޅުވަނީ އަސާސީ ގަވާއިދަށް އިސްލާހެއް ގެނެސްގެން ވިޔަސް ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތެއް ދޭން ޕްރައިމަރީއެއް ނުބޭއްވުން އޭނާއަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. ކޮންގްރެސްގެ އެ ނިންމުމަކީ ޕާޓީގެ އާއްމު މެމްބަރުންގެ ތާއީދު ވަޒަންކޮށްލެވޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިން ވެސް ޕްރައިމަރީއަކާ ނުލައި ލިބިފައި އޮތް އެއްޗެއް, އަސާސީ ގަވާއިދު ބަދަލުކޮށްގެން ދޭކަށް ޕާސަނަލީ އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭނެ. އޭގައި ބާއްވަން ޖެހޭނީ ހަމަ ޕްރައިމަރީއެއް, އަސާސީ ގަވާއިދުގެ ރޫހަކީ ވެސް އެއީ،" އިބުރޭ ވިދާޅުވި އެވެ.
ޗެއާޕާސަންގެ އިންތިހާބުން އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން ފެނިއްޖެ އެވެ. ދެ ރައީސުންގެ ފައިޓެއްކަން މާ ކުރިން ވެސް ސާފުވެފައި އާއްމު މެމްބަރުންނަށްވެސް އޮތުމުންނެވެ. އިންތިހާބުގެ ނަތީޖާއިން ޕާޓީގެ މެމްބަރުންގެ މެދުގައި މަގުބޫލުކަން އޮތް ބޭފުޅަކު ނަތީޖާއިން ހާމަވެ ދެން އޮތީ ހަގީގީ ވާދަވެރިކަމެވެ.
އެއީ ރިޔާސީ ޓިކެޓެވެ.
ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީގައި ދެ ރައީސުން އުފާފާޅުކުރައްވަނީ. -- ފޮޓޯ | މިހާރު
ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކޮންގްރެސްގައި ނިންމުމަށް އެ ބައްދަލުވުން އޮގަސްޓްމަހު ބޭއްވުމަށް ގައުމީ މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ. އެހެންކަމުން އެމްޑީޕީގެ 2023ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުންތޯ ނުވަތަ އަސާސީ ގަވާއިދަށް އިސްލާހު ގެންނާނީތޯ ކަނޑައަޅާނީ އެ ކޮންގްރެސްގައި ކަމަށް ބެލެވެ އެވެ. އެއީ، ރިޔާސީ ޓިކެޓްގެ އަސްލު ފައިޓް ފެށޭ ހިސާބެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ފައްޔާޒަށް އޮޅުނީ، ރަނިންމޭޓުގެ ވާހަކަ ނުދައްކަން"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ރޮޒައިނާއަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި