Roadha Mihaaru
ފައްޔާޒުގެ ވޯޓު ފާސްކުރަން ވޯޓު ހަމައެއް ނުވޭ

ފައްޔާޒުގެ ވޯޓު ފާސްކުރަން ބޭނުންވާ ވަރަށް ވޯޓު ހަމައެއް ނުވޭ

17 އޯގަސްޓް 2020

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، މިނިސްޓަރުކަމުން ފައްޔާޒު ދުރުކުރަން ފައްޓަވާފައިވާ މަސައްކަތްޕުޅުގައި އަދިވެސް ގެންދަވަނީ އެމްޑީޕީގެ މެމްބަރުންގެ ސޮއި ހޯއްދަވަމުންނެވެ. ބައެއް މެމްބަރުންނަށް އަމިއްލަފުޅަށް ގުޅުއްވައި ލޮބީ ކުރެއްވިޔަސް ސޮއި ނުކުރައްވާނެ ކަން ފާޅުގައި އެ ބޭފުޅުން ވަނީ ނަޝީދަށް ދަންނަވައިފަ އެވެ. އަނެއް ބައި މެމްބަރުން އުޅުއްވަނީ "ދުރުދުރުން" ނަޝީދަށް "ފިއްލަވައިގެން" ނެވެ.

ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން ވެސް މެމްބަރުންނަށް ލޮބީ ކުރަމުން އެބަ ގެންދެ އެވެ. ރައީސްގެ ފަރާތްޕުޅުން ގުޅުއްވާ ބޭފުޅުންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، މެމްބަރުންގެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރާއި މެމްބަރުންނާ އޮންނަ ގުޅުން ހީނަރުވުމެވެ. އެކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވާކަން ވެސް "މިހާރު"އަށް އެނގިފައިވެ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުން ފާސްކުރަން 44 ވޯޓު ބޭނުންވެ އެވެ. އެކަމަކު ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮ އެވެ. ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް އޭރު 30 މެމްބަރެއްގެ ސޮއި ލިބިވަޑައިގެންފައިވެ އެވެ. އެކަމަކު ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި އެ އަދަދަށް ވެސް އަަދި ސޮއި ހަމައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ހުށަހަޅާ މިފަދަ މައްސަލަތައް އެ ގުރޫޕުން ފާސްކުރެ އެވެ. ޕާލަމެންޓްރީ ގުރޫޕުން މައްސަލައެއް ފާސްކުރަން ބޭނުންވަނީ 32 ވޯޓެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހަޅައި، އެ ބޭފުޅުންގެ ހިޔާލު ހޯއްދަވައި، އެ ތަނުން ފާސްކުރުމުގެ ވިސްނުންފުޅެއް ވެސް ނަޝީދު ގެންގުޅުއްވި ކަމަށް ރޭ އަޑުފެތުރުނެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމާ މެދު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. ނަޝީދު ވިދާޅުވާ މައިގަނޑު ވާހަކައަކީ ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅާ އަށް ވެ، ދެވަނަ "ބްރޯ" އަކަށް ވުމުގެ ފުރުސަތު ނުދެއްވާނެ ކަމެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ފައްޔާޒު ގެންދަވަނީ އެ މަގަށް ކަންކަން ފަހިކުރައްވަމުންނެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތަކުގައި މެމްބަރުންނަށް ގުޅުއްވައި ލޮބީ ކުރައްވާ ކަމަށެވެ. އަދި މެމްބަރުން ބޭނުންވާ ކަންތައްތަކުގައި އެހެން ވަޒީރުންނާ ވެސް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެކަން ކުރިމަގުގައި ވެސް އެގޮތަށް ކުރިއަށް ގެންދަވާނެ އެވެ.