Roadha Mihaaru
ޕީޖީ ވިދާޅުވީ ނަތީޖާ ނެރެވޭ ގާނޫނެއް ދޭށޭ!

ނަފްރަތުގެ ބިލުގެ ސުވާލަށް ޕީޖީ ވިދާޅުވީ ނަތީޖާ ނެރެވޭ ގާނޫނެއް ދޭށޭ!

20 ޖޫން 2021

ގާނޫނެއް ހަދައިދޭ ނަމަ އަމަލު ކުރެވޭ، ނަތީޖާ ނެރެވޭ ގާނޫނެއް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު އެދިވަޑައިގެންފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގާނޫނެއް ހަދައިދޭ ނަމަ އަމަލު ކުރެވޭ، ނަތީޖާ ނެރެވޭ ގާނޫނެއް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު އެދިވަޑައިގެންފި އެވެ.

އޭނާ މިހެން ވިދާޅުވީ ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް، ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ދެ މާއްދާގައި، މީހަކު ދީނާ ހިލާފަށް އުޅޭ ކަމަށް އާންމު ތަނެއްގައި ބުނުމާއި އިސްލާމީ އަގީދާއާ ގުޅުވައިގެން މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ސަރުކާރުން ހުށަޅާފައިވާ އިސްލާހާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މާއްދާތަކަކީ ގާނޫނުލްއުގޫބާތުގައި އެއްޗެއް ލިޔެ ތަފުސީލް ދޭންޖެހޭ ވަރަށް ތަފުސީލް ދެވިފައިވާ މާއްދާތަކެއް ކަމަށް ގަބޫލު ކުރައްވަންތޯ އާއި އެ މާއްދާތައް ފުޅާކޮށް މާނަކުރެވޭ ގޮތަށް ހުރުމުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ، އެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ.

"މުޅި ގާނޫނުލްއުގޫބާތުގެ އިބާރާތްތަކާއި މުޅި ޑްރާފްޓްގެ ފަލްސަފާ އާއި ޑްރާފްޓް ކުރެވިފައި ހުރި ގޮތާއި އެ ކަންކަމާ ބެހޭ ގޮތުން ތަފުސީލްކޮށް އަޅުގަނޑު މަޖިލީހަށް އެބަ ސިޓީއެއް ފޮނުވަން މި މާއްދާއާ ބެހޭ ގޮތުން. އެބައޮތް އަޅުގަނޑަށް [މަޖިލީހުން] ސިޓީއެއް ފޮނުއްވާފައި،" ޝަމީމް ވިދާޅުވި އެވެ.

އެ ބިލުގެ ވާހަކަ މި ދަނޑިވަޅުގައި އާންމުކޮށް ދެއްކުން އެހާ ރަނގަޅު ނުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، މަޖިލީހަށް ފޮނުވާ ސިޓީ މަޖިލީހުން އާންމުކޮށްފި ނަމަ އޭނާގެ ހިޔާލު ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު މި ދަންނަވާ ހަމައެކަނި ވާހަކައަކީ ގާނޫނެއް ހަދާފައި ދެންޏާ، އަމަލުކުރެވޭ، ނަތީޖާ ނެރެވޭ، ޕްރެކްޓިކަލް ގާނޫނެއް ދޭށޭ. އެއީ އަޅުގަނޑުގެ ރިކުއެސްޓަކީ،"--- ޝަމީމް

ޝަމީމް ވިދާޅުވިގޮތުގައި، ބިލު މަޖިލީހުން ފާސްވޭތޯ ނުވަތަ ނޫންތޯ ބަލައި، އެ ހުރިހާ ކަމެއް ނިމުމުން އެކަމާ ބެހޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ކޮންމެވެސް އެއްޗެއްގައި އޭނާ ލިޔުއްވާނެ އެވެ.

"އަޅުގަނޑު މި ދަންނަވާ ހަމައެކަނި ވާހަކައަކީ ގާނޫނެއް ހަދާފައި ދެންޏާ، އަމަލުކުރެވޭ، ނަތީޖާ ނެރެވޭ، ޕްރެކްޓިކަލް ގާނޫނެއް ދޭށޭ. އެއީ އަޅުގަނޑުގެ ރިކުއެސްޓަކީ،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނުތަކަށް ގެންނަ އިސްލާހުތަކާ ބެހޭގޮތުން، ޖުމުލަކޮށް އޭނާ ވިދާޅުވީ، ފުރަތަމަ ކަމަކަށް ގާނޫނު ތަންފީޒުވާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ކޯޓުތަކުން މާއްދާތައް މާނަކުރާ ގޮތް ބަލާފައި ގޯހެއް އުޅޭ ނަމަ ނޫނީ ގާނޫނު އިސްލާހުކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ދިމާވާ އިރަށް ގާނޫނު ބަދަލުކުރީމަކާއެއް ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ. ގާނޫނު ހަދަންވީ ދިމާވާ މައްސަަލައެއް ހައްލު ކުރުމަށްޓަކައި" ޝަމީމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާއިރު، ޝަމީމް ވިދާޅުވީ، އެ އިސްލާހު ހުށަހަޅާފައި ވަނީ ކޯޓުތަކުގައި އެ ގާނޫނު ރަނގަޅަށް ޓެސްޓު ނުކުރެވެނީސް ކަމަށެވެ.

މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ކުލައަށް ނުވަތަ ބަލައި އެ މީހަކާ މެދު ތަފާތު ކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުމަކީ ކުށަކަށް ހަދަން ވެސް ނަފުރަތާ ދެކޮޅު ބިލުގައި ހުށަހަޅާފައިވެ އެވެ.

ޝަމީމް ވިދާޅުވިގޮތުގައި، އެއީ މުހިންމު މާއްދާއެކެވެ. ނަމަވެސް، ތަފާތު ކުރުމަކީ ވަކި ކުށެއްގެ ބަދަލުގައި ކުށުގެ އަަދަބު އިތުރުވާ ކަމެއްގެ ގޮތުގައި ހަދަން މަޖިލީހަށް ހިޔާލު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލަކީ ދީނާ ހިލާފު ވާހަކަ ދައްކަން ފުރުސަތު ދެވޭ ކަމެއް ކަމަށް ބުނެ އާންމުންގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖޭޕީއާއި އަދާލަތުން އެ ބިލާ ދެކޮޅަށް ވާހަކަ ދައްކާފައިވާއިރު، ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ އެ ބިލާ ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް، ބިލަކީ ހައްދުފަނައެޅުން ހުއްޓުވުމަށް މުހިންމު ބިލެއް ކަމަށް ބުނެ އެ އަށް ތާއީދު ކުރާ މީހުންގެ ފަރާތުން ވަނީ އެ ބިލު ފާސްކުރަން ގޮވާލައި ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ.