Roadha Mihaaru
އާ ޕީޖީއަކު ނަގަން ދައުރުން ބޭރު ޖަލްސާއެއް

އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

23 އޯގަސްޓް 2024

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވަން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވިއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް އާ ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ނަން ފޮނުއްވަން ޖެހެނީ ރައިސުލްޖުމްހޫރިއްޔާ އެވެ. އެ ނަމާ މެދު މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ޕްރޮސިކިއުޓާ ޖެނެރަލެއް އައްޔަން ކުރެވޭނީ މަޖިލީހުގެ ތަޅުމުން ވަކި ގޮތެއް ފާސްކޮށްގެންނެވެ.

މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އާ ޕްރޮސިކިއުޓާ ޖެނެރަލް އައްޔަން ކުރުމުގެ އިޖުރާއަތް ހިންގަން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވުމުން އެ ނަން މަޖިލިހަށް އިއްވުމަށާއި ކޮމިޓީން ނިންމާ ގޮތަކާ މެދު ވޯޓަށް އެހުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ނާޒިމް ވިދާޅެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ މައްސަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން ޝަމީމަށް ވަނީ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ޝަމީމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރާއި 8 މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުން ވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އޭނާ ވަނީ އިސްތިއުފާ ދެއްވިކަން މީޑިއާއާ މިރޭ ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް، މަޖިލިހުގެ މިރޭގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ވޯޓާ ހަމައަށް ދިޔައިރު ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް ލިބިފައި ނެތް ކަމަށެވެ. އެހެންވެ، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލިހުން ފާސްކުރީ އެވެ.