އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި ފިޔަވަޅުތަކެއް އަޅަން އެމްޕީއެލް އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
11 އޯގަސްޓް 2025
އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި ފިޔަވަޅުތަކެއް އަޅަން އެމްޕީއެލް އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
އެމްޕީއެލްއަށް ތެޔޮ ހޯދަން 2018-2020 ވަނަ އަހަރާ ދެމެދު ހިންގި މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް ފަހު، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ، އެތައް މިލިއަން ލީޓަރުގެ ތެޔޮ ގެއްލުމުގައި އެމްޕީއެލާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ. މި ހިޔާނާތް ފަޅާއަރައި، މައްސަލަ ބެލުމަށް ފަހު މުވައްޒަފުންތަކެއް ވަކި ވެސް ކުރި އެވެ. ނަމަވެސް، މި ހިޔާނާތުގައި އެމްޕީއެލަށް ގެއްލުނު ފައިސާ މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.
އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ފަހު، ތައްޔާރުކުރި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅައިފަ އެވެ. އެ ހިޔާނާތާ ގުޅިގެން ފަސް ކަމެއް ކުރަން އަންގަން ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއީ؛
● އޮޑިޓް ރިޕޯޓްގައި އެ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރަން އެމްޕީއެލްއަށް އެންގުން
● ތެޔޮ ވިއްކާ އަޅަނދުފަހަރުތައް މޮނީޓާ ކުރުމަށް ކެމެރާ ސިސްޓަމްތަކާއި ތެޔޮ ދޫކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ލައިވް ރިޕޯޓް ނެގޭ ގޮތަށް ހަދަން އެންގުން އަދި ބާޖުތަކުގައި ހުންނަ ތެޔޮ ޓޭންކްތަކުގެ ތެޔޮގެ މިންވަރު ލައިވްކޮށް އެނގޭނެ ގޮތަށް 45 ދުވަސް ތެރޭގައި ހެދުން.
● އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް އަވަސްކޮށް، އެކަމުގައި ޕީޖީ އޮފީހުންނާއި ކޯޓުތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަން އެންގުން.
● އެމްޕީއެލްގެ އެތެރޭގެ މާލީ މުއާމަލާތްތައް ހިންގުން ހަރުދަނާކުރަން އެންގުމާއި އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް އެންގުން.
● މާލެ ސަރަހައްދުން ތެޔޮ އުޅަނދުތައް ބޭރުވުމަށް ފަހު ވެސް އެ އުޅަނދުތައް މޮނިޓާ ކުރެވޭނެ ސިސްޓަމްތައް ތިން މަސް ތެރޭގައި އުޅަނދުތަކުގައި ގާއިމް ކުރަން އެންގުން.
ކޮމިޓީގެ މި ރިޕޯޓާ މެދު މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުން ބަހުސް ކުރެއްވިއިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެމްޑީޕީގެ ސަރުކާރުގައި މިފަދަ ގިނަ ހިޔާނާތުގެ މައްސަލަތަކެއް ހިނގާފައިވާ ކަމަށް ބުނެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މި ރިޕޯޓް ފާސްކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ.
އޮޑިޓް އޮފީހުން 2022 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ގެއްލިފައި ވަނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ 9.6 މިލިއަން ރުފިޔާގެ ޑީސަލާއި ޓަގު ބޯޓުތައް އޮޕަރޭޓްކުރުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ 18.5 މިލިއަން ރުފިޔާގެ ޑީސަލް އަދި އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑު ކޮށްފައިވާ 127،616ރ. ގެ ތެލެވެ.
