Roadha Mihaaru
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އިސްތިއުފާގެ ސިޓީ ނުލިބޭތީ، ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

22 އޯގަސްޓް 2024

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އޭނާ ވަނީ އިސްތިއުފާ ދެއްވިކަން މީޑިއާއާ މީގެ އިރުކޮޅެއް ކުރިން ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް، މަޖިލިހުގެ މިރޭގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ވޯޓާ ހަމައަށް ދިޔައިރު އެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް ލިބިފައި ނެތް ކަމަށެވެ.

ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކުރީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޝަމީމް ވަނީ އެ އޮފީހުން ނުކުމެވަޑައިގެންފަ އެވެ. އޮފީހުން ނުކުމެވަޑައިގެންނެވިއިރު، ޕީޖީ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރަތް ދޫލައިގެ އަލްވަދާއުއެއް ޝަމީމަށް ކިޔާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.

މީޑިއާ އަށް އާންމު ކުރެއްވި ސިޓީގައި ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދެއްވަން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރު ކުރުމަކީ، އަދުލު އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މި ކަންކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމް މީޑިއާ އަށް ދޫކޮށްލެއްވި ބަޔާނުގައި ވެ އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރި އެވެ. ބައްދަލުވުން ސިއްރު ނުކުރަން އެދި ޝަމީމް ސިޓީއެއް ފޮނުއްވި އެވެ. ނަމަވެސް، ޝަމީމަށް ޖަވާބުދާރީވާން ފުރުސަތު ދިނީ ސިއްރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމަށް ފަހު، ޝަމީމް ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، މައްސަލަ ތަޅުމަށް ފޮނުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިހުރި ތުހުމަތުތަކަށް ޝަމީމް ވަނީ އިންކާރު ކުރައްވައިފަ އެވެ. ޝަމީމް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށާއި އެއީ މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައް ކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެ އެވެ.

"އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މަގާމުން ވަކި ކުރަން ބޭނުންވެގެން ކޮށްފައިވާ ތުހުމަތުތަކެއް. އެއީ މީގެ އެތައް މަހެއް ކުރިން ޖަވާބުދީފައި ހުރި ފެން ނުހިފޭ ތުހުމަތުތަކެއް،" ޝަމީމް ވިދާޅުވި އެވެ.