Roadha Mihaaru
ޕްރައިމަރީ ކާމިޔާބުވާނެ، ބަލިވާ ހާލަތަކަށް ނުވިސްނަން

ޕްރައިމަރީ ކާމިޔާބުވާނެ، ބަލިވެދާނެ ހާލަތަކަށް ނުވިސްނަން: ނަޝީދު

01 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންވެ، ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެން މަސައްކަތް ކުރައްވާނެ ކަމާ މެދު ސާފު ޖަވާބެއް ދެއްވަން ނަޝީދު މިރޭ ދެކޮޅު ހައްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންވެ، ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެން މަސައްކަތް ކުރައްވާނެ ކަމާ މެދު ސާފު ޖަވާބެއް ދެއްވަން ނަޝީދު މިރޭ ދެކޮޅު ހައްދަވައިފި އެވެ.

ނަޝީދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރައިމަރީގައި ނާކާމިޔާބުވެއްޖެ ނަމަ ރައީސާ އެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ވަޑައިގަންނަވާނެތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ނަޝީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ނަޝީދު ވިދާޅުވީ ޕްރައިމަރީ ނާކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ނާކާމިޔާބެއް ނުވާނެ، އެއީ އެއްވެސް ތަނެއްގައި އަޅުގަނޑު ދެކޭ ތަނެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި އެއީ ސުވާލެއް ނޫން. ނަމައޭ ކިޔުއްވާފައި ސުވާލު ތި ކުރެއްވީ. އަޅުގަނޑުމެން ކުޑައިރުއްސުރެން ފެށިގެން ދައްކާ ވާހަކައެއް ނަމަނަމަ އެއްގައި ރިހައެއް ނުކެއްކޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސާއި ނަޝީދާ ދެމެދު އޮތް މައްސަލައަކީ ރައީސް ވެރިކަމުގައި ހުންނެވުން ކަމަށް ރައީސް ވިދާޅުވެފައިވާތީ އޭގެ ރައްދުގައި ނަޝީދު ވިދާޅުވީ ރައީސާ ދެމެދު މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސަށް އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން ޕާޓީން ވަކިކޮށްފައިވާތީ 70،000 ވޯޓު ރައީސަށް ގެއްލޭނެ ކަމަށާއި އަދި ރައީސްގެ އަރިސްގެ ބޭފުޅުންގެ ފަރާތުން ވެސް ގިނަ ވޯޓު ރައީސަށް ލިބިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް ވެސް ނާރާ ރައީސް ސޯލިހަށް މި ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސާއި ނަޝީދު ޖަލްސާއެއްގައި: ޕްރައިމަރީއަށް ދެ ބޭފުޅުންގެ ކެމްޕޭންގައި ދަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުން. --- ފޮޓޯ/މިހާރު

ރައީސާއި ނަޝީދު ޖަލްސާއެއްގައި: ޕްރައިމަރީއަށް ދެ ބޭފުޅުންގެ ކެމްޕޭންގައި ދަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުން. --- ފޮޓޯ/މިހާރު

"އަޅުގަނޑު އިންތިޒާރުކުރާ ކަމެއް ވެސް ނޫން. އަޅުގަނޑު ދެކޭ މަންޒަރެއް ވެސް ނޫން. ދުވަހަކު ވެސް ވެފައި އޮތްގޮތެއް ވެސް ނޫން. އެހެންވީމަ އަޅުގަނޑު އިންތިހާބަކުން ބަލިވުން އެއީ އަޅުގަނޑު ދަންނަ ކަމެއް ނޫން. ބަލިވާނެ ނަމަ އަޅުގަނޑު އެކަމަކާ ނޫޅޭނަން،" ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީގެ ވާދަވެރިކަމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ޕާޓީއަކީ ދެކުނު އޭޝިއާގައި ހިނގާ އެންމެ ޑިމޮކްރަޓިކް ޕާޓީ ކަމަށާއި އެމަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށެވެ. އަދި ޑީއާރުޕީ ފަދައިން އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މުގުލުގައި މި ހުރީ އަޅުގަނޑު. އިރާދަކުރެއްވިއްޔާ ބައިބައިވެގެނެއް ނުދާނެ." ނަޝީދު ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ނަޝީދު މިރޭ ވެސް ވާހަކަ ދެއްކެވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ކުޑަކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ޓެކްސް ބޮޑުނުކޮށް، އިގްތިސާދު ކުރިއަރުވައިގެން ވެސް ހަރަދުތައް ދެކޮޅު ޖެއްސޭނެ ކަމަށް ވިދާޅުވި އެވެ.