Roadha Mihaaru

ފައްޔާޒާ ދެކޮޅަށް ސީދާ ނަޝީދު، ބައެއް މެމްބަރުން ފައްޔާޒާ އެއްކޮޅަށް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯއްދެވުމުގައި އަމަލީ ގޮތުން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވާއިރު، އެކަމާ ދެކޮޅަށް ފާޅުގައި ބައެއް މެމްބަރުން ނުކުންނަވަން ފައްޓަވައިފި އެވެ.

ބައެއް މެމްބަރުން ނަޝީދާ ދެކޮޅަށް ނުކުންނަވައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

12 އޯގަސްޓް 2020

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯއްދެވުމުގައި އަމަލީ ގޮތުން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވާއިރު، އެކަމާ ދެކޮޅަށް ފާޅުގައި ބައެއް މެމްބަރުން ނުކުންނަވަން ފައްޓަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދަން ބޭނުންވާ ލިޔުމުގައި ސޮއި ހަމަކުރަން އިސްވެ އުޅުއްވަނީ ސީދާ ނަޝީދެވެ. ބައެއް މެމްބަރުން އަރިހަށް އަމިއްލަފުޅަށް ވަޑައިގެން، އެ ބޭފުޅުންނަށް "އާދޭސް" ދަންނަވައިގެން ސޮއި ހޯއްދަވަނީ ވެސް އެ މަނިކުފާނެވެ. އެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ނަޝީދެވެ.

ނަމަވެސް ފައްޔާޒާ ދެކޮޅަށް ބޭނުންވާ ސޮއި ހޯއްދަވަން ސީދާ ނަޝީދު ފެއްޓެވީ އެނގިފައިވާ ގޮތުގައި، އެ ޓާސްކު ހަވާލުކުރެއްވި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ބޭފުޅަކަށް އެކަމުގައި އެހެން މެމްބަރުންގެ ފަރާތުން އެއްބާރުލުން ލިބިވަޑައިނުގަތުމުންނެވެ.

"އެހެންވެ، ސީދާ ނަޝީދު އެ ލިޔުން ހިފައިގެން މެމްބަރުން ކައިރިއަށް ވަޑައިގެން ސޮއި ހޯއްދެވި މިއަދު ވެސް. [މަޖިލީހުގެ އިދާރާގެ] ސައި ކޮޓަރީގައި ވެސް ނަޝީދު އެކަމުގައި އަމަލީ ގޮތުން އުޅުއްވި. ބައެއް މެމްބަރުން ސޮއިނުކުރެއްވީމާ، ސޮއިކުރައްވަން ބާރު އަޅުއްވައި ވެސް ހެއްދެވި،" މަޖިލީހުގެ މެމްބަރަކު "މިހާރު" އަށް ވިދާލުވި އެވެ.

"އެއް މެމްބަރަކު ވިދާޅުވި، ނަޝީދު ސީދާ ވަޑައިގެން ސޮއިކޮށްދޭށޭ ވިދާޅުވީމާ ތިމަންނަ ދެން ކިހިނެއްހޭ ހަދާނީ."

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި އަދި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ މެމްބަރުން އެކަންޏެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި ފައްޔާޒު ބޭރުކުރަން ދެކޮޅު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ސީދާ ނަޝީދަށް ދެންނެވި އެވެ. ސަބަބެއް ކަމަށް އެ ބޭފުޅުން ދެންނެވީ، އެއީ އަމިއްލަ ޕާޓީގެ ވަޒީރަކަށް ވެފައި، ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށައިފި ނަމަ މަސްލަހަތު ގެއްލި، އެތެރޭގެ ހަމަނުޖެހުމާއި ހިޔާލު ތަފާތުވުންތައް ބޮޑުވާނެތީ އެވެ.

"އެއީ މިސަރުކާރުގައި ހުންނެވި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއް ވަޒީރު. އަނެއްކާ އެއީ ޕާޓީއަށް ވެސް ބުރަކޮށް މަސައްކަތް ކޮށްދެއްވާ އެމްޑީޕީގެ ވަޒީރެއް. އެހެންވީމާ އޭނާގެ އިތުބާރުގެ މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.

ފައްޔާޒާ ދެކޮޅަށް ނަޝީދު އިސްވެ ނުކުންނެވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. އިތުބާރު ނެތްކަމަށް ހުށަހަޅަން ބޭނުންވާ ލިޔުމުގައި އޮތީ އެމްޑީޕީގެ ވައުދުތައް އޭނާ އަށް ފުއްދައި ނުދެއްވޭތީ އިތުބާރު ގެއްލުނީ ކަމަށެވެ.

ނަމަވެސް، އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި މައްސަލަ އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ވުން ކަމަށް ވަރަށް ގާތެވެ. އެއް ކަމަކީ، އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޓޫރިޒަމް މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވުމެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ބޭނުންވާ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަކުރެއްވުމަކީ ނަޝީދުގެ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމެއް ކަމަށް ވެ އެވެ.

"އެއީ ކޯލިޝަނަށް އެ ފުރުސަތު ދެއްވަން ރައީސް ނަޝީދު ބޭނުންފުޅު ނުވާތީ ކަމަށް ވަނީ. އެ ސްލޮޓަށް ރައީސް ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީގެ ބޭފުޅެއް ގެންނަނަވަން. ކަންކަން ހުރި ގޮތުން ކޯލިޝަންގެ ވެރިކަމެއް ކުރިއަށް ގެންދެވޭނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވާ،" މިހާރުއާ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި މެމްބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ އެ ސްލޮޓް އެ ޕާޓީއަކަށް ގެއްލުވާލައި، އެ ފުރުސަތު އެމްޑީޕީ އަށް ފަހިކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިހާރު ވެސް ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެއީ ވެސް މި ކޯޅުމުގެ ބައެއް ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އެ އިސްލާހު ގެނައުމަކީ ކޯލިޝަނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ގަބޫލު ކުރައްވަ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވަން ވެސް ފައްޓަވައިފަ އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ފުރިހަމަ އިތުބާރު އެބައޮތް،" ނިޔާޒް ވިދާޅުވި އެވެ.

މެމްބަރު ނިޔާޒުގެ ޓުވީޓް

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވީޓުގައި ވިދާޅުވީ، ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި ވަޒީރު ކަމަށާއި އޭނާ އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މި ސަރުކާރަށާއި މިނިސްޓަރު ފަޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"ފައްޔާޒު އިސްމާއިލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި ކަމަށް ވާއިރު، މިހާތަނަށް ވިއްސަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެނގިފައި ވެ އެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ފައްޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ، މި ސަރުކާރުގައި ހުންނަވައިގެން އިތުބާރު ގެއްލޭ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހުރިހާ ކަމެއް މި ކުރަނީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރަން. އަޅުގަނޑު ހީކޮށްގެން މި ހުރީ ވަރަށް ރަނގަޅަށޭ އަޅުގަނޑަށް މަސައްކަތް މި ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ބޭނުންވެގެން ނޫން ގޮތަކަށް މިހާރު މަޖިލީހުން އެއްވެސް ކަމެއް ފާހެއް ނުވާނެ އެވެ.