Roadha Mihaaru
އަލީ ފުރި މައްސަލައިގައި މަޖީލީހުން ޕީޖީއާ ސުވާލުކުރަނީ

އަލީ ވަހީދު ފުރި މައްސަލައިގައި ޕީޖީ ޝަމީމް މަޖިލީހަށް ހާޒިރުކުރަނީ

15 ފެބުރުއަރީ 2021

ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ދައުވާކޮށް ޝަރީއަތް ފަށާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ފުރާވަޑައިގެންނެވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހާޒިރުކޮށް ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ދައުވާކޮށް ޝަރީއަތް ފަށާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ފުރާވަޑައިގެންނެވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހާޒިރުކޮށް ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމާއި އޭނާ ފުރާވަޑައިގެންނެވުުމުން، އެ މައްސަލަ ބަލައިދޭން އެދި މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ އަންހެން ހަތަރު މެމްްބަރުންނެވެ. އެއީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖީލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

އެ މައްސަލައާ މެދު ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރި މަޝްވަރާއަށް ފަހު ނިންމީ، ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަ އާއި އަލީ ވަހީދު ފުރާވަޑައިގެންނެވި މައްސަލަ، އެއް ދުވަހެއްގައި ތާވަލްކޮށް ޝަމީމް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުުރުމުގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ، ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ. ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމުންނެވެ.