29 ޑިސެމްބަރ 2022
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިނަމަ އެ ޕާޓީއަށް ލިބޭނީ 20 ޕަސެންޓް ވޯޓު ކަމަށް، އެ މަނިކުފާނާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިނަމަ އެ ޕާޓީއަށް ލިބޭނީ 20 ޕަސެންޓް ވޯޓު ކަމަށް، އެ މަނިކުފާނާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެއްޓެވުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެ މަނިކުފާނު އިންތިހާބުގައި ވާދަކުރައްވަން ނުކުންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިނަމަ އެމްޑީޕީއަށް ލިބޭނެ ވޯޓު މަދުވާނެކަން ވަރަށް ސާފުވާތީ ކަމަށެވެ.
އެ ޕާޓީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމާއި ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ މަގާމެއްގައި ހުރުން ކަމަށް ވިޔަސް ނަޝީދު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ޓިކެޓުގައި ރައީސް ވާދަކުރައްވާ ނަމަ އެމްޑީޕީއަށް އެ ދޮރު ބަންދުވާނެ އެވެ.
"އަޅުގަނޑު ނުކުމެ ހުރީ ރައީސް ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވެއްޖެ ނަމަ މި ޕާޓީގެ ވޯޓުގެ ނިސްބަތަކީ 20 ޕަސެންޓަށް ވުރެ މަދު އަދަދެއް ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. އަޅުގަނޑު ނުކުމެ މި ހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ޕާޓީގެ މެމްބަރުންނާ ހަވާލުކުރުމަށް. މިއީ އަޅުގަނޑުމެން އެކެއްގެ އެއްޗެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މި ސަރުކާރުން ފާއިތުވި ފަސް އަހަރު ވެރިކަން ކުރީ ޕާޓީގެ އާއްމު މެމްބަރުންނާއި އެ މަނިކުފާނު ބާކީ ކުރުމަށްފަހު ކަމަށާއި އެ މީހުންގެ ވިސްނުމަކަށް ވީ އެމްޑީޕީގެ ލޯގޯ އާއި ނިޝާނާއި ޖޯޝު ބޭނުންކޮށްގެން ޕާޓީގެ އެތެރެ ބަދަލުކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ރިޔާސީ ޕްރައިމަރީ "ފިކުރެއްގެ ދިރުން"
އެ މަނިކުފާނު ވިދާޅުވީ މެމްބަރުން އެންމެ ގިނަ ޕާޓީން 39،000 މެމްބަރުން ވަކިކޮށް "އަނެއް ޕާޓީއަށް" ހެދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިރޭ އަދި މާދަމާ ރޭ ވެސް އެންމެންނަށް ސާފުވާ އެއް ކަމަކީ ޕާޓީގެ ފިކުރު ދޫކޮށްލަން އެކަކު ވެސް އެއްބަސްނުވާކަން ކަމަށް ވިދާޅުވި އެވެ.
ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް އިޝާރާތްކުރައްވައި ވިދާޅުވީ ޕްރައިމަރީއަށް ވާދަކުރައްވަން ނުކުންނެވީ ލަކުނު މަދުވެގެން އަދި ލިބުނު ގެއްލުން ކުޑަވެގެން ނޫނެވެ. އެ މަނިކުފާނު ނުކުމެވަޑައިގަތީ އެމްޑީޕީ އަލުން މެމްބަރުންނާ ހަވާލުކުރުމަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ މަސްރަހުން ދެ ކަމެއް ބަދަލުވެއްޖެ ކަމަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ބާކީ ސިޔާސީ ލީޑަރުން އޮންނެވީ ޖަލުގައި ކަމަށް ވުމުން އޭރު އެންމެންގެ ވިސްނުމަކަށް ވެސް ވީ ވެރިކަން ބަދަލުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، މިހާރު ޔާމީން ފިޔަވައި ބާކީ އެންމެން ތިއްބެވީ ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ކަމަށާއި މިހާރު ކޯލިޝަންގެ މަސްރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.
"މިއަދު ޖުމްހޫރީ ޕާޓީ ވެސް، އެމްއާރުއެމް ވެސް، އަދާލަތު ޕާޓީ ވެސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ ވެސް، މިއިން ކޮންމެ ޕާޓީއަކަށް ވެސް މި އިންތިހާބުގައި ވާދަކުރެވޭނެ. އެ ވިދާޅުވާ ކޯލިޝަންގެ ޗޮއިސެއް ނެތް." ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި، އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ކުޑަމިނަށް ދަންނަ ކޮންމެ ބޭފުޅަކަށް ވެސް ސާފުވާނެ މިއިން ކޮންމެ ޕާޓީއެއްގެ ކެންޑިޑޭޓް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވާނެކަން. އެމްޑީޕިން އަޅުގަނޑު ނުކުންނާނެ. އެކަމަށް ތި ބޭފުޅުން ޝައްކުކުރައްވާނެ ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުންނަށް އެކަން ވަރަށް ރަނގަޅަށް ސާފުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހުން ފެނުނު ދެ ވަނަ ބަދަލަކީ، ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ޔާމީން ވާދަ ނުކުރެއްވުމެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއާއެކު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ.
ނަޝީދު ވިދާޅުވީ މި ކޯލިޝަންގައި ދެން ތިއްބެވި ބޭފުޅުން ކުރިމަތިލައްވާނެ ކަމަށާއި އެކަމަކު ޔާމީނަށް ސަޕޯޓުކުރައްވާ ބޭފުޅުންގެ ތާއިދު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނަޝީދު ވަނީ ޕާޓީގެ އާއްމުންނާއި ރައީސްއާ ދުރުވި ސަބަބުތައް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ދަރަނި ރީސްޓްރަކްޗާ ނުކުރުމާއި ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރަމުން ދިޔަ ގޮތް ހިމެނޭކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، މާލީ ގޮތުން ދަތި ދުވަސްވަރެއްގައި ޓެކްސް ބޮޑުކުރި ކަމަށް ނަޝީދު ފާޑުވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ވެރިކަމަށް ވަޑައިގެންފި ނަމަ ޓެކްސް ކުޑަކޮށް، ތަކެތީގެ އަގާއި އިންފްލޭޝަން ދަށްކުރާނެ ކަމަށް މިރޭ ވައުދުވެވަޑައިގެންފަ އެވެ.
"ތި ބޭފުޅުންގެ ދަތިތަކަށް ޝިފާއެއް ގެނެސްދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އަބަދުވެސް ޕާޓީން އެންމެ ދެކޮޅީ ކޮރަޕްޝަނާއި ހީލަތާއި މަކަރާއި ވައްކަމެވެ. އެކަމަކު، މިހާރު ފެންނަނީ ކޮރަޕްޝަނަށް އަޅާނުލާ ތަނާއި، ތަހުގީގެއް އަދި ޝަރީއަތެއް ވެސް ނުހިންގާ ތަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އުމްރާނީ ތަރައްގީ ގެނައުމުގައި ކުޑަ ރަށެއް ބޮޑު ރަަށެއް ތަފާތު ކުރެމެއް ނެތި މަޝްރޫއުތައް ހިންގަމުން ދިއުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭގޮތުން ވެސް ނަޝީދު ފާޑުވިދާޅުވި އެވެ.
"ވަޑައިގަންނަވާ އަޅުގަނޑާ އެކު. ބެލްޓް އަޅުއްވާ. އަޅުގަނޑުމެން މި ނައްޓާލާނީ ދެން ހުއްޓާލާނީ ނޮވެމްބަރު 11، 2023 ގައި ދިވެހިރާއްޖޭގެ ވެރިކަން އަޅުގަނޑުމެން ކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
ނަޝީދު ވިދާޅުވަނީ "ރައީސް ރިއެކްޓް" ނުކުރައްވާ ކަމަށް
ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބުކުރާނަން: ރައީސް
އިންތިހާބާ ގުޅުވައިގެން ބިރެއް ނުދައްކާ: މިއުވާން
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ޕްރައިމަރީ ކާމިޔާބު ނުވާނެކަން ރައީސަށް އެނގޭ: ނަޝީދު
މި ނުކުތީ ވަކި މީހަކާ ދެކޮޅަކަށް ނޫން: ރައީސް
ރައީސްގެ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ
ވަގު ހަދައިގެން ރައީސަށް މޮޅެއް ނުވެވޭނެ: ނަޝީދު
ޕްރައިމަރީ ކާމިޔާބުވާނެ، ބަލިވާ ހާލަތަކަށް ނުވިސްނަން