Roadha Mihaaru

މަޖިލިހުގެ ސިއްރު ކޮމިޓީތަކުގައި ދޭ މައުލޫމާތު ހާމަނުކުރަން އަބްދުއްރަހީމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް ސިއްރު ކޮށްގެން ބާއްވާ ބައްދަލުވުންތަކުގެ ވާހަކަ މަޖިލިހުގެ ތަޅުމުގައި ނުދެއްކެވުމަށް މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.

ސިއްރު ކޮމިޓީތަކުގެ މައުލޫމާތު ހާމަނުކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް ސިއްރު ކޮށްގެން ބާއްވާ ބައްދަލުވުންތަކުގެ ވާހަކަ މަޖިލިހުގެ ތަޅުމުގައި ނުދެއްކެވުމަށް މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު އެގޮތަށް އެދިވަޑައިގަތީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މާލިއްޔަތު ކޮމިޓީ އަށް އިއްޔެ ވަޑައިގެން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފައި ވަނިކޮށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު އެ ވާހަކަތައް ހާމަކުރެއްވި ކަމަށް ބެލެވިގެންނެވެ.

މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަމްހީދު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވައި ނިންމެވުމާ އެކު، މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ސިއްރު ކޮމިޓީއެއްގެ ވާހަކަތައް، ލައިވް ޖަލްސާއެއްގައި ދެއްކެވުމަކީ މެމްބަރުން ކުރައްވައިގެން ވާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

"ދެންމެ ވާހަކަ ދެއްކެވި ހުޅުމާލެ ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ސަމާލުކަމަށް އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ، ކުރިއަށް އޮތް ތާނގައި ވެސް ސިއްރު ކޮމިޓީއެއްގައި ދެއްކެވޭ ވާހަކަތައް އެ ގޮތަށް ހާމަކުރަމުން ނުގެންދިއުމަށް،" އަބްދުއްރަހީމް އެދިވަޑައިގަތެވެ.

"އެއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަޖިލިހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ."

އެކަމަކު، ނިޒާމީ މައްސަލައެއް ނަންގަވައި، ރައްދުގައި ޝަމްހީދު ވިދާޅުވީ، މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޭނާ ހިއްސާކުރެއްވީ މަރުކަޒީ ބޭންކުން އާންމު ކޮށްފައިވާ ތަފާސްހިސާބު ކަމަށެވެ.

"އޭގެ އެއްވެސް މައުލޫމާތަކީ ސިއްރު މައުލޫމާތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރާ ކުރެއްވި ބައެއް ސުވާލުތަކާ ގުޅޭ ގޮތުން ދެއްވި ޖަވާބު ކޮންމެވެސް ވަރަކަށް މިއަދުގެ ޖަލްސާގައި ޝަމްހީދު ދެއްވި އެވެ. އޭގެ ތެރޭގައި އަންނަ އަހަރު ލޯނުތައް ދެއްކޭނެ ހާލަތުގެ ވާހަކަތައް ހިމެނެ އެވެ.

ގަވަރުނަރު ވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމާ ޝަމްހީދާއި އެ ކޮމިޓީގެ އެމްޑީޕީގެ މެމްބަރުން އިއްޔެ ވެސް ދެކޮޅު ހެއްދެވި އެވެ. އެކަމަކު، ގަވަރުނަރުގެ އެދިވަޑައިގަތުމަކަށް ބައްދަލުވުން ސިއްރުކުރީ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުގެ ހުށަހެޅުއްވުން ފާސްވުމުންނެވެ.