Roadha Mihaaru

ފައްޔާޒު، 2028 ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ

ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނަވާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނިންމަވައި އެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 ނޮވެމްބަރ 2024

ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނަވާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނިންމަވައި އެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގައި މިހާރު އެންމެ ނުފޫޒު ގަދަ އެއް ލީޑަރު ފައްޔާޒު ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވާނެކަން އިއުލާން ކުރެއްވީ އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގަ އެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު، ފައްޔާޒު އެދިވަޑައިގަތީ އެކަމަށް ތާއީދު ކޮށްދިނުމަށެވެ.

ދެން ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވޭއިރު، އެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ މި އިއުލާން ކުރެއްވީ މިދިޔަ ފަސް އަހަރު އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒެވެ.

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެމްޑީޕީގެ ފަރާތުން އަނެއްކާވެސް ނުކުންނަވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް އެ މަނިކުފާނު އެ އަަށް އަދި ސާފު ޖަވާބެއް ނުދެއްވަ އެވެ.

"ފުދިއްޖެ. ފުނޑިއްޖެ" ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބޫ އާއި އެމްޑީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އެ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުން އެމްޑީޕީގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވާފައިވާ ކަަމަށާއި ކުރިއަށް ވަޑައިގަންނަވާނެ ގޮތް ވެސް އެ ބޭފުޅުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް "ހަތަރު ފަސް" މެމްބަރަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ ވާދަވެރި އެތެރޭގެ އިންތިހާބެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ.