Roadha Mihaaru
އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން

އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން: ރީކޯ މޫސަ

13 ޖުލައި 2023

އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި، ބަޣާވާތެއް ނަމަ، އެކަން ކުރި މީހުންގެ ފަހަތަށް ގޮސް އެމްޑީޕީގެ ކުރީގެ ލީޑާރުން ނޫޅުއްވާނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ކ.މާފުށި ފާތިމަތު ޝަނާ މުހައްމަދު

އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި، ބަޣާވާތެއް ނަމަ، އެކަން ކުރި މީހުންގެ ފަހަތަށް ގޮސް އެމްޑީޕީގެ ކުރީގެ ލީޑާރުން ނޫޅުއްވާނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ކ.މާފުށީގައި މިރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި، މޫސަ ވިދާޅުވީ، އޭރު ވިސްނުނީ 2012 ވަނަ އަހަރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެކަން ގަބޫލު ކުރާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޭރު ހީވި ބަޣާވާތެއް ކަމަށް. އެކަމަކު ފަހުން މަންޒަރު ބަދަލުވީ. 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެރިކަން ހަވާލު ކުރީމަ ދެން މި އެނގުނީ ބަޣާވާތް އަންނަން ދިމާވި ގޮތް. ފޮށިގަނޑު ގެއްލި، ކަތިވަޅި ގެއްލި މަރިޔަބު ގެއްލި އަލިފާން ކަހަލަ ރުޅި އައިސް މީހަކު ދުއްވައިގަތީމަ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކުރައްވައި މޫސަ ވިދާޅުވީ، ބަޣާވާތެއްނަމަ ހުރިހާ "ބާގީން" ކޮނޑަށްލައިގެން ނޫޅޭނެ ކަމަށެވެ. ނުވަ އަހަރު ފަހުން އެމްޑީޕީގެ ޕޯޑިއަމަށް އަރައި މޫސަ ވިދާޅުވީ، މިއަދު ބަޣާވާތުގެ ވާހަކަ ދައްކަން ލަދު ގަންނަވާ ކަމަށެވެ.

ނަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އެ ޕާޓީން މިހާރު ދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާ ވެސް އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ ދެ ޕާޓީއަކީ ވެސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލި ކަމަށް އޭރު އެމްޑީޕީން އެންމެ ބޮޑަށް ތުހުމަތުކުރި ދެ ޕާޓީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެންބަރު ސިޔާމާޢި މިނިސްޓަރު ފައްޔާޒު ކ.މާފުށީގައި ބޭއްވި ޖަލްސާގައި-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެންބަރު ސިޔާމާޢި މިނިސްޓަރު ފައްޔާޒު ކ.މާފުށީގައި ބޭއްވި ޖަލްސާގައި-- ފޮޓޯ: އެމްޑީޕީ

މާފުށީގެ ގެސްޓްހައުސް ފުޅާވެފައިވާ މިންވަރާ ގުޅޭ ގޮތުން މޫސަ ވިދާޅުވީ، ގެސްޓްހައުސް ސިޔާސަތު އެކުލަވައިލަން އެމްޑީޕީން މަސައްކަތް ފެށީ 2006 ވަނަ އަހަރު ކަމަށެވެ. އޭރު މަޖިލީހުގައި ތިބެނީ އެމްޑީޕީގެ މަދު މެންބަރުންތަކެއް ކަމަށްވާތީ، އެކަން ފާސް ކުރެވުނީ 2008 ވަނަ އަހަރު ކަމަށެވެ.

މިއަދު މާފުށީގައި މިލިޔަނަރުން އުފެދުނީ، އޭރު އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރެވުނު އިރު ރައީސް ހުންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރުގައި ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޑަލް ޖަހަން މީހަކު ވާހަކަދެއްކިއަސް އޭރަކު އޮތީ އެމްޑީޕީގެ ސަރުކާރެއް ނޫން. އޭގެ ކުރީގަ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް 2006 ވަނަ އަހަރުން ފެށިގެން ކުރި މަސައްކަތުގެ ނަތީޖާ އެއީ،" އޭނާ ވިދާޅުވި އެވެ.

މޫސަ މިހެން ވިދާޅުވި އިރު، ގެސްޓްހައުސް ސިޔާސަތަކީ، އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ފެއްޓެވި އެންމެ މުހިއްމު މަސައްކަތުގައި އެމްޑީޕީގެ އިސް ފަރާތްތަކުން ގެންދެވީ ފާހަގަކުރައްވަމުންނެވެ. އަދި އެކަމަކީ ނަޝީދުގެ މަސައްކަތެއްގެ ގޮތުގައި އޭރު ދިޔައީ ޕްރޮމޯޓް ކުރަމުންނެވެ.