Roadha Mihaaru

ސެޓުލްމަންޓް އެއްބަސްވުންތައް ބާތިލްކޮށް، ބަދަލުގެ ގޮތުގައި ދިން ހުރިހާ ފައިސާއެއް ހޯދަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން އުފެއްދި ސެޓުލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޑިސެމްބަރ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން އުފެއްދި ސެޓުލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސެޓުލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން އިބޫގެ މައްސަލައެއް އޮތްތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގައި އަދި ދައުވާ ކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އަންގަން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި އެވެ.

އިބޫގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލައެއް ވެސް އޮތްތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގައި މައްސަލަތަކެއް އުޅޭ ނަމަ ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދެން ވެސް ކޮމިޓީން ފާސްކުރި އެވެ.

އިބޫ އާއި އަލީ ޝިޔާމަކީ ދެ ޅިޔަނުންނެވެ.

ކުރީގެ ރައީސް އިބޫ އާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމް.

ކުރީގެ ރައީސް އިބޫ އާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމް.

އިބޫ އާއި އަލީ ޝިޔާމްގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މާލިއްޔަތު ކޮމިޓީން ނިންމީ އެއީ ކުރީގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާސް ކަމަށް ވާތީ އެވެ. ސެޓުލްމަންޓް އެއްބަސްވުންތައް ހެދީ ކެބިނެޓުގެ ދަށުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ.

އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އެދެން ނިންމީ މާލިއްޔަތު ކޮމިޓީން ބުނި ގޮތުގައި، އެއީ އެއްބަސްވުންތަކަށް ވާސިލްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ މައްސަލަތައް ކޮމިޓީ އަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ނިންމި ނިންމުންތަކަށް ބަލާއިރު، ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓުލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް ކަނޑައެޅި އެވެ.

ކޮމިޓީ އަށް އެގޮތަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށާއި ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ނުވަތަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެޓާނީ ޖެނެރަލް އާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން ވަނީ ނިންމައިފަ އެވެ.

މާއްލިޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ބޭރުން އެއްވެސް ބަޔަކަށް އެއްވެސް ބަދަލެއް ދީފައިވޭތޯ ބެލުމަށާއި އެގޮތަށް ބަދަލު ދީފައިވާ ނަމަ އެ އެއްބަސްވުންތައް ވެސް ބާތިލުކުރުމަށާއި ބަދަލުގެ ގޮތުގައި ދިން އެއްޗެއް ނުވަތަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ވެސް އެޓާނީ ޖެނެރަލް އާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން މާލިއްޔަތު ކޮމިޓީން ފާސްކުރި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރު މަމްދޫހު ވިދާޅުވި ގޮތުގައި، ސެޓުލްމަންޓް ކޮމިޓީ މެދުވެރިކޮށް އިބޫގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު 7 ގައި އޭޖީ އޮފީހުން އަންގައިގެން އެ ފައިސާ ދޫކުރުން މިނިސްޓްރީން ވަނީ މަޑުޖައްސާލައިފަ އެވެ.