Roadha Mihaaru

ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލައެއް!

މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 އެޕްރީލް 2025

މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ އާންމުކޮށް އެންމެންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.

އޭނާ ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ކަމަށެވެ.

"އެ ފައިސާ [ގެއްލުނު] ހޯދުމުގައި ވެސް އެއްވެސް ކާމިޔާބެއް ނުވޭ. އެ ކަހަލަ ކަންކަން އެބަހުރި. އެހެންވީމާ، ޕީބީސީން ވަކި ގޮތަކަށް ޕްރޮކިއުމެންޓް ޕޮލިސީއާ އެއްޗެހި ހުއްޓާ، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަދައި، އެ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް،" މި ސަރުކާރު ހިންގާ ޕީއެންސީގައި ވެސް އިސް ދައުރެއް އަދާކުރައްވާ ނާޒިމް ވިދާޅުވި އެވެ.

އެފަދަ ވަކި ވަކި މައްސަލަތައް މާލިއްޔަތު ކޮމިޓީން ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ނާޒިމް "މިހާރު" އަށް ފަހުން ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށާއި ދުބާއީގެ ކުންފުންޏަށް ފުރަތަމަ ދެއްކީ ޕޭމަންޓުގެ 30 ޕަސެންޓު ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ޕޭމަންޓް މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގައި މޯލްޑިވް ގޭހުގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ އިން އެކަން ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު، އެސްޓީއޯ އިން މިހާރު ވަނީ ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ މަސައްކަތް މިހާރު ކުރާނީ އެސްޓީއޯއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އާންމުކޮށް، ގޭހުގެ އޯޑަރު ދެނީ ގެންނަ ކޮންމެ ޝިޕްމެންޓެއްގައި 1،000 ޓަނެވެ.

"ކުންފުނިތަކުގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރުުން، ކުންފުނިތަކުން ޕްރޮކިއުމެންޓަށް ދާއިމީ ގޮތެއްގައި ބޭކާރު ގިނަ ހަރަދުތަކެއް ކުރާއިރު، އެކަންކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.