Roadha Mihaaru
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި

16 ސެޕްޓެމްބަރ 2024

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސްގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސްގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. އޭނާގެ ނަން ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު މިއަދު ވަނީ ކޮމިޓީން އޭނާއާ އިންޓަވިއުކޮށްފަ އެވެ.

އިންޓަވިއު ކުރުމަށް ފަހު މެންބަރުން އައްބާސްއަށް ދެއްވި މާކްސްގެ ޕަސަންޓަކީ 93.91 ޕަސެންޓެވެ. އައްބާސް އެ މަގާމަށް އައްޔަންކުރަން ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މަޖިލީހުގެ ހާޢްސަ ޖަލްސާއެއް ދައުރުން ބޭރުން މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މަޖިލީހުން ނަން ފާސްކުރުމުން ޕީޖީ ކަމަށް އައްބާސް އައްޔަން ކުރައްވާނީ ރައީސް އެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުރިން ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރެއްވި އައްބާސް ވިދާޅުވީ އޭނާ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު ދަންނަވައިގެން ނޫނީ އިރުޝާދު ދީގެން ނޫން ކަމަށެވެ.

އައްބާސް ވިދާޅުވީ އޭނާ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އަދި ކުށުގެ ބޮޑެތި މައްސަލަތައް ބަލާފައި ހުންނާނެ ކަމަށާއި އެ މައްސަލަތައް ބެލިއިރު އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެކަމަކު، އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ބަލާފައިނުވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް ކުރައްވައިފަ އެވެ.

އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އޭނާ ވަކި ކުރަން ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.

ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި ބުނީ ޕީޖީ އިސްތިއުފާ ދެއްވި ސިޓީ ލިބިފައި ނުވާތީ އެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.