Roadha Mihaaru
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!

ފައްޔާޒުގެ މައްސަލަ އެންމެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލިހަށް ނަޝީދު ހުށަހަޅުއްވަނީ

07 ސެޕްޓެމްބަރ 2020

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމުގެ ކުރިން، އެމްޑީޕީގެ ގައުމީ މަޖިލިހަށް ވެސް އެ މައްސަލަ ހުށަހަޅުއްވައި، އެއާ މެދު އެ ޕާޓީން ގޮތެއް ނިންމުމުގެ މަސައްކަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމުގެ ކުރިން، އެމްޑީޕީގެ ގައުމީ މަޖިލިހަށް ވެސް އެ މައްސަލަ ހުށަހަޅުއްވައި، އެއާ މެދު އެ ޕާޓީން ގޮތެއް ނިންމުމުގެ މަސައްކަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު، މި ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ބޭނުންވާ ސޮއި ހޯއްދަވަން މިދިޔަ މަހުގެ ކުރީކޮޅު ފެއްޓެވިޔަސް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި، އިއްޔެ ޗުއްޓީ އަށް ދިޔައިރު ވެސް މައްސަލަ ހުށަހެއް ނާޅުއްވަ އެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕާއި އެ ޕާޓީގެ އެހެން ބައެއް ގުނަވަންތަކުގައި ވެސް ބައިބައިވުން އުފެދިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒާ އެއްކޮޅަށް ފާޅުގައި ނުކުންނަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ އިތުބާރު ގެއްލޭ ފަދަ ކަމެއް ފައްޔާޒު ކުރައްވާފައި ނެތް ކަމަށާއި ޝަކުވާއެއް ވެސް އެ މަނިކުފާނާ ހަމައަށް ނާންނަ ކަމަށެވެ. އަދި މި މައްސަލައިގައި ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، ފައްޔާޒާ ގުޅޭ މައްސަލައިގެ ކަންކަން ނަޝީދު އަދިވެސް ހުއްޓައެއް ނުލައްވަ އެވެ.

އެނގިފައިވާ ގޮތުގައި، ފައްޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރެއްގެ ސޮއި ހޯއްދަވަން ނަޝީދު އަދިވެސް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ފައްޔާޒާ ދެކޮޅަށް 30 ސޮއި މިހާރު ހަމަ ކުރެއްވިފައިވާ ކަމަށާއި ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު މިއަދު ހަވީރު ވިދާޅުވި ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ.

"މިހާރު" އަށް ލިބިފައިވާ އެ މެސެޖުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށެވެ.

"ފަޔާ ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅު ވާނީ. އަޅުގަނޑުމެން އެންމެން ވެސް މިދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން،" ނުރަސްމީ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދުގެ މެސެޖުގައި ވެ އެވެ.

ނަޝީދު، ވަޓްސްއެޕް ގުރޫޕަށް އެ ގޮތަަށް މެސެޖު ކުރެއްވި ކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ގަވައިދު ބުނާގޮތުން މަދުވެގެން 10 މެމްބަރެއްގެ ސޮޔާ އެކު އެވެ. އަދި އެ މައްސަލަ މަޖިލިހުން ފާސްކުރަން ބޭނުންވާނީ 44 ވޯޓެވެ. އެއީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. ނަޝީދު ބޭނުންފުޅުވަނީ 44 ވޯޓު ކާމިޔާބު ކުރެއްވޭ ވަރުގެ ޔަގީންކަމާ އެކު، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ކަމަށް ވެ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް މައްސަލަ ހުށަހަަޅުއްވަން ނަޝީދު ނުކުންްނެވީ އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ފައްޔާޒް "ބްރޯ" އަކަށް ވެގެން އުޅުއްވާ ކަމަށް ބެލެވޭތީ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެ މަނިކުފާނު ކުރިން ވަނީ އެގޮތަށް ނޫޅުއްވަން ފައްޔާޒަށް އަންގަވައިފަ އެވެ.

ފައްޔާޒު "ބްރޯ" އަކަށް ވާން އުޅުއްވާ ކަމުގެ ތުހުމަތު ނަޝީދު ކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބްރޯ ނިސްބަތް ކުރެވުނީ ކުރު މުއްދަތަކުން ސިޔާސީ ބާރުވެރިކަން ހޯއްދަވައި ކޮރަޕްޝަނާއި ރިޝްވަތުން ނިޒާމުތަކަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސަކަށް ހުންނަވައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތް ހިންގަވައި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި އެހެން ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރިޝްވަތުގެ ގޮތުގައި ދެއްވައި މުޅި ނިޒާމު ކޮންޓްރޯލް ކުރެއްވި ކަމުގެ ތުހުމަތު ތަހުގީގީ އިދާރާތަކުން އޭނާގެ މައްޗަށް ކުރެ އެވެ.

މަޖިލީހުގެ ވޯޓުތައް ވެސް ކުރިއަށް ގެންދެވީ އަދީބު ބޭނުންވާ ގޮތަކަށް ކަމުގެ ތުހުމަތު ކުރެވުނެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅުއްވައި، ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އަދިވެސް އެ ކަންކަމުގައި އެ ބޭފުޅުންނާ ގުޅުއްވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ފަޔާއަށް އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއުވެސް ކުރައްވާނެ ކަމަށެވެ.