ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅުއްވައި، ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އަދިވެސް އެ ކަންކަމުގައި އެ ބޭފުޅުންނާ ގުޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
14 އޯގަސްޓް 2020
ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅުއްވައި، ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އަދިވެސް އެ ކަންކަމުގައި އެ ބޭފުޅުންނާ ގުޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ކުރި ސުވާލަކާ ގުޅިގެން ފައްޔާޒް ވިދާޅުވިއިރު، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންގެ ސޮއި ހޯއްދަވަން ފައްޓަވައިފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ނަޝީދު އިއްޔެ ލިޔުއްވި ވާހަކަފުޅުތަކުން ދޭހަވަނީ، ފައްޔާޒާ ދެކޮޅަށް ސޮއި ހޯއްދަވާ މައިގަނޑު އެއް ސަބަބަކީ މި ސަރުކާރުގެ "ބްރޯ" އަކަށް ވުމުގެ ފުރުސަތު އޭނާ އަށް ނުދެއްވުމަށެވެ.
"މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒު ފޯރުވައި ކޮންޓްރެކްޓް ދީ ހުރިހާ ތަނަކަށް އައި ލަސްތަން. އެހެނެއް މިކަމެއް ނުވާނެ،" ވަޓްސްއެޕް ގުރޫޕުގެ މެސެޖުތަކުގެ ތެރެއިން އެއް މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.
ފައްޔާޒު ރޭ ވިދާޅުވީ، މެމްބަރުން އެދިވަޑައިގަންނަވާ ކަންތައްތަކުގައި މިނިސްޓަރުންނާ ވެސް ހަމަ އެގޮތަށް ވާހަކަ ދައްކަވާ ކަމަށެވެ. އެކަމުގައި މެމްބަރުން ނިސްބަތްވާ ޕާޓީ އަށް ބައްލަވާފައި ނުވާނެ ކަމަށާއި މުއާމަލާތު ކުރައްވަނީ ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރުންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބްރޯ" ހެދިގެން [ނުފޫޒު ގަދަ ވަޒީރަކަށް ވެވަޑައިގެން] އުޅުއްްވާ ކަމަށް ފައްޔާޒަށް ކުރެވޭ ތުހުމަތާ ގުޅުވައި ދައްކާ ވާހަކަ އަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވި ގޮތުގައި، މެމްބަރުން އެދިވަޑައިގަންނަވާ ކަންކަމުގައި މިނިސްޓަރުންނާ ވާހަކަ ދެއްކެވުމާއި ސަރުކާރުން ބޭނުންވާ ކަންކަމުގައި މެމްބަރުންނާ ވާހަކަ ދެއްކެވުމަކީ އޭނާ "ވަރަށް ގަދަ އަށް" ކުރައްވާ ކަމެކެވެ. އޭގެ ތަފްސީލު ދެއްވަމުން ވިދާޅުވީ މެމްބަރުން ގުުޅުއްވަނީ އެ މެމްބަރެއްގެ ދާއިރާއާ ގުޅޭ ކަންތައްތަކުގައި ކަމަށެވެ.
"ދާއިރާއެއްގައި ހުރި ދަތިކަަމެއް، ދާއިރާގައި ހުރި ރައްޔިތަކަށް އޮތް ދަތިކަމެއް، އެހީތެރިކަމެއް ބޭނުންވާ ކަމެއްގައި ކޮންމެ މެމްބަރަކު ގުޅިޔަސް އަޅުގަނޑަށް ވީ ވަރަކުން އެކަމެއް ކޮށްދީފައި ވާނީ. ހަމަ ކުރިން މި ދެންނެވިހެން އެހެން މިނިސްޓްރީއަކާ ގުޅައިގެން ވެސް އަޅުގަނޑަށް ވީ ވަރަކުން އެެ ކަންކަން ކޮށްފައި ހުންނާނީ،" ފައްޔާޒު ވިދާޅުވި އެވެ.
މެމްބަރުންނާ ކުރައްވާ މުއާމަލާތުގެ އަނެއް ފަރާތް ވެސް އޭނާ ވަރަށް ތަފުސީލުކޮށް ވިދާޅުވި އެވެ. އެ ތަފްސީލު ދެއްވީ މިނިވަން މުއައްސަސާއަކަށް ސަރުކާރުން ބޭނުންވާ މީހަކު އައްޔަން ކުރަން މެމްބަރުންނާ ގުޅުއްވައި ލޮބީ ކުރެއްވިންތޯ ޕްރެޒެންޓަރު ސުވާލު ކުރުމުންނެވެ.
"... ދެން ތިޔަ ވިދާޅުވީ މިނިިވަން މުއައްސަސާއަކަށް މީހަކު ލާން ނޫންނިއްޔާ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމެއް ކުރަން [ގުޅަންތޯ]. ޔެސް. އެއީ ސަރުކާރަކީ. ރައީސުލްޖުމްހޫރިއްޔާ ވަކި ބޭފުޅުންތަކެއްގެ ނަން މިނިވަން މުއައްސަސާއަކަށް ނޫނީ ތަނަކަށް ލާން ފޮނުއްވީމާ، އަޅުގަނޑަކީ ސަރުކާރު، އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާ މިތާ ބަހައްޓަވާފައި ހުންނަ މީހެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައެއް މެމްބަރުންނަށް ގުޅުއްވާކަން ދޭހަވާ ގޮތަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ނިޒާމު ބައްޓަން ވެފައި އޮންނަނީ އެހެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް ލޮބީކުރަން ޖެހެ އެވެ. މަޖިލީހަށް ސަރުކާރުން ބިލެއް ފޮނުވާފައި އެ ބިލް ފާސްކުރަން ބޭނުންވުމުން، އެ ބިލަށް ލޮބީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ބިލެއް ފާސްކޮށްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި އެ ނޫން މެމްބަރުންނާ ވެސް ގުޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ އެއްވެސް މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އެއީ މައްސަލައެއް ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިގަންނަވާ ނަމަ މި ނިޒާމުގައި މަސައްކަތް ކުރާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ބައެއް މެމްބަރުން ނަޝީދާ ދެކޮޅަށް ނުކުންނަވައިފި
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒުގެ ވޯޓު ފާސްކުރަން ވޯޓު ހަމައެއް ނުވޭ
ގޮނޑިތައް ދިނީ ރައީސަށް ޖެއްސުންކުރާކަށް ނޫން:ރޮޒައިނާ