Roadha Mihaaru
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"

ފައްޔާޒު ވަކި ކުރުމުގެ މައްސަލާގައި ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް، މަޖިލީހަކަށް ނާދޭ: ނަޝީދު

07 އޮކްޓޯބަރ 2020

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ހިނގަމުން ދަނީ އެމްޑީޕީގެ އެތެރޭގައި ކަންތައްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ހިނގަމުން ދަނީ އެމްޑީޕީގެ އެތެރޭގައި ކަންތައްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު އިސްވެ ހުންނަވައިިގެން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ސޮއިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ، އޭނާ ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުގައި މިވަގުތު ނުހިނގާ ކަމަށާއި އެކަމަކު އެކިއެކި ވަޒީރުންނާ ގުޅޭ ކަންކަން އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ހިނގަމުންދާ ކަމަށެވެ. އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުމަކީ އެ ޕާޓީން އަބަދުވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ ކަންކަން ކަމަށާއި އެކަމާ ގުޅިގެން އެމްޑީޕީން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެއްވެސް ބޭފުޅަކު ސޮއި ކުރައްވާފައެއް ނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެއް ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް އަނެއް ބޭފުޅަކު ވިދާޅުވެ ދެއްވަންޖެހޭ ދެ ބޭފުޅުން ނޫން ކަމަށެވެ. އެ ދެ ބޭފުޅުން ކަންކަން ކުރައްވާނީ އެއީ ކޮން ކަމެއްކަން ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ މީހުންނަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓާށާއި ކަންކަން ފަށަން ބުނަން ޖެހޭ ދެ މީހުންނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި ވެސް ނަޝީދާއި ފައްޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާ ވެސް ރައީސް ވަކިވަކިން ބައްދަލު ކުރެއްވި އެވެ.