އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
17 އޯގަސްޓް 2020
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"ން ދެންނެވި ސުވާލަކާ ގުޅިގެން ރައީސް އެހެން ވިދާޅުވިއިރު، އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަދި ސިޔާސީ ބައިވެރިޔާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅުއްވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަން މަޖިލިހުން ފާސްކުރަން ބޭނުންވަނީ 44 ވޯޓު ކަމަށް ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަނުވާ ކަމަށް ވެ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މި މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށެވެ. އަދި އެއީ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ވަޒީރެއް ކަމަށް ވެސް، ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް މިނިސްޓަރު ފަޔާއާ ދޭތެރޭގައި. ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމުގައި މިނިސްޓަރު ފަޔާ ހުންނެވީ. އަޅުގަނޑުމެން ވި ވައުދުތައް ފުއްދުމުގައި ވެސް ހުންނެވީ ވަރަށް ކުރީގައި. ޚާއްސަކޮށް ކޮވިޑާ ގުޅިގެން މި ދިމާވި ކަންކަން ހައްލު ކޮށްދެއްވުމުގައި ވަރަށް ބުރަކޮށް އުޅުއްވާ މިނިސްޓަރެއް އެއީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފައްޔާޒު މަގާމުން ވަކިކުރަން ޖެހޭ ވަރުގެ ކަމެއް އަދި ކުރިމައްޗެއް ނުވެ އެވެ.
"ފަޔާގެ އެއްވެސް ޝަކުވާއެއް ވެސް އަޅުގަނޑާ ހަމައަކަށް ނާދޭ. ދެން ކަންކަން ނިންމާއިރު، އެންމެން ރުހޭ ޑިސިޝަނަކަށް ނުވެދާނެ ބައެއް ފަހަރު ނެގެނީކީ. އެންމެންގެ މަސްލަހަތަށް ބަލާފައި ނޫނީ ދައުލަތަކުން ކަމެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ފަޔާ ދިފާއު ކުރަން އަޅުގަނޑު މަސައްކަތް ކުރާނަން."
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގުރޫޕުން ލީކުވި މެސެޖުތަކުން އެނގޭ ގޮތުގައި، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނަޝީދު ބޭނުންފުޅުވަނީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރަކަށް ވެ، "ބްރޯ" އެއްގެ ދައުރު އަދާކުރައްވާތީ އެވެ.
"ފަޔާ ވެސް މި ޕާޓީގެ ތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ" ފައްޔާޒު ވެސް އުޅުއްވަން ޖެހިވަޑައިގަންނަވަނީ ނިޒާމުގެ ތެރޭގައި ކަމަށް ވިދާޅުވެ، ވަޓްސްއެޕް ގުރޫޕުގައި ނަޝީދު ލިޔުއްވި މެސެޖުގައި ވެ އެވެ.
"މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒު ފޯރުވައި ކޮންޓްރެކްޓް ދީ ހުރިހާ ތަނަކަށް އައި ލަސްތަން. އެހެނެއް މިކަމެއް ނުވާނެ،" ތުހުމަތަކާ އެކު ނަޝީދު ވިދާޅުވި އެވެ.
"ބްރޯ" ކަމަށް ސިފަކުރައްވަނީ، ބެލެވޭ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބާރުގަދަ ވަޒީރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބަށް ނިސްބަތްކުރައްވަ އެވެ. އޭރު އަދީބަކީ ރައްޔިތުންގެ މަޖިލިހާއި ކޯޓުތައް ވެސް ކޮންޓްރޯލްކުރައްވާ ބޭފުޅެއް ކަމަށް، ގިނަ ބަޔަކަށް އޮތީ ސިފަވެފަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާކަން ތިލަވުމާ އެކު ފައްޔާޒު ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތަކުގައި މެމްބަރުންނަށް ގުޅުއްވައި ލޮބީ ކުރައްވާ ކަމަށެވެ. އަދި މެމްބަރުން ބޭނުންވާ ކަންތައްތަކުގައި އެހެން ވަޒީރުންނާ ވެސް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރިމަގުގައި ވެސް އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ
ބައެއް މެމްބަރުން ނަޝީދާ ދެކޮޅަށް ނުކުންނަވައިފި
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"
ސުޕަ މެޖޯރިޓީ އޮވެ ރައީސްގެ ކަންބޮޑުވުންތަކެއް!
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު