Roadha Mihaaru

ބަދަލު ދިނުމުގައި ކުރީގެ ރައީސް އިބޫގެ މައްސަލައެއް އޮތްތޯ ބަލައި ދައުވާ ކޮށްދޭން އެދެނީ!

ކުރީގެ ސަރުކާރުން އުފެއްދި ސެޓުލްމެންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްސަލެއް އޮތްތޯ ބަލައި، އެކަން ތަހުގީގުކޮށް އަދި ދައުވާ ކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

11 ޑިސެމްބަރ 2024

ކުރީގެ ސަރުކާރުން އުފެއްދި ސެޓުލްމެންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްސަލެއް އޮތްތޯ ބަލައި، އެކަން ތަހުގީގުކޮށް އަދި ދައުވާ ކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ އެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ. ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފު ތާއީދު ކުރެއްވި އެ މައްސަލަ ފާސްވީ ކޮމިޓީގެ ހަ މެންބަރުންގެ ވޯޓާ އެކުގަ އެވެ.

މެމްބަރު މަމްދޫހު ވިދާޅުވީ، ސެޓުލްމެންޓް ކޮމިޓީ މެދުވެރިކޮށް 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އިބޫގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލު ދިނުމަށް އުފެއްދި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އޭރުގެ ރައީސް އޮފީސް މިނިސްޓަރުކަން ކުރެއްވި އަލީ ޝިޔާމުގެ އިތުރުން އެ ކޮމިޓީގައި ޝާމިލްވާ ހުރިހާ ބޭފުޅުންގެ އިހުމާލެއް އޮތްތޯ ބަލައި، ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގަން އެދެން ޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، އިބޫގެ ސަރުކާރުން ރައީސް އޮފީހުގައި ސެޓުލްމެންޓް ކޮމިޓީއެއް ހަދައިގެން ރައްޔިތުންގެ މުދަލާއި ފައިސާ ބަދަލުގެ ގޮތުގައި ދިނުމަކީ ރާއްޖޭގެ ތާރީހުގައި ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.

"ކޮމިޓީގައި އިންނަވާ ފައްޔާޒު އިސްމާއިލްގެ އާއިލާގެ ބޭފުޅަކަށް ވެސް އެތައް އަހަރަކަށް ރިސޯޓު ހަދަން ރަށްތައް ދީފައި އެބައޮތް. މީގެ ކުރިން ބަދަލުގެ ގޮތުގައި އެއްޗެއް ދެނީ ކޯޓު މަރުހަލާއެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މިިފަދަ މައްސަލައެއް ބަލައި ދޭން އެދި ޕީޖީ އޮފީހަށް ފޮނުވުމަކީ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ސަރުކާރުގެ ޕާޓީގެ މެންބަރު ކުރައްވާ ކަމެއް ކަމަށެވެ.

"މިތަނަށް ގެނެސް [މާލިއްޔަތު ކޮމިޓީ] އަށް ގެނެސް ވަކި ބައެއްގެ ނަން ޖަހާފައި މައްސަލައެއް ބަލައިދޭށޭ ބުނީމަ އެ ވަނީ ސިޔާސީ ކަމަކަށް. ސިޔާސީ ބޭނުމެއްގައި ކުރާ ސިޔާސީ ކަމެއްމީ. ސަރުކާރުގެ ތެރެއިން މިކަން ކުރެވޭނެ ނިޒާމެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވިގޮތުގައި، ކޮމިޓީތަކަށް ބަޔަކު ހާޒިރުނުކޮށް ވެސް މައްސަލައެއް އޮތްތޯ ސަރުކާރުގެ ތެރެއިން ބެލޭނެ އެވެ.

މި ސަރުކާރުވެރިކަމާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލައިފަ އެވެ.