Roadha Mihaaru

ނުހައްގުން ހޯދާ ފައިސާއިން ގަންނަނީ ހުޅުމާލެއިން ފްލެޓާއި ބިން: ނާޒިމް

ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން ގަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެފަދަ ކަންކަމުގެ ހެކި ވެސް އެބަހުރި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 އެޕްރީލް 2025

ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން ގަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެފަދަ ކަންކަމުގެ ހެކި ވެސް އެބަހުރި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިިމް ވިދާޅުވީ، ފުލުހުންގެ ޕޮލްކޯއާ ގުޅޭ މައްސަލަ ބެލިއިރު ވެސް އެ ފަދަ ކަން ކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ތަހުގީގު ކުރިއިރު، ފާހަގަވި އެއް ކަމަކީ ޕޮލްކޯ އިން ފައިސާ ނެގި ގޮތަށް ހުޅުމާލެ އިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދީފައި ބިމެއް ގަނެފައިވާ ކަން ކަމަށެވެ. އެކަން ކުރީ ޕޮލްކޯގެ އެއް ޑިރެކްޓަރަކު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެ ބިން ފަހުން އެހެން ފަރާތަކަށް ވިއްކާލިކަން ވެސް އެބައޮތް އެނގެން. ވިއްކާލީ ވެސް ވަރަށް ކުޑަ އަގެއްގައި ޓެކްސް ނުދައްކާ ގޮތަށް. ފަނަރަ މިލިއަން ރުފިޔާ އަށް ގަތް އެއްޗެއް 12 މިލިއަން ރުފިޔާ އަށް ވިއްކާލީ،" ފަހަކަށް އައިސް ކޮރަޕްޝަންގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އިސްކޮށް އުޅުއްވާ ނާޒިމް ވިދާޅުވި އެވެ.

"އެ ބިލް އަންނަޖެހެނީ ސަރުކާރުގެ ފަރާތުން. އަޅުގަނޑުމެން މިހާރު ބަންޑާރަ ނައިބަށް ދަންނަވާފައިވާނެ އެ ބިލް މިމަހުގެ ނިޔަލަށް މަޖިލީހަށް ފޮނުވަން. އޭރުން އަޅުގަނޑުމެން މެއި 15 ގެ ކުރިން ޗުއްޓީއަށް ދިއުމުގެ ކުރިން ވުޖޫދަށް ގެނެސްފި ނަމަ، މިދެންނެވި ގޮތަށް ސަރުކާރުގެ އިދާރާތަކުން ނުހައްގުން ހޯދާފައިވާ ފައިސާއަށް އުފަންކޮށްފައި ހުރި އެސެޓްތައް ހޯދަން މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނުހައްގުން ލިބޭ ފައިސާ ބޭނުން ކޮށްގެން މުދާ ގަންނައިރު މިކަމުގެ އަސްލަށް ވާސިލް ވެވެން އޮތީ އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ނިންމައިގެން ކަމަށެވެ.

"އެ ބިލް އަންނަން ޖެހެނީ ސަރުކާރުގެ ފަރާތުން. އަޅުގަނޑުމެން މިހާރު ބަންޑާރަ ނައިބަށް ދަންނަވާފައިވާނެ އެ ބިލް މި މަހުގެ ނިޔަލަށް މަޖިލީހަށް ފޮނުވަން. އޭރުން އަޅުގަނޑުމެން މެއި 15 ގެ ކުރިން ޗުއްޓީ އަށް ދިއުމުގެ ކުރިން [ބިލް] ވުޖޫދަށް ގެނެސްފި ނަމަ މިދެންނެވި ގޮތަށް ސަރުކާރުގެ އިދާރާތަކުން ނުހައްގުން ހޯދާފައިވާ ފައިސާ އަށް އުފަންކޮށްފައި ހުރި އެސެޓްތައް ހޯދަން މަގުފަހިވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންޑިއާގެ ރެނާޓަސް ކުންފުނިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ގިނަ އަދަދެއްގެ ފްލެޓްތައް ވެސް އެފަދަ ގޮތްގޮތަށް ގަނެފައިވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ހެކިތައް ވެސް މިހާރު އެބަހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރެނާޓަސްގެ ފްލެޓްތަކާއި ޕެންޓް ހައުސްތައް އެކި ފަރާތްތަކުން ނުހައްގު ފައިސާ އިން ގަނެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.