Roadha Mihaaru
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް

ކެމްޕެއިނަށް ރައީސް އައްޑު އަށް، ނަޝީދު ލ. އަތޮޅަށް

13 ޖެނުއަރީ 2023

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރި ކެމްޕެއިނަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ހަފުތާ ބަންދުގައި ކެމްޕެއިން ކުރައްވާނީ އައްޑޫގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރި ކެމްޕެއިނަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ހަފުތާ ބަންދުގައި ކެމްޕެއިން ކުރައްވާނީ އައްޑޫގަ އެވެ.

ނަޝީދު މިހާރު ވަނީ ލ. އަތޮޅަށް ވަޑައިގެންފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަންނަވާނީ ހަވީރެވެ.

ނަޝީދު ކައްދޫ އެއާޕޯޓުން އެންމެ ފުރަތަމަ ވަޑައިގަތީ އިސްދުއަށެވެ. އެ ރަށުގައި، ގެއިންގެއަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމަށް ފަހު ދެން، އެ ރަށާ އެއް ފަސްގަނޑެއްގައި އޮންނަ ކަލައިދު އަށް ވަނީ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި، ލ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ އަތޮޅުގައި ކެމްޕެއިން ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ދެން ވަޑައިގަންނަވާނީ ތ ވ. އަދި މ. އަތޮޅުގެ ރަށްތަކަށެވެ.

އެންމެ ފަހުން ބޭއްވި ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން، އޭރުގެ އިދިކޮޅު އިއްތިހާދުން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭރުގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ

ރައީސް އައްޑުއަށް ވަޑައިގެން އެ ސިޓީގެ އެކި ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. އަދި ގެއިން ގެއަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމާއި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މިއަދު ހަވީރު ފޭދޫގަ އެވެ. ފޭދޫގައި އޮންނަ މަރުހަބާގެ އައިޓަމަށް ފަހު އެ ރަށުގައި ބާއްވާ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.

އެ މަނިކުފާނުގެ ދަތުރުފުޅުގައި ރަސްމީ ބައެއްގެ ތެރެއިން ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހާއި ޕޮލިސް ތަމްރީނެއް ނިންމުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ފޭދޫ ސްކޫލުގެ ޖަލްސާ އޮންނާނީ މިރޭގަ އެވެ. ފުލުހުންގެ ޖަލްސާ ބާއްވާނީ މާދަމާ ރޭގަ އެވެ.

އެންމެ ފަހުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން އޭރުގެ އިދިކޮޅު ކޯލިޝަނުން އެންމެ ފަހުގެ ޖަލްސާ ވެސް ބޭއްވީ އައްޑޫ ހިތަދޫގަ އެވެ.