ގެއްލުނު ޑީސަލްތަކުގެ ތެރޭގައި ޓަގު ބޯޓުތަކަށް އަޅަން ހުޅުމާލެ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައި ކޮށްފައިވާ 799،900 ލީޓަރު ނުވަތަ 7.2 މިލިއަން ރުފިޔާގެ ޑީސަލް ހިމެނެ އެވެ. އޭގެ އިތުރުން، ޓަގު ބޯޓުތަކަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ނާ ޅާކަމަށް ޓަގު ބޯޓުތަކުގެ ކެޕްޓަނުން ބުނެފައިވާއިރު، އަދި ޓަގު އޮޕަރޭޝަންގައި ބޭނުން ކޮށްފައި ނުވާ މުއްދަތުގައި ވެސް އެ ޓަގު ބޯޓަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ރިކޯޑު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ، އެމްޕީއެލްގެ އެކިއެކި ޔުނިޓުތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް 2018 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 2020 އާ ހަމައަށް އެ ޔުނިޓުތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށްފައިވާ ކަމަށެވެ. ތާރީހު ބަދަލުކުރުމަށް ފަހު، ތައްޔާރުކޮށްފައިވާ 13.42 މިލިއަން ރުފިޔާގެ ތެޔޮ ހިމެނޭ ފޯޖު ކޮށްފައިވާ ފޯމުތަކާއި އަދި އެމްޕީއެލްގެ އެކިއެކި ޔުނިޓުތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މި ހިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ނުވަ ކަމެއް އިސްލާހުކުރަން އޮޑިޓު އޮފީހުން ވަނީ އަންގައިފައިވެ އެވެ. އޭގެ ތެރޭގައި؛
● މި ހިނާޔަތް ހިންގުމުގައި ބައިވެރިވި މީހުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި ފުލުުހުންނަށް ހުށަހަޅަން ލަފާދިނުން.
● އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު، މި ކަމުގައި ބައިވެރިވި މީހުންގެ އަތުން ހޯދަން ލަފާދިނުން.
● ޖަނަރޭޓަރުތައް ހިންގުމަށާއި އުޅަނދުތައް ދުއްވަން ބޭނުން ކޮށްފައިވާ ތެލުގެ އަދަދު ބެލުމަށް އެކި ފިއުލް ކޮންސަމްޕްޝަން ރިޕޯޓުތައް ހޯދައި، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ތެލުގެ ބަޖެޓު ތައްޔާރުކުރުމުގައި އެ ރިޕޯޓުތަކަށް ރިއާޔަތްކުރުން.
● އެމްޕީއެލްގެ އޮޕަރޭޝަންތަކުގެ ބޭނުމެއް ހޯދާ ތެލުގެ ތެރެއިން ތެޔޮ ރައްކާކުރާ ޓެންކްތަކާއި ޓަގު ބޯޓުތަކުގެ ފިއުލް ޓޭންކުތަކަށް އަޅާ ތެލުގެ އަދަދު ދެނެގަނެވޭނެ ފަދަ މީޓަރުތައް އެ ޓޭންކުތަކުގައި ހަރުކޮށް މީޓަރުތަކުގެ ރިކޯޑު ބެލެހެއްޓުން.
● ޑީސަލް ގަންނަން އެމްޕީއެލުން އެފްއެސްއެމަށް ފޮނުވާ ޕާޗޭސް އޯޑަރުތަކުގައި ތެޔޮ ފޮނުވަންވީ ތަނާއި އަދަދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެ ބަދަލު ގެންނަން ބޭނުންވާ މީހާއި އެކަމަށް ހުއްދަ ދިން މީހާ އިނގޭނެ ލިޔުން ތައްޔާރުކޮށްފައި ބެލެހެއްޓުން.
ޕޮލްކޯއާ ގުޅޭ ވިސުލްބްލޯވަރުންގެ ވާހަކަތައް ކޮމިޓީއަށް
އައިލެންޑް އެކްސްޕާޓުގެ ފްލެޓް އިމާރާތް ދައުލަތަށް!
ޕޮލްކޯގެ ކުރީގެ ވެރިންނާ ބައްދަލުކުރުން ވެސް ސިއްރު!
ޕޮލްކޯގެ ވެރިން ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފި
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
ހުރިހާ ކުށްވެރިންނަކީ މަޖިލިސް މެމްބަރުން: ސަލީމް
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
ޚިޔާނާތުގެ ތުހުމަތުވާ ގިނަ ބަޔަކު ވަކިކުރި: ގަސަމް
ވައްކަން ކުރީ ލިޔުންތައް ފޯޖުކޮށްގެން: ޝާހިދު