Roadha Mihaaru

އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ސިޔާސީ ގޮތުން ބިރު ދައްކަން: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ނިޔަތުގައި ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ނާޒިމް ހަސަން
ނާޒިމް ހަސަން

12 ޑިސެމްބަރ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ނިޔަތުގައި ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް އިބޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީގެ ދަށުން ލާޒިމް ކަމެއް ކަމަށާއި ހަމަ އެއާ އެކު، އެކަންކަން ތަންފީޒު ކުރުމަށް ކޮމިޓީތައް އުފެއްދުމުގެ ބާރުގެ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ކަމަށެވެ.

ސެޓްލްމަންޓް ކޮމިޓީ ވެސް އޭރުގެ ރައީސްގެ ހައިސިއްޔަތުން އިބޫ އުފެއްދެވީ އެ އުސޫލުން ކަމަށާއި އެ ކޮމިޓީގައި ބަންޑާރަ ނައިބު ވެސް ހިމެނިވަޑައިގެންނެވި ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެ ކޮމިޓީގެ ކޮންމެ ނިންމުމެއް ވެސް ނިންމީ ކެބިނެޓްގެ ރުހުން ލިބިގެން، ބަންޑާރަ ނައިބުގެ ލަފައާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމުގައި ބިރު ދެއްކުމުގެ ގޮތުން ކުރީގެ ރައީސް ސޯލިހާއި ކެބިނެޓްގައި ހިމެނޭ ބައެއް ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގަން ފާސްކޮށްފައި މިވަނީ. ގޮތް ހުސްވެގެން ސަރުކާރުން މިހާރު އެ ކުރާ ކަމަކީ ބިރު ދެއްކުމުގެ އަމަލުތައް ހިންގަން އެ ފެށީ،" ޣަފޫރު ވިދާޅުވި އެވެ.

އިބޫގެ އިތުރުން އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދެން ވެސް މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓުގައިވެ އެވެ.

ދެ ޅިޔަނުން ވެސް ކަމަށްވާ އިބޫ އާއި އަލީ ޝިޔާމްގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މާލިއްޔަތު ކޮމިޓީން ނިންމީ އަލީ ޝިޔާމަކީ ކުރީގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަމަށް ވާތީ އެވެ. އޭރު ސެޓްލްމަންޓް އެއްބަސްވުންތައް ހެދީ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ.

ސަރުކާރު ހިމެނޭ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެހެންވެ، އެ ހުރިހާ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށާއި ބަދަލުގެ ގޮތުގައި ދީފައިވާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެޓާނީ ޖެނެރަލާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން ވެސް ނިންމާފައިވެ އެވެ.

ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ވަނީ ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ ފައިސާ ދޫކުރުން އޭޖީ އޮފީހުގެ އެންގުމަކަށް ވަނީ މަޑުޖައްސާލައިފަ އެވެ.