Roadha Mihaaru
ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބުކުރާނަން: ރައީސް

އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަނުން އަޅުގަނޑު ކާމިޔާބުކުރާނަން: ރައީސް

28 ޑިސެމްބަރ 2022

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ އެ މަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރައްވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ.

އެ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ އަޅުގަނޑު ކަށަވަރުކުރަން ޖެހެނީ ކެންޑިޑެސީ ދެއްތޯ. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރާނަން." ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ރައީސްއާ ވާދަކުރައްވަނީ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުން ގެންދަވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން ދެ ވަނަ ދައުރަކަށް މަސައްކަތްކުރާއިރު މެމްބަރުން އެކުގައި ތިބުމަކީ ބޮޑު ކާމިޔާބަކަށް ވާނެ އެވެ.

ޕާޓީގެ ޓިކެޓު ހޯއްދެއްވުމަށްފަހު ކޯލިޝަނެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީ ގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީއާއެކު އިތުރު ތިން ޕާޓީއެއްގެ ތާއީދާއެކުގަ އެވެ. އެއީ، ޖޭޕީ އާއި އަދާލަތު އަދި އެމްއާރުއެމް އެވެ. ނަމަވެސް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ނަން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތަށް ބަލާއިރު، މި ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ ތާއިދު ލިބޭނެ ކަމަށް އެ މަނިކުފާނަށް ގަބޫލުކުރެވެ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކުރަމުން މި ދާ ގޮތަށް ބަލާފައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެކަމަށް. އެކަމަކު އަދި އެކަމުގެ މަޝްވަރާއެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޯލިޝަނެއް އުފެއްދުމަށް ނުރަސްމީކޮށް ބައެއް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. އެ ވާހަކަތަކުގައި، ހިޔާލު އެއްގޮތްވާ ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރެއްވި އެވެ.

"އެހެންވީމަ، އެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް އަދި މިހާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ އިތުރަށް ވަކިވަކި ފަރުދުންގެ އިތުރު ތާއިދު ވެސް، ސިޔާސީ ބޭފުޅުންގެ ތާއިދު ވެސް އަޅުގަނޑަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވެސް އަޅުގަނޑަށް އެބައޮތް." ރައީސް ވިދާޅުވި އެވެ.