Roadha Mihaaru
ޕީޖީ ހާޒިރު ކުރާ ކޮމިޓީ ލައިވް ކޮށްދޭން އެދިއްޖެ

ޕީޖީ ޝަމީމް މިއަދު ކޮމިޓީ އަށް ހާޒިރު ކުރަނީ، ކޮމިޓީ ލައިވް ކުރަން އެދިއްޖެ

22 އޯގަސްޓް 2024

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މިއަދު ހާޒިރު ކުރަން ނިންމާފައިވާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ލައިވް ކޮށްދޭން ޕީޖީ ޝަމީމް އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މިއަދު ހާޒިރު ކުރަން ނިންމާފައިވާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ލައިވް ކޮށްދޭން ޕީޖީ ޝަމީމް އެދިވަޑައިގެންފި އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެމައްސަލާގައި އެ ކޮމިޓީން ނިންމާފައި ވަނީ އޭނާ އަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ލިޔެކިޔުންތަކާ އެކު ކޮމިޓީ އަށް ހާޒިރުވުމަށް އެންގުމަށެވެ.

މަޖިލީހުން ވަނީ ޝަމީމް ހާޒިރު ކުރާ ކޮމިޓީގެ ބައްދަލުވުން މިއަދު 10:30 އަށް ތާވަލް ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ބުނީ ހުށަހެޅިފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ޝަމީމް ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ކޮމިޓީ އާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕީޖީ އެދިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކޮމިޓީން ލިޔުންތައް ހޯދާ މައްސަލަތައް

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން

- ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާނެ އެވެ